ޕެރިސް (ޖޫން 8) - ޖަރުމަންގެ އަލެކްޒެންޑާ ޒްވެރޭވް، ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ތަށި އުފުލާލައިފި އެވެ.
އުމުރުން 29 ވަނަ އަހަރުގެ ޒްވެރޭވް ވަނީ އޭނާ ވާދަކުރި ހަތަރުވަނަ ގްރޭންޑް ސްލޭމް ފައިނަލްގައި އިއްޔެ، އިޓަލީގެ ފްލާވިއޯ ކޮބޯލީ، 24، އާ ވާދަކޮށް ފަސް ސެޓަށް ކުޅެގެން 6-1، 4-6، 6-4، 6-7 (5-7)، 6-1 އިން މޮޅުވެފަ އެވެ.
މުބާރާތުގައި ޒްވެރޭވް ސީޑް ކުރެވުނީ ދެވަނައަށެވެ. ދުނިޔޭގެ އެއްވަނައިގައި އޮތް ކާލޯސް އަލްކަރާޒް އަނިޔާގެ ސަބަބުން މުބާރާތުގައި ވާދައެއް ނުކުރެ އެވެ. މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވުނު ޔަނިކް ސިނާ ވަނީ ދެވަނަ ބުރުން ކަޓައިފަ އެވެ. އަަދި ތިންވަނައަށް ސީޑް ކުރެވުނު ނޯވަކް ޖޮކޮވިޗް ވަނީ ތިންވަނަ ބުރުން ކަޓައިފަ އެވެ.
މިއީ 10 ވަނައަށް ސީޑް ކުރެވުނު ކޮބޯލީގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ 50 އަހަރު ތެރޭ ފްރެންޗް އޯޕަން ކާމިޔާބުކުރާ ފުރަތަމަ އިޓަލީ ކުޅުންތެރިޔާގެ ޝަރަފް ހޯދާށެވެ. އެންމެ ފަހުން މި މުބާރާތް އިޓަލީގެ ކުޅުންތެރިއަކު ކާމިޔާބު ކުރީ 1976 ގައި، އެޑްރިއާނޯ ޕަނާޓާ އެވެ. އެއަށް ފަހު މުބާރާތުގެ ފައިނަލަށް މިދިޔަ އަހަރު ފުރަތަމަ ފަހަރަށް އިޓަލީގެ ކުޅުންތެރިއެއް ދަތުރު ކުރި އެވެ. ނަމަވެސް ސިނާގެ މައްޗަށް ކުރި ހޯދީ އަލްކަރާޒް އެވެ.
"މި މެޗު ކުޅެވުނު ކޯޓަކީ ވަރަށް ގިނަ ގޮތްގޮތުން އަހަރެންނަށް ހާއްސަ ކޯޓެއް. އަހަރެންގެ ކެރިއަރުގައި އުފާވެރި ވަގުތުތަކާއި ހިތާމަވެރި އެތައް ވަގުތުތަކެއް މި ކޯޓުގައި ހޭދަ ކުރެވިއްޖެ،" އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ ޒްވެރޭވް، އިއްޔެގެ ފްރެންޗް އޯޕަން ފައިނަލް މެޗު ކާމިޔާބު ކުރުމަށް ފަހު ބުންޏެވެ.
"ހަތަރު އަހަރު ކުރިން މި ކޯޓުގެ އެހެރަ ކަނުގައި އަހަރެން އޮތީ ހަތް ލިގަމެންޓް ހަލާކުވެ، ދެ ކަށިގަނޑު ބިންދައިގެން ގޮސްފަ. ދެ އަހަރު ކުރިން ގްރޭންޑް ސްލޭމް ފައިނަލަކުން ބަލިވި، އެކަމަކު މިއަދު މި ލިބުނީ އުފާވެރި ނިމުމެއް."
މިދިޔަ އަހަރުގެ ފްރެންޗް އޯޕަންގެ ކުއާޓާއިން ޒްވެރޭވް ކެޓީ ޖޮކޮވިޗް އަތުން ބަލިވެގެންނެވެ. އަދި އޭގެ ކުރީ އަހަރު އަލްކަރާޒް އަތުން ފައިނަލްގައި ބަލި ވުމުގެ ކުރިން ވަނީ ޖެހިޖެހިގެން ތިން އަހަރު ސެމީ ފައިނަލްގައި ވާދަކޮށް ނާކާމިޔާބު ވެފަ އެވެ. އޭގެ ތެރޭން 2022 ވަނަ އަހަރު ސެމީގައި ރަފައެލް ނަޑާލާ ވާދަކުރި މެޗުގައި އޭނާއަށް މެޗު ނިންމާލަން ޖެހުނީ ފައިގެ ކުޑަހުޅު ވިދިގެންނެވެ.
ފްރެންޗް އޯޕަންގެ އަންހެން ސިންގަލްސް މި އަހަރު ކާމިޔާބު ކުރީ މިއްރާ އަންޑްރީވާ އެވެ.
އަށްވަނައަށް ސީޑް ކުރެވުނު އަންޑްރީވާ ވަނީ ފައިނަލްގައި ޕޮލެންޑްގެ މަޖާ ޗްވަލިންސްކާ، 24، އާ ވާދަކޮށް 6-3، 6-2 އިން މޮޅު ވެފަ އެވެ.
މިއީ ރަޝިއާގެ އުމުރުން 19 އަހަަރުގެ ކުޅުންތެރިޔާ ގްރޭންޑް ސްލޭމްގެ ފައިނަލަކަށް ވެސް ދަތުރު ކުރި ފުރަތަމަ ފަހަރެވެ.
ހަމަ އެއާއެކު މިއީ ޗްވަލިންސްކާގެ ވެސް ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލެވެ. އަދި މިއީ އޭނާ ފްރެންޗް އޯޕަން އަށް ކޮލިފައިވި ފުރަތަމަ ފަހަރު ވެސް މެ އެވެ.