ދުނިޔެ / ކާއިނާތް

ޖައްވުގެ ތެރެއިން ގޮތް ނޭނގޭ އަޑުތަކެއް

ޖައްވުގެ ތެރެއިން ރޭޑިއޯ ސިގްނަލްތައް އަންނަ ގޮތް ދައްކައިދޭ ޚިޔާލީ ކުރެހުމެއް.

14 އޮކްޓޯބަރ 2021 - 12:37

2 comments

ޖައްވުގެ ތެރެއިން ގޮތް ނޭނގޭ ރޭޑިއޯ ސިގްނަލްތަކެއް ލިބެމުން އަންނަތާ ދުވަސްތަކެއް ވެފައިވާތީ އެ އަޑުތަކުގެ ހަގީގަތް ދެނެގަތުމަށް ސައެންސްވެރިން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ގޮތް ނޭނގޭ ރޭޑިއޯ ސިގްނަލްތައް މިބިމާ ދިމާލަށް އަންނަނީ މިލްކީވޭގެ މެދާ ވީ މިސްރާބުންނެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ވަރަށް ގިނަ ރޭޑިއޯ ސިގްނަލްތައް ލިބިފައި ވިޔަސް، އެ ސިގްނަލްތަކުގެ ހަގީގަތަކީ ކޮބައިކަމެއް ފަލަކީ އިލްމުވެރިންނަކަށް އަދި ނުހޯދެ އެވެ.

ބައެއް ފަލަކީ އިލްމުވެރިންނާއި ސައެންސްވެރިންނަށް މިހާރު ބުރަވެވެނީ، އެ އަޑުތަކަކީ، ތަފާތު ގޭސްތަކާއި ޖައްވީ މާއްދާތައް އެކުވެގެން މިފަހަކުން އުފެދުނު ތަރިއެއް ނުވަތަ ޕްލެނެޓެއްގެ އުފަންވުމާ ގުޅިގެން، ޖައްވުގެ ތެރޭގައި އުފެދިފައިވާ އަޑުތަކެއް ކަމަށެވެ.

ރޭޑިއޯ ސިގްނަލްތައް އަންނަ އެއްޗެއް ދެނެގަތުމަށް، ބައިނަލްއަގުވާމީ ޖައްވީ ސައެންޓިސްޓުންތަކެއް މިހާރު ވަނީ، ހުޅަނގު އޮސްޓްރޭލިޔާގައި ހުންނަ އޮސްޓްރޭލިޔަން ސްކޮޔާ ކިލޯމީޓަރު އެރޭ ޕާތުފައިންޑާ (އޭއެސްކޭއޭޕީ) ކިޔާ ޖައްވީ ދުރުމިއެއް ބޭނުންކޮށްގެން ދިރާސާތަކެއް ހަދައިފަ އެވެ. އެ ދިރާސާގެ ހޯދުންތައް މިދިޔަ އާދީއްތަ ދުވަހު ވަނީ، ދި އެސްޓްރޯފިޒިކްސް ޖާނަލްގައި ޝާއިއުކޮށްފަ އެވެ.

ނެދަލޭންޑްސްގައި ގާއިމުކޮށްފައިވާ ރޭޑިއޯ ޓެލެސްކޯޕް، ލޯ ފްރެކެންސީ އެރޭގެ ބައެއް ބައިތައް

"މިދިޔަ 2020 ވަނަ އަހަރާއި މިހިނގާ 2021 ވަނަ އަހަރު އަހަރެމެން މިއައީ، ޖައްވުގެ ތެރެއިން ފެންނަ އާދަޔާ ހިލާފު އާ އެއްޗެހިތައް، އޭއެސްކޭއޭޕީގެ ޒަރީއާއިން ބަލައި ސާވޭ ކުރަމުން. ގެލެކްސީގެ މެދުތެރެއާ ވީ މިސްރާބުން އަހަރެމެންނަށް ފެނުނީ (ASKAP J173608.2−321635). މިއީ ވަރަށް ނާދިރު އެއްޗެއް. އެންމެ ފުރަތަމަ އަޑު އައި ދިމާލުން އެއްވެސް އެއްޗެއް ނުފެނެ. ދެން އޭގެ ފަހުން އޭގެ އަލި ގަދަވާން ފެށީ. ދެން އަނެއްކާ ވެސް އަލިކަން ފަނޑުވެގެން ދިއުމަށް ފަހު، އަލުން ފެންނަން ފެށީ. މިއީ ޖައްވީ އެއްޗަކުން ފެންނަ ވަރަށް އާދަޔާ ޚިލާފު ހަރަކާތްތަކެއް،" ސިޑްނީ އިންސްޓިޓިއުޓް ފޯ އެސްޓްރޮނޮމީ އެންޑް ސްކޫލް އޮފް ފިޒިކްސްގެ ޕްރޮފެސަރު ޓާރާ މާފީ ވިދާޅުވި އެވެ.

ޖައްވުގެ ތެރެއިން އަންނަ އަޑުތައް ދިރާސާކުރުމަކީ، ކައުނުގެ ސިއްރުތަކާއި އަޖާއިބުތައް ދެނެގަތުމަށްޓަކައި، ފަލަކީ އިލްމުވެރިން އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. އެ ގޮތުން އާންމުކޮށް ދިރާސާ ކުރަނީ، އަނދަމުންދާ ދަރިތަކާއި، އަނދައި ހުލިވެފައިވާ ތަރިތަކާއި، ކުއްލިއަކަށް ޖައްވުގެ ތެރޭގައި އުފެދޭ ބާރު އަޑުތަކެވެ.

މިދިރާސާކުރި ޓީމުން، ދެކުނު އެފްރިކާގައި ހުންނަ މިއާކެޓް (MeerKAT) ކިޔާ ރޭޑިއޯ ޓެލެސްކޯޕެއް ވެސް މިދިރާސާގައި ބޭނުންކުރި އެވެ. އަޑުތައް ދެނެގަތުމަށް ބޭނުންކުރާ މި ޓެލެސްކޯޕުން ކުރި ދިރާސާއިން އެނގުނު ގޮތުގައި، ޖައްވީ އެއްޗެހިތަކުން އަންނަ އަޑުތަކާ އަޅައި ބަލާއިރު، (ASKAP J173608.2−321635) އިން އަންނަ އަޑުތައް ވަރަށް ތަފާތެވެ.

މި ބިމުގެ އިރު ފަދަ ތަރިއެއް އޭގެ ހަކަތަ ހުސްވެ އަނދައި ހުލިވުމުން އޭގެ ބޭރު ފަށަލައިގެ ބައިތައް ޖައްވުގެ ތެރެއަށް ވިއްސިވިހާލިވެގެންދާ މަރުހަލާގައި އުފެދިފައިވާ ހެލިކްސް ނެބިއުލާ. ފޮޓޯ ނާސާ

މިދިރާސާ ކުރި އިރު، 2020 ވަނަ އަހަރުގެ ނުވަ މަސްދުވަހުގެ ތެރޭގައި، އެއް މިސްރާބަކުން ހަ ފަހަރަށް ރޭޑިއޯ ސިގްނަލްތައް ލިބިފައިވެ އެވެ.

"އެންމެ ފުރަތަމަ އަހަރެމެން ހީކުރީ، އެއީ ޖައްވުގެ ތެރޭގައި އެނބުރެމުންދާ މަރުވެފައިވާ ތަރިއަކުން، ނުވަތަ ބިޔަ އަލިފާން ހުޅުގަނޑުތައް ޖައްވުގެ ތެރެއަށް އަރައިގެންދާ ޒާތުގެ ތަރިއަކުން އުފެދިގެން އަންނަ އަޑުތަކެއް ކަމަށް. ނަމަވެސް މި އާ މަސްދަރުން އަންނަ ރޭޑިއޯ ސިގްނަލްތަކަކީ، ކުރިން މިބުނި ޒާތުގެ ޖައްވީ އެއްޗެހިން އަންނަ ސިގްނަލްތަކާ އެއްވެސް ގޮތަކުން ދިމާވާ އަޑުތަކެއް ނޫން،" ދިރާސާގެ އިސް މުއައްލިފު ޒިޓެންގް ވާންގް ވިދާޅުވި އެވެ.

ޖައްވުގެ ތެރެއިން އިވެން ފެށި މި އާ އަޑާ ބެހޭ ގޮތުން އެހެން ބަޔަކު ވެސް ދިރާސާއެއް ހަދައި މިހާރުވަނީ ޝާއިއުކޮށްފަ އެވެ. އެ ދިރާސާ ޝާއިއުކޮށްފައިވަނީ ނޭޗާ އެސްޓްރޮނޮމީ ކިޔާ ޖާނަލްއެއްގައި މިދިޔަ ހޯމަ ދުވަހު އެވެ.

މި ދިރާސާކުރި ސައެންސްވެރިން، ޖައްވުން އަންނަ އަޑުގެ ހަގީގަތް ދެނެގަތުމަށް ބޭނުންކުރީ، ނެދަލޭންޑްސްގައި ހުންނަ ވަރަށް ބާރުގަދަ ރޭޑިއޯ ޓެލެސްކޯޕެއް ކަމަށްވާ ލޯ ފްރެކެންސީ އެރޭ އެވެ. އެ ހޯދުންތަކަށް ފަހު ސައެންސްވެރިން ބުނެފައިވަނީ، މިލްކީވޭގެ މެދާވީ މިސްރާބުން އަންނަ ރޭޑިއޯ ސިގްނަލްތަކަކީ، އެ ސަރަހައްދުގައި ފޮރުވިފައިވާ ޕްލެނެޓަކުން އަންނަ އަޑުތަކަކަށް ވެދާނެ ކަމަށެވެ.

"ވަރަށް ދުރުގައިވާ، ރެޑް ޑްވާފްއޭ މިކިޔާ ބާވަތުގެ 19 ތަރިއަކުން އަހަރެމެންނަށް ރޭޑިއޯ ސިގްނަލްތައް ލިބިފައި އެބަހުރި. އޭގެ ތެރެއިން ހަތަރު ތަރިއެއްގެ ވަށައިގެން ދަތުރުކުރާ ޕްލެނެޓްތަކެއް އެބަހުރިކަން ވަނީ ހޯދިފައި،" މި ދިރާސާގެ އެއް ބައިވެރިއެއް ކަމަށްވާ ޔުނިވަސިޓީ އޮފް ކުއީންސްލޭންޑްގެ ޕްރޮފެސަރު ޑރ. ބެންޖަމިން ޕޯޕް ވިދާޅުވި އެވެ.

މިދިރާސާގައި ބައިވެރިވި ސައެންސްވެރިން އިތުބާރާއެކު ބުނާ ގޮތުގައި، މިހާރު ޖައްވުގެ ތެރެއިން އަލަށް އިވެމުން އަންނަ ގޮތް ނޭނގޭ ރޭޑިއޯ ސިގްނަލްތަކަކީ، ތަރިތަކަކާއި އެ ތަރިތަކުގެ ވަށައިގެން ދައުރުކުރާ ނުފެންނަ ޕްލެނެޓްތަކެއްގެ ދެމެދުގައި ހިނގާ ދަގަތްފާނީ އޮއިވަރުތަކުގެ ސަބަބުން އުފެދޭ އަޑުތަކެކެވެ. ޖުޕިޓާގެ ދަގަތްފާނީ ބާރާއި ޖުޕިޓާގެ ވަށައިގެން ދައުރުކުރާ ހަނދުގެ ދަގަތްފާނީ ބައްދަލުވުމުން ވެސް އެފަދަ ރޭޑިއޯ ސިގްނަލްތަކެއް އުފެދޭކަން ވަނީ ހޯދިފަ އެވެ.

2 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 29%
icon angry icon angry 4%
icon wow icon wow 33%
icon inlove icon inlove 21%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދާނޯމޮސް

16 October 2021

މިތަނަވަސް އަރާމު ދުނިޔޭގެ ގިޔާމަތުގެ އަލާމާތަކީ ލޮލުގެ އެސްފިޔަ ޖެހުން ފަދަ އަވަސް ހާދިސާއެކެވެ.

The name is already taken The name is available. Register?

ސައިމަން33

15 October 2021

ތީ ދައްޖާލު ފާޅުވަނީ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454