އަލް ރައްޔާން (ނޮވެމްބަރު 24) - ވޯލްޑް ކަޕުގެ ގުރޫޕް އެޗް ފުރަތަމަ މެޗުގައި އޭޝިއާގެ ގަދަ ބާރު ދެކުނު ކޮރެއާ އާއި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އުރުގުއޭ 0-0 އިން އެއްވަރުވެއްޖެ އެވެ.

މެޗުގެ ބޮޑު ބައެއް ދެކުނު ކޮރެއާ ޓީމުން ޑޮމިނޭޓް ކުރި ނަމަވެސް، ދެ ވަނަ ހާފުގައި އުރުގުއޭ އިން ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ.

ކައުންޓާ އެޓޭކްތަކުގައި، ލިވަޕޫލަށް ކުޅޭ ފޯވާޑް ޑާވިން ނޫނޭޒް ވެސް ވަނީ ކޮރެއާގެ ޑިފެންސަށް ނުރައްކާ ކޮށްފަ އެވެ. ނަމަވެސް ކޮރެއާގެ ޑިފެންސުން ހުށިޔާރު ކަމާއެކު އެޓޭކްތައް ހުއްޓުވި އެވެ.

އުރުގުއޭ އިން މެޗުގައި ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލު ދަނޑިއަށް އަމާޒު ވެފަ އެވެ. ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ކޯނަރެއްގައި ކެޕްޓަން ޑިއޭގޯ ގޮޑިން ބޮލުް ފޮނުވާލި ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އަދި މެޗުގެ 90 ވަނަ މިނިޓުގައި ފެޑެރިކޯ ވެލްވާޑޭ ދުރުން ފޮނުވާލި ބާރު ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެކުނު ކޮރެއާ ވެސް ގިނަ އެޓޭކްތަކެއް އުފައްދަން މަސައްކަތް ކުރި އެވެ. ނަމަވެސް އުރުގުއޭގެ ގޯލާ އަމާޒުކޮށް ފޮނުވާލާނެ މާ ހުސް ފުރުސަތެއް އެޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެ އެވެ.

ފުރަތަމަ ހާފުގައި އެޓީމަށް ލަނޑުޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ ފޯވާޑް ހުވަންގް އުއި ޖޯ އަށެވެ. ނަމަވެސް އޭރިއާ ތެރޭ މާކު ނުކޮށް ހުރި ފޯވާޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލު މަތިން ބޭރަށެވެ.

މެޗުގެ އިތުރު ވަގުތުގައި، އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ކޮރެއާގެ ތަރި ސޮން ހެއުން މިން ދުރުން ބާރު ހަމަލާއެއް ފޮނުވާލި އެވެ. އެކަމަކު އެ ހަމަލާ ގޯލާ އަމާޒެއް ނުވި އެވެ.

ދެކުނު ކޮރެއާ އާއި އުރުގުއޭ އާއެކު ގުރޫޕް އެޗް ގައި ދެން ހިމެނެނީ ޕޯޗުގަލް އާއި ގާނާ އެވެ.