އަލް ވަކްރާ (ޑިސެމްބަރު 3) - ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ގާނާ ކެޓުމުން އެ ޓީމުގެ ކޯޗު، ކުރީގެ ކުޅުންތެރިޔާ އޮޓޯ އައްޑޯ މަގާމުން އިސްތިއުފާ ދީފި އެވެ.

އުމުރުން 47 އަހަރުގެ އައްޑޯ ގާނާގެ ގައުމީ ޓީމާ ހަވާލުވީ، މި އަހަރުގެ ފެބްރުއަރީ މަހު، އޭރު ކޯޗަކަށް ހުރި މިލޯވާން ރާޖެވަކް މަގާމުން ދުރުކުރުމުންނެވެ. އެންމެ ފުރަތަމަ ވަގުތީ ރޯލެއް އޭނާއާ ހަވާލު ކުރި ނަމަވެސް ފަހުން ވަނީ ޑިސެމްބަރު މަހުގެ ނިޔަލަށް އޭނާގެ މަގާމު ދާއިމީ ކޮށްފަ އެވެ.

ގާނާ ގައުމީ ޓީމުގެ ހެޑް ކޯޗުގެ އިތުރުން، އޭނާ އަކީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް ގެ ޓެލެންޓް ކޯޗެވެ.

"އަހަރެން އަބަދުވެސް ބުނަމުން އައީ، އަހަރެމެން ވޯލްޑް ކަޕަށް ކޮލިފައި ވިއަސް، މުބާރާތަށް ފަހު އަހަރެން އިސްތިއުފާ ދޭނެ ވާހަކަ، އެއީ އަހަރެމެން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ކަމުގައި ވީ ނަމަވެސް،" މެޗަށް ފަހު ވާހަކަ ދައްކަމުން އައްޑޯ ބުންޏެވެ.

"އަހަރެންގެ އާއިލާ އިން އަހަރެމެންގެ މުސްތަގުބަލް ކަމަށް ދެކެނީ ޖަރުމަން."

ގާނާ ވަނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ހަނި ތަފާތަކުން ޕޯޗުގަލް އަތުން 3-2 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ދެކުނު ކޮރެއާ އަތުން 3-2 އިން މޮޅެއް ހޯދި ނަމަވެސް، އެންމެ ފަހު މެޗުގައި އުރުގުއޭ އަތުން 2-0 އިން ބަލިވެ ކެޓީ އެވެ.

"ފުޓުބޯޅައަކީ ރީތި ކުޅިވަރެއް، ބައެއް ފަހަރު ވަރަށް ހުތުރުވާ ވަގުތު ވެސް އާދޭ، އަހަރެމެންނަށް މިއީ އޭގެން ދުވަހެއް. އަހަރެމެން އެބަ ޖެހޭ ދަސްކުރަން، މި ނާކާމިޔާބުން އަހަރެމެންގެ ކުރިމަގަށް ފިލާވަޅު ލިބިގަންނާނެ ކަމަށް އަހަރެން ޔަގީން ކުރަން،" އައްޑޯ ބުންޏެވެ.

އައްޑޯގެ މައިންބަފައިންނަކީ ގާނާގެ ރައްޔިތުން ނަމަވެސް އޭނާ އުފަންވީ ޖަރުމަނެވެ.