މި އަހަރުގެ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު އުމުރުން 15 އަހަރުގެ ބެޓްސްމަން، ރާޖަސްތާން ރޯޔަލްސްގެ ވެއިބަވް ސޫރިޔަވަންޝީ މި ވަނީ ޒުވާން އުމުރުގައި ޝަރަފްވެރި ގިނަ ރެކޯޑްތަކެއް ހަދައިފަ އެވެ.
ރާޖަސްތާން ރޯޔަލްސް އަށް ފައިނަލަށް ނުދެވުނީ ޕްލޭއޮފްގެ ފަހު ކޮލިފަޔާސްގައި ގުޖުރާތު ޓައިޓަންސް އަތުން ބަލިވެގެންނެވެ. އެ މެޗުގައި ސޫރިޔަވަންޝީ 47 ބޯޅައިން 96 ލަނޑު ހެދި އެވެ. އަދި އެ މެޗުގައި އޭނާ ވަނީ އައިޕީއެލްގައި އެންމެ އަވަހަށް 1000 ލަނޑު ހަމަކުރި އިންޑިއާގެ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އޭނާ މި އަދަދަށް ލަނޑު ހަދާފައި ވަނީ 23 އިނިންސް އިންނެވެ.
ފައިނަލަށް ނުދެވުނަސް އޭނާ މުބާރާތް ނިންމާލީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ފަހަތަށް ޖައްސާލައި، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާ އެކު އެވެ.
މިދިޔަ އަހަރު އުމުރުން 14 އަހަރުގައި އައިޕީއެލް ކެރިއަރު ފެށައި ސެންޗަރީއެއް ވެސް ހެދި ސޫރިޔަވަންޝީ ވަނީ، މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާގެ އެވޯޑާއި، އެންމެ ގިނަ ބޯޅަ ހަޔަކަށް ޖެހި ކުޅުންޔެރިޔާގެ އެވޯޑް އަދި އެންމެ އުންމީދީ ކުޅުންތެރިޔާއަށް ދޭ އެމާޖިން ޕްލޭޔާ އޮފް ދަ ސީޒަން އެވޯޑާއި ސްޓްރައިކް ރޭޓް އެންމެ މަތީ ކުޅުންތެރިޔާއަށް ދޭ އެވޯޑާ އެކު ޖުމްލަ ފަސް އެވޯޑް ހޯދައިފަ އެވެ.
މިއީ އައިޕީއެލް ކްރިކެޓް ސީޒަނެއްގައި އެއް ކުޅުންތެރިއަކު މިހާތަނަށް އެންމެ ގިނަ އެވޯޑް ހާސިލް ކުރި ފަހަރެވެ. މިއިން ކޮންމެ އެވޯޑަކަށް އޭނާ އަށް ވަނީ 10،000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމު ލިބިފަ އެވެ.
މި ސީޒަންގައި ދެ ސެންޗަރީ (100 ލަނޑު) ހެދުމުގެ އިތުރުން އޭނާ ވަނީ ޕްލޭއޮފްގައި ސަންރައިޒާސް ހައިދަރުއާބާދާ ދެކޮޅަށް 16 ބޯޅައިން ހާފް ސެންޗަރީއެއް (50 ލަނޑު) ހަދައި، މުބާރާތުގެ ޕްލޭއޮފްގައި އެންމެ އަވަސް ހާފް ޗެންޗަރީގެ ރެކޯޑަކާ ވެސް އެއްވަރު ކޮށްފަ އެވެ. އައިޕީއެލްގައި ދެވަނައަށް އަދި ތިންވަނައަށް އެންމެ އަވަހަށް 100 ލަނޑު ހަމަކުރި ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތީ އޭނާ އަތުގަ އެވެ.
ސޫރިޔަވަންޝީ އެންމެ ގިނަ ލަނޑު ހަދައި އޮރެންޖް ކެޕް ހާސިލް ކުރީ ޖުމްލަ 776 ލަނޑާއެކު އެވެ. އަދި އޭނާގެ ސްޓްރައިކް ރޭޓް ހުރީ 237.30 ގަ އެވެ.
އޭނާ ވަނީ މުބާރާތުގައި ކުރިމަތިލީ 327 ބޯޅައިން ޖުމްލަ 72 ބޯޅަ ހަޔަކަށް ޖަހައި، 2012 ވަނަ ސީޒަންގައި 456 ބޯލައިން 59 ލަނޑު ހެދި ކްރިސް ގައެލްގެ ރެކޯޑް މުގުރާލައިފަ އެވެ.
ރާޖަސްތާން ރޯޔަލްސް ކަޓުވާލައި ފައިނަލަށް ދިޔަ ގުޖުރާތު ޓައިޓަންސް، އިއްޔެގެ ފައިނަލުން ބަލިވީ އެންމެ ފަހުގެ ޗެމްޕިއަން ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރުސީބީ) އަތުންނެވެ.
މުބާރާތުގެ އިތުރު ވަނަތަކަށް ބަލައިލާއިރު، އެންމެ ގިނަ ވިކެޓް ނަގައިގެން ޕާޕަލް ކެޕް ހާސިލް ކުރީ ގުޖުރާތު ޓައިޓަންސްއަށް ކުޅޭ ދެކުނު އެފްރިކާގެ ފާސްޓް ބޯލަރު ކަގީސޯ ރަބާޑާ އެވެ. އެންމެ ގިނަ ބޯޅަ ހަތަރަކަށް ޖެހީ އެ ޓީމުގެ ސައި ސުދަރުސަން އެވެ. އަދި އެންމެ ގިނަ ޑޮޓް ބޯލް އުކީ އެ ޓީމުގެ މުހައްމަދު ސިރާޖެވެ.
ކެޗް އޮފް ދަ ސީޒަން އެވޯޑް ކޮލްކަތާ ނައިޓް ރައިޑާސްގެ މަނީޝް ޕާންޑޭ ހޯދި އިރު ފެއާޕްލޭ ޓީމަކަށް ހޮވުނީ ޕަންޖާބް ކިންގްސް އެވެ.