ރާއްޖޭގައި ބައްޔަކަށް ނުވާ ކަމަށް ގަބޫލު ކުރާ ބަލިތަކެއް އެބަހުއްޓެވެ؛ ބަލިމަޑުކަމެއް ވެސް އެބައޮތެވެ. އެކަމަކު އެކަން ގަބޫލުކުރަނީ ކިތައް މީހުން ހެއްޔެވެ؟

މިދިޔަ އަހަރަކީ، އެކަހަލަ ގަބޫލުކުރަން ދަތި، އެތައް ވާހަކަތަކެއް މި ނޫހުން ކިޔުންތެރިންނާ ހަމައަށް ގެނެސްދިން އަހަރެކެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުރި، ދައްކަން ބޭނުން ނުވާ ބައެއް "ބަލިތަކުގެ" ވާހަކަތައް ހިމެނެ އެވެ. އަދި، މުޖުތަމައުގައި އަށަގެންފައިވާ ސީރިއަސް، އިޖުތިމާއީ މައްސަލަތައް ވެސް ހިމެނެ އެވެ.

ދަރިމައިވުމުގެ މައްސަލަތައް

އުފަން ދަރިއެއް ލިބޭތޯ އިސްމާއިލް ރަޝީދު (ހައިރައިޒް އިއްސެ) އަދި މަރިޔަމް ނިއުމާ ކުރި 22 އަހަރުގެ އުނދަގޫ އަދި ދިގު ދަތުރަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ލިއުމެކެވެ. ދަރިން ލިބުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ ނަމަވެސް މި މައުޟޫއަށް ވާހަކަދެއްކުމަކީ އަދި ވެސް ގިނަ ބަޔަކު ފަސްޖެހޭ ކަމެކެވެ.

އެކަމުގެ ތަޖުރިބާ ހިއްސާކުރިއަސް ކުރީ ސަފުން ފެންނަނީ އަންހެނުން އެކަންޏެވެ.

ނަމަވެސް، ފަޒީނާ އަހުމަދާއި އަހުމަދު ހަމްދޫން ލިޔުނު "މިރަލް: ހިތްދަތި 22 އަހަރަށް ފަހު ލިބުނު އުފާ" މި ލިޔުމުގެ އިއްސެ އާއި ނިއުމާ ވަނީ އަލަތު ދަރިފުޅު ހޯދަން އެ ދެ މީހުން އަމިއްލަ އަށް ކުރި ތަޖުރިބާ ކިޔައިދީފަ އެވެ.

އާސިމާ ނިޒާރުގެ "އަލަތު ދަރިފުޅުގެ ހުވަފެނުގައި ކެންސަރުގެ މޫގަނޑެއް" ލިޔުމަކީ ވެސް ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭގޮތުން މި އަހަރުގެ ކުރީކޮޅު އާއްމުކުރި ލިޔުމެކެވެ.

ޒުވާން އުމުރުގައި ސިއްހީގޮތުން ދިމާވި މައްސަލަތަކާއި އޭގެ ފަހުން ކުރިމަތިވި އުނދަގޫތަކާ ހެދި ފައިހާ ފަހީމް ތަޖުރިބާކުރަމުން ދާ ދަރިމަރިވުމުގެ ދަތިތައް މި ރިޕޯޓުގައި ކިޔައިދީފައިވެ އެވެ. އެ ކަމަށް ފަރުވާ ކުރަމުން ދަނިކޮށް ފައިހާ އަށް ވަނީ ތައިރޮއިޑް ކެންސަރު ޖެހިފަ އެވެ.

ހަޔާތުގައި މީހަކު ތަހައްމަލުކުރާނެ އެންމެ ބޮޑު ދެ ކަންތައް، ފައިހާ ވަނީ މި ރިޕޯޓަށް ކިޔައިދީފަ އެވެ.

ނަފްސާނީ މައްސަލަތައް

މިއީ 21 ވަނަ ގަރުނެވެ. އެކަމަކު، ނަފްސާނީ މައްސަލަތަކާ ގުޅޭގޮތުން އަދިވެސް ގިނަ ބަޔަކު ދެކެނީ ކުށް ހީއެއްގެ ގޮތުގަ އެވެ. ނަމަވެސް، އެކަން ބަދަލުކުރުމަށް ދާއިރާގެ ތަޖުރިބާކާރުންގެ އިންޓަވިއުތަކާ އެކު، ނަފްސާނީ އެކި ބަލިތަކަށް މީހުން ހޭލުންތެރިކުރުވުމަށް ގިނަ ލިޔުންތައް މިދިޔަ އަހަރު ޝާއިއުކުރި އެވެ.

މެދުސަފުހާގެ "މެންޓަލް ހެލްތު: ނޫން ކަމަށް ހެދިގެން ތިބެވޭކަށް ނެތް" މި މައުޟޫއަށް ލިޔުނު އެކި ލިޔުންތަކާއި "ބައްޔެއް ކަމަށް ގަބޫލުކުރުމުގެ ނަތީޖާ ރަނގަޅު" އަކީ މި ބަލީގައި ރާއްޖެ އޮތް ހާލަތާއި ލިބޭ ފަރުވާތައް ކިޔުންތެރިންނަށް ގެނެސްދިން ލިޔުންތަކެކެވެ.

މިދިޔަ ރޯދަ މަހު "މީހުން" ޕްރޮފައިލްތަކުގެ ތެރޭގައި ހިމެނުނު ޝަމްރާ ޝަމީމް، ނުވަތަ ކުޑޫގެ ހަޔާތަކީ ވެސް ޝައުގުވެރި ވާހަކަ އެކެވެ. އެއީ، ޑިޕްރެޝަނަށް އެތައް ބަޔަކު ލޯ ހުޅުވައިދިން ވާހަކަތަކެކެވެ. އަދި އެއީ، މިދިޔަ އަހަރު "މިހާރު"ގައި ލިޔުނު، އެންމެ ގިނަ ބަޔަކު ކިޔާފައިވާ ޕްރޮފައިލް ވެސް މެ އެވެ.

މައިދާ މުހަންމަދު ރަޝާދު ލިޔެފައިވާ އެ ވާހަކަތައް އަދިވެސް ކިޔާލުން ރަނގަޅެވެ؛

ގެވެށި އަނިޔާ

ފިރިމީހާގެ އަނިޔާތަކުން ހދ. ނޮޅިވަރަމް، ނިޝާމާ މުހައްމަދުގެ ވަކިވުމަކީ މި އަހަރު އެންމެ ގިނަ ބަޔަކަށް ސިހުން ލިބުނު ހާދިސާ އެވެ.

އެ ހާދިސާ އަދި މީގެ ކުރިން ހިނގައިދިޔަ ގެވެށި އަނިޔާގެ ވާހަކަތަކުން ފަޒީނާ އަހުމަދު ގެނެސްދިން "ވަރިހަމަކޮށްލައިގެން ތިއްބާ ހައްދު ފަހަނައަޅައިގެން ދަނީ" އަކީ ގެވެށި އަނިޔާގެ މައްސަލަތަކުގައި ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް ބަޔާންކޮށްދިން ލިޔުމެކެވެ.

ދެމަފިރިން ކުރާ ޒުވާބުތަކަކީ ޒާތީ ކަމެއް ނުވަތަ އާއިލީ މައްސަލައެއްގެ ގޮތުގައި ބަލައި ނިންމާލަނީ އެވެ. އެކަމަކު، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ސީއީއޯ އިބްރާހިމް ތޮއްޔިބު ކިޔައިދިނީ ދިވެހިންގެ މެދުގައި އެކަން އާއްމު ނަމަވެސް، އޭގެ ނުރައްކަލެވެ.

ފިރިހެން ދަރިއެއްގެ އަނިޔާއިން ސަލާމަތްވާނެ މަގެއް ނުފެނި، ގޮތް ހުސްވެފައި ހުރި އާއިލާއެއްގެ ވާހަކައަކީ ވެސް މި އަހަރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ލިޔުމެކެވެ.

އިފްރާޒް އަލީގެ، "ދަރިއެއްގެ އަނިޔާއިން މަޔަކު މަރުގެ ތުންފަތްމަތީގައި" މި އާޓިކަލް އިން ގެވެށި އަނިޔާގެ މައްސަލަތަކާ މެދު ދައުލަތުން އިސްކަން ނުދޭ މިންވަރާއި އެފަދަ މައްސަލަތަކުގައި އާއްމުކޮށް އަމަލުކުރާ ގޮތް ހާމަވި އެވެ.

އެކަނިވެރި މައިންގެ މައްސަލަ

ދެމަފިރިން ވަކިވުމުގެ ހިތާމަ އެންމެ ބޮޑަށް ތަހައްމަލުކުރަނީ ދަރިންނެވެ. އޭގެ ނިކަމެތިކަން އެންމެ ބޮޑު ވެގެން ދަނީ ދަރިންނަށް ކޮންމެހެން ކޮށްދޭންޖެހޭ ކަންތައްތައް ނުކޮށްދެވި ހަރަދުތައް ދެކޮޅު ނުޖެހުމުންނެވެ. ދިރިއުޅުމުގެ ހަރަދު ބޮޑުވެގެން ދިޔައިރު، އާއިލާއާ ބެހޭ ގަވައިދުގެ ދަށުން ނަގައިދޭން ޖެހޭ ދަރިންގެ ފީތަކަށް ބަދަލެއް ނުގެނެ އެވެ.

އެ މައުޟޫއަށް މުއިއްޒު އިބްރާހިމް ލިޔުނު "މަހަކު 1،000، އަހަރަކު ތިން ހެދުން، އެއް ބޫޓު: ދަރިންގެ ހަރަދަށް މިއީ ކޯއްޗެއް؟" އަކީ އެކަނިވެރިންގެ ޝަކުވާތައް އޮއްސާލި ލިޔުމެކެވެ. އަދި، ދަރިންނަށް ހަރަދު ދިނުމާ ގުޅޭގޮތުން "ދަރިންގެ ޓިއުޝަން ފީ: ބައްޕަގެ އަތުން ނަގައިދެވޭ ހަރަދެއް ނޫން؟" އަކީ ވެސް އެ ހާލަތާ ގުޅޭ މުއިއްޒު ލިޔުނު މުހިންމު ރިޕޯޓެކެވެ.