ޖަރުމަނު ލީގުގެ މެޗެއްގެ ތެރެއިން ވާނާ.-- ފޮޓޯ: އޭއެފްޕީ
05 ޖޫން 2020 - 13:49
ބާލިން (ޖޫން 5) - ޖަރުމަނުގެ އާރްބީ ލިޕްޒިގަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ޓިމޯ ވާނާ ޗެލްސީ އަށް ސޮއިކުރުމާ ގާތުގައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ވާނާ ހޯދަން މީގެ ކުރިން އިންޓަ މިލާނާއި ބާސެލޯނާ އިން ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭރު ވާނާގެ އޭޖެންޓް ވަނީ އޭނާ ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަށް ކަމަށް ބުނެފަ އެވެ. ފަހުން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ވެސް ވާނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު އޭރު އޭނާ ބަދަލުވުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ލިވަޕޫލަށް ކަމަށް ދޭހަވާ ގޮތަށް ވެސް އޭޖެންޓް ޖަރުމަނު މީޑިއާގައި ވާހަކަ ދެއްކި އެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްއާ އެކު މަސައްކަތްކުރަން ބޭނުންވާ ކަމަށް މީގެ ކުރިން ވާނާ ވަނީ ބުނެފަ އެވެ. އަދި ލިވަޕޫލަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށާއި އެ ފަދަ ޓީމަކަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުމަކީ ވެސް އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ބުންޏެވެ.
ލިޕްޒިގާ އެކު ވާނާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން މި މަހު 15 ވަނަ ދުވަހުގެ ކުރިން 55 މިލިއަން ޕައުންޑް ޓްރާންސްފާ ފީއެއް ދައްކައިގެން އޭނާ ގަތުމުގެ އިހުތިޔާރު ލިބެ އެވެ. ލިވަޕޫލުން ވަނީ ކޮވިޑް-19ގެ މި ހާލަތުގައި އެ ވަރުގެ އަގެއް އިތުރު ފޯވާޑަކަށް ހަރަދުކުރަން ބޭނުންނުވާ ކަމަށް ބުނެ، އަގު ކުޑަކުރަން ހުށަހަޅައިފަ އެވެ. އެކަމަކު ލިޕްޒިގުން އެގޮތަށް އެއްބަހެއް ނުވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީން މިހާރު ވަނީ ލިޕްޒިގުން ވާނާ ވިއްކާލަން ކިޔާ އަގު ދޭން ނިންމައިފަ އެވެ. އަދި އުމުރުން 23 އަހަރުގެ ވާނާ އަށް ހަފްތާ އަކު 200،000 ޕައުންޑްގެ މުސާރައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. ޗެލްސީ އަށް މިހާރު މި ޑީލް ފުރިހަމަ ކުރަން ބޭނުންވަނީ ވާނާގެ ރުހުމެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ވާނާ ވަނީ ޗެލްސީގެ ހުށަހެޅުން ބަލައިގަންނަން ނިންމައިފަ އެވެ.
ވާނާ ވަނީ މި ސީޒަނުގައި މިހާތަނަށް 40 މެޗުން 31 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން 25 ގޯލަކީ މި ފަހަރު ލީގުގައި ޖެހި ގޯލުގެ އަދަދެވެ. މިއީ ވާނާގެ ކެރިއަރުގައި މިހާތަނަށް އޭނާ އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ސީޒަނެވެ.
ވާނާ އަގުބޮޑުވުމުން ލިވަޕޫލުން ވަނީ ޓްރާންސްފާ މާކެޓްގައި އިތުރު ކުޅުންތެރިންނާ މެދު ވިސްނަން ފަށައިފަ އެވެ. އެ ގޮތުން ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭ ލޯނެއްގެ ދަށުން ގެންނަން މަސައްކަތްކުރި އެވެ. އެކަމަކު މިހާރު ލިވަޕޫލުން އަންނަނީ ރޯމާ އަށް ކުޅޭ ޒުވާން ތަރި ނިކޯލޯ ޒަނިއޯލޯ ލިބޭތޯ މަޝްވަރާތަކެއް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޒަނިއޯލޯ ހޯދަން ލިވަޕޫލުން ބޭނުންވަނީ ޑޭޔާން ލޮވްރެން އާއި 25 މިލިއަން ޔޫރޯ ހުށަހަޅާށެވެ. އެއީ ޖެނުއަރީ މަހު ރޯމާ އިން ވަނީ ލޮވްރެން ގެންދަން މަސައްކަތްކޮށްފައިވާތީ އެވެ.
ޗެލްސީން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އަޔަކްސްގެ މިޑްފީލްޑަރު ހަކީމް ޒިޔެޗްގެ ސޮއިހޯދައިފަ އެވެ. އެއީ 36 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އެވެ. އަދި ޗެލްސީން ވަނީ އެ ޓީމުގެ އޮލިވިއޭ ޖިރޫޑާއި ވިލީ ކަބަލޭރޯގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލްލޮ
05 June 2020
އެސޮރު ސޮއި އެބައޮތް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހޮވައިގެން ގެނަސްފަ ޗައިނާ ޓައުން ގާތަށް ވެއްޓިފަ އޮއްވަ...އަންގާލަބަލަ...