ޔޫއެންޕީގައި އެތެރޭގެ ކޯޅުމެއް ނެތް: ރަވީ

ކޮލަމްބޯ (ސެޕްޓެމްބަރު 3) - ސްރީ ލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ތެރޭގައި ކޯޅުމެއް ނެތް ކަމަށާއި ޕާޓީ ހިންގަމުން ދަނީ ވަރަށް ޑިމޮކްރެޓިކްކޮށް ކަމަށް، އެނާޖީ އެންޑް ބިޒިނެސް ޑިވެލޮޕްމަންޓް މިނިސްޓަރު ރަވީ ކަރުނަނަޔަކަ ވިދާޅުވެއްޖެ އެވެ.


މިނިސްޓަރު ވިދާޅުވީ ޕާޓީގެ އެންމެން ވެސް މިހާރު ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

ރަވީ މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ރިޔާސީ ކެންޑިޑޭޓަކާ މެދު ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށް ވާހަކަ ދެކެވޭ ދުވަސްވަރެއްގަ އެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.

"ރަނގަޅު ވަގުތުގައި ކެންޑިޑޭޓް އިއުލާން ކުރާނަން. ސިޔާސީ ޕާޓީއެއް ނަމަވެސް ގައުމު ވިޔަސް ރަނގަޅު އަޚުލާގު ބޭނުންވާނެ. އަޚުލާގެއް ނެތި ރަނގަޅަށް އެއްކަމެއް ވެސް ނުކުރެވޭނެ. ގައުމުގައި ސިފައިންނާއި ފުލުހުން ވެސް ތިބެނީ އެހެންވެ. ޕާޓީގެ ތެރޭގައި އަޚުލާގެއް ނެތް ނަމަ، ޕާޓީ އާއި ޕާޓީގެ ލީޑަރުގެ މަތިން މީހުން ހަނދާން ނައްތާލާނެ،" ކޮލަމްބޯގައި ބޭއްވި އިވެންޓެއްގެ ތެރޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލަންކާގައި އޮންނަ އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލުމަށް ބޮޑު ވަޒީރާއި ރައީސްއާ ދެމެދު މަޝްވަރާތަކެއް ކުރާކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ މައުލޫމާތު އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"ލަންކާގައި މިހާތަނަށް ހުރިހާ އިންތިޚާބެއް ވެސް ބާއްވާފައި ވަނީ އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލުމުގެ ބޭނުމުގައި،" އޭނާ ވިދާޅުވި އެވެ.

ޔޫއެންޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެންމެ ބޮޑަށް ވާދަކުރައްވަނީ ޕާޓީގެ ލީޑަރު އަދި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ޕާޓީގެ ޑިޕިއުޓީ ލީޑަރު އަދި ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސާގެ ދަރިކަލުން ސަޖިތު ޕްރެމަދާސާ އެވެ.

ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރު ވަނީ ރާޖަޕަކްސާގެ ކޮއްކޯފުޅު އަދި ކުރީގެ ބާރުގަދަ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ރާޖަޕަކްސާ ހަމަޖައްސައިފަ އެވެ.

ކުރިއަށް އޮތް އިންތިޚާބުތަކުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިހާރު ހުންނެވި ރާޖަޕަކްސާ ބައްދަލު ކުރައްވައި، ސިލްސިލާ މަޝްވަރާތަކެއް ވަނީ ފައްޓަވައިފަ އެވެ. ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާއި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ވެރިން ބައްދަލު ކުރެއްވި އިރު ޕާޓީތަކުން މިހާރު ދަނީ އަންނަ ޑިސެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންނެވެ.