އަބޫ ދާބީ (އޮކްޓޫބަރު 25) – އެމެރިކާގެ ޖަސްޓިން ގޭތުޖީ ބަލިކޮށް، މަންމަ އަށް ވީ ވައުދު ފުއްދުވުމުގެ ގޮތުން މިކްސް މާޝަލް އާޓްސް (އެމްއެމްއޭ) ވޯލްޑް ލައިޓްވެއިޓް ޗެމްޕިއަން ރަޝިއާގެ ޚަބީބް ނުމަގޮމެޑޯފް އުމުރުން 32 އަހަރުގައި ރިޓަޔާކޮށްފި އެވެ.
ދެ ވަނަ ބުރުގެ ޓެކްނިކަލް ނޮކްއައުޓުން ނުމަގޮމެޑޯފް މޮޅުވި މި މެޗަކީ، އޭނާގެ ބައްޕަ އަދި ކޯޗު އަބްދުލްމަނާފް ޖުލައި މަހު މަރުވި ފަހުން އޭނާގެ ފުރަތަމަ ތެޅުމެވެ. ބައްޕަ މަރުވީ ކޮވިޑުގެ ސަބަބުން ކުރިމަތިވި އިތުރު ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ.
އަބޫ ދާބީގައި ރޭ މޮޅުވުމަށް ފަހު ނުމަގޮމެޑޯފް އިއުލާންކުރި ގޮތުގައި އޭނާ އަކީ 13-0 ގެ ރެކޯޑަކާ އެކު، އެއްވެސް މީހަކަށް ބަލިކުރެވިފައި ނެތް އަދި އެއްވެސް ސުވާލެއް ވެސް ނެތް ގޮތެއްގައި ޗެމްޕިއަންކަން ކަމަށެވެ. އަދި 29-0 ގެ ރެކޯޑަކާ އެކު ޕްރޯ އެމްއެމްއޭ ވެސް ލީޑުކުރަނީ އޭނާކަން، މުހިއްމު ނިންމުމުގެ ކުރިން އޭނާ އިއުލާންކުރި އެވެ.
"މިއަދު އަހަރެން ބުނަން ބޭނުންވަނީ މިއީ އަހަރެންގެ ފަހު ތެޅުމޭ. އަހަރެންގެ ބައްޕައާ ނުލާ މިތަނަނަށް ދެން އަންނާނެ ގޮތެއް ނޯންނާނެ. ޔޫއެފްސީން ޖަސްޓިންގެ މެޗާ މެދު އައުމުން އަހަރެން މަންމައާ ތިން ދުވަސް ވަންދެން ވާހަކަ ދެއްކިން. ބައްޕައާ ނުލާ އަހަރެން މެޗަށް އަރަން މަންމަ ގަބޫލެއް ނުވި. އަހަރެން ބުނިން މިއީ ފަހު ތެޅުމޭ."
"މައިންބަފައިންނާ ގާތްކޮށް އުޅެން އަހަރެން ނަސޭހަތްތެރިވަން. މާދަމާ ވާނެ ގޮތެއް ނޭގޭ."
ޔޫއެފްސީގެ ރައީސް ޑަނާ ވައިޓް ރޭ ބުނި ގޮތުގައި ނުމަގޮމެޑޯފް މި މެޗުގައި ބައިވެރިވީ މީގެ ތިން ހަފުތާ ކުރިން ފައިތިލަ ބިންދައިގެންގޮސްފައި ވަނިކޮށް ކަމަށެވެ.
ނުމަގޮމެޑޯފްގެ ކާމިޔާބަށް އޭނާގެ ޒަމާންވީ ވާދަވެރިޔާ އަޔަލެންޑުގެ ކޮނޯ މެކްގްރެގޯ ވަނީ މަރުހަބާ ކިޔައިފަ އެވެ.