ޖިއްދާ (އޭޕްރީލް 26) - އޭއެފްސީ ޗެމްޕިއަންސް ލީގް އެލީޓްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ސައުދީ އަރަބިއްޔާގެ އަލް އަހްލީ ހޯދައިފި އެވެ.

ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި އަހްލީ ޗެމްޕިއަންކަން ހޯދީ، ޖަޕާންގެ މަޗީޑާ ޒަލްވީއާ ވާދަކޮށް އިތުރު ވަގުތު ކުޅެގެން 1-0 އިން މޮޅު ވެގެންނެވެ.

ލަނޑެއް ނުޖެހި ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ހަވަނަ މިނިޓުގައި އަހްލީ މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ ސައުދީ ގައުމީ ޓީމްގެ ފޯވާޑް ފިރާސް އަލް ބުރައިކާން އެވެ. ރިޔާދު މާރޭޒް ނަގައިދިން ބޯޅަ ގޯލުގެ ފާ ޕޯސްޓް ކައިރިއަށް އަރައި ފްރޭންކް ކޭސީ ކޮންޓްރޯލް ކޮށްލުމާ އެކު އެއް ފަހަރުން ޖަހައި ގޯލަށް ފޮނުވާލީ ފިރާސް އެވެ.

މާރޭޒް އާއި ކޭސީގެ އިތުރުން އައިވާން ޓޯނީ އާއި ގޯލްކީޕަރު އެޑުއާޑޯ މެންޑީ އަދި ރޮބާޓޯ ފިރްމީނޯ އާއި މެރީ ޑެމިރާލް އާއެކު އަހްލީ ވަނީ މިދިޔަ އަހަރު މުޅިން އަލަށް އޭޝިއާ ބައްރުގެ އެންމެ މަތީ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދީ ޖަޕާންގެ ކަވަސާކީ ފްރޮންޓަލޭ ބަލިކޮށެވެ. މިދިޔަ ސީޒަންގެ ކާމިޔާބީއަށް ފަހު ފިރްމީނޯ ވަނީ ގަތަރުގެ އަލް ސާދް އަށް ބަދަލު ވެފަ އެވެ.

ރޭގެ ފައިނަލްގައި އަހްލީގެ ދެ ކުޅުންތެރިންނަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މެޗުގެ 68 ޗަނަ މިނިޓުގައި ފުލްބެކް ޒަކަރިއާ ހަވަސާވީ އަށް ރަތް ކާޑު ދެއްކި އިރު، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ބެންޗުގައި އިން ފުލްބެކް މުހައްމަދު އަބްދުއްރަހްމާން ވެސް ވަނީ ބެންޗުން ފޮނުވާލައިފަ އެވެ.

މިއާ އެކު ސައުދީ ލީގު ތިން ވަނައިގައި އޮތް އަހްލީ މި ވަނީ އަންނަ ސީޒަންގެ ވެސް ޗެމްޕިއަންސް ލީގު އެލީޓް އިން ފުރުސަތު ހޯދައިފަ އެވެ.

މި ވަގުތު ސައުދީ ލީގުގެ އެއް ވަނައިގައި އޮތް އައް ނަސްރު ވަނީ އޭޝިއާގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގު 2 ގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ނަސްރު އަންނަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ފައިނަލް މެޗު ކުޅޭނީ ޖަޕާންގެ ގަމްބާ އޮސާކާއާ ދެކޮޅަށެވެ.