އިދާރާތަކަށް ޝަކުވާކޮށް އެ މީހުން ބަލިވެއްޖެ އެވެ. ކޮންމެ ފަހަރަކު ވެސް ލިބެނީ އެއް ޖަވާބެކެވެ. ތިޔަކު ކުރެވޭނެ ކަމެއް ނެތެވެ!
މީގެ ދެތިން ދުވަސްކުރިން، އޮފީހުގައި އިންދާ އައި ކޯލެކެވެ. ފޯނު ނެގުމުން އެކޮޅުން ވާހަކަދެއްކި މީހާ ދެރަވެ ހުރެ ބުނީ، އޭނާ މި ގުޅީ ވަރަށް ބޮޑު ކަމެއްގައި ކަމަށެވެ. އޭނާ ގުޅީ ގޮތްހުސްވެ، އެހީތެރިކަމަށް އާދޭސްކުރަަން ދާނެ އިތުރު ފަރާތެއް ނެތިގެންނެވެ. ދެން ކިރިޔާ ވެސް އެހީތެރިކަމެއް ދެވޭނީ ނޫސްވެރިޔަކަށް ކަމަށް ބުނެ އެވެ.
އެ މީހާ ބުނީ އޭނާ ހެޔޮ އެދޭ ބަޔަކަށް ވަރަށް ބޮޑު އަނިޔާއެއް ލިބެމުން އެބަދާ ކަމަށެވެ. އެ އަނިޔާއިން އެ މީހުން ސަލާމަތްކުރަން އެހީތެރިވެދޭން އޭނާ އެދުނެވެ.
އޭނާ ގުޅީ ވެސް، މިފަހުން ހދ. ނޮޅިވަރަމްގައި ގެވެށި އަނިޔާ ލިބިގެން އަންހެނަކު މަރުވި ހަބަރު އިވިގެން އެކަމާ ބިރުންނެވެ. މި ވާހަކަތައް ނުކިޔައިދީ ނުހުރެވިގެންނެވެ. އެކަހަލަ ދެރަ ގޮތެއް ނުވަނީސް، މި ވާހަކަ ނޫހުގައި ޖަހާށެވެ. އެކަހަލަ ގޮތެއްވާ ދުވަހަކު، އެއްވެސް ބަޔަކު އަޅާނުލި ކަމަށް ބުނެ އިނގިލި ދިއްކުރުމުގެ ފުރުސަތު ނުދިނުމަށެވެ.
އޭނާ ބުނިގޮތުގައި، އުމުރުން 60 އަހަރުވެފައި އިން މަޔަކަށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އޭނާގެ 42 އަހަރުގެ ފިރިހެން ދަރިއަކު ދަނީ ވަރަށް ބޮޑަށް އަނިޔާކުރަމުންނެވެ. މިއީ ގަބޫލުކުރަން ވެސް ދަތިވި، އަޑުއަހަން ވަރަށް އުނދަގޫވި ވާހަކަތަކެކެވެ.
އާއިލާގެ ރައްކާތެރިކަމަށްޓަކައި މި ލިޔުމުގައި އެއްވެސް މީހެއްގެ ޒާތީ މައުލޫމާތެއް ނުހިމަނާނަމެވެ.
"މިހާރު" އިން ބެލި ބެލުމުން އެނގުނު ގޮތުގައި، އެ މީހާއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރިކޯޑްތައް އޮތް މީހެކެވެ. އެއް ފަހަރަކު އޭނާ ޖަލަށް ވެސް ލި އެވެ.
އިދާރާތަކުން ބީރު ކަންފަތެއް ދިންކަމުގެ ތުހުމަތު
މަސްތުވާތަކެތީގެ ވަބާގައި ހަސަން (އަސްލު ނަމެއް ނޫން) ޖެހުނީ ފުރާވަރުގަ އެވެ. އޭނާ އެކަމުން ސަލަމާތްކޮށްދޭން އާއިލާއިން ވަރަށް ގިނަ މަސައްކަތް ކުރި އެވެ. އެކި ފަހަރުމަތިން ރިހެބަށް ފޮނުވި އެވެ. ނަމަވެސް، އެކަށީގެންވާ ފަރުވާ ލިބޭނެ ގޮތެއް ނެތުމުން ވަކި ހިސާބަކުން އެ މީހުން ވެސް އުއްމީދު ކަނޑާލީ އެވެ. މިހާރު އެ އާއިލާ އަށް އޭނާ އަކީ "ބޮޑު ބިރެކެވެ".
ހަސަން، އޭނާގެ މަންމަ މޫމިނާ (އަސްލު ނަމެއް ނޫން) އަށް ގިނަ ފަހަރަށް އަނިޔާކުރަނީ ފައިސާގެ ބޭނުމުގަ އެވެ. ފައިސާ ނުދިނުމުން އަންނަ ރުޅީގައި މަންމަ ގައިގައި ޖަހަނީ އެވެ. އެކި ކަހަލަ އިންޒާރު ދީ، ބިރުދައްކަނީ އެވެ. އޭނާގެ ބައްޕައަށް ވެސް ބިރުދައްކަ އެވެ.
މޫމިނާ ދިރިއުޅެނީ އޭނާގެ ފިރިމިހާއާއެކު އެ މީހުންގެ އަމިއްލަ ގޭގައި މާލޭގަ އެވެ. ހަސަން ވެސް އުޅެނީ އެ ގޭގަ އެވެ.
އުމުރުން ދުވަސްވީ މި ދެމަފިރިންގެ ހަތަރު ކުދިން ތިބެ އެވެ. ހަސަން ފިޔަވައި ދެން ތިބޭ ކުދިން މީހުންނާ އިނދެގެން ދިރިއުޅެނީ އެހެން ތަންތަނުގަ އެވެ.
ނަން ނުޖަހަން އެދި މި ވާހަކަތައް ކިޔައިދިން އެ އާއިލާއާ ވަރަށް ގާތް މީހާ ބުނިގޮތުގައި، ހަސަންގެ އުނދަގޫތަކާ ހެދި، އެ ގެއިން މަންމަ އާއި ބައްޕަ ގެންދަން ކުދިން އުޅުމުން ވެސް، ގެ ދޫކޮށްފައި ދާން އެ ދެމަފިރިން ބޭނުމެއްނުވި އެވެ.
"އެ ކުދިން ޕޮލިހަށް ގުޅީމަ ބުނަނީ އޭނާ ގަޔަކު ތިމަންނަމެނަކަށް އަތެއް ނުލެވޭނެއޭ. އޭނާ އޮތީ ފަރުވާއަށް ރިކުއެސްޓްކޮށްފައޭ. އެކަމަކު ފަރުވާއަށް ރިކުއެސްޓުކޮށްގެން ތިން ހަތަރު ފަސް އަހަރުވާއިރުގައި ވެސް މި މީހުންނަށް އޭނާގެ ޗާންސެއް ނުދިން،" އޭނާ ބުންޏެވެ.
"އޭނާގެ ޗާންސް އައިސްގެން އެއް ފަހަރު ގެންދިޔައީމަ، އޭނާ ފިޓު ޖެހުނީމަ އޭނާގެ ބޮލުގައި ކަމެއް އެބަހުއްޓޭ ކިޔާފައި ފަހުން ޒިންމާ ނުނަގަން އުޅުނީ. ގެއަށް ފޮނުވާލާފައި އަނެއް ފަހަރު ވެސް މީނާ ހުރީ ކޮމިއުނިޓީއަށް ނެރެފައި. އެހެން ހުއްޓާ އަނެއްކާ އޭނާ ޑްރަގަށް ޕޮޒިޓިވްވެއްޖެ."
ޖަލަށް ލިޔަސް ސަލާމަތެއް ނުވި
ފަރުވާއަށް ފަހު ވެސް ހަސަން ރަނގަޅުނުވުމުން، އާއިލާއިން ކޯޓަށް އެ މައްސަލަ ޖެއްސުމުން އޭނާ ޖަލަށް ލި އެވެ. އެކަމަކު ކޮވިޑްގެ ތެރޭގައި ބައެއް ގައިދީން ގެއަށް ދޫކޮށްލި ގޮތަށް އޭނާ އަދިވެސް ހުރީ "މިނިވަންވެފަ" އެވެ.
"ހަސަން ޖަލަށް ފޮނުވިތާ ބަރާބަރު ތިންވަނައަށް ވީ ދުވަހު، މޫމިނާއަށް ޖަލުން އަންނަނީ ކޯލެއް. އެ ވަގުތު ފާޑެއްގެ ފިރިހެނަކު ދިޔައީ އެ ގެއަށް. ގޮސްފައި މޫމިނާ ގާތުގައި މި ބުނަނީ މި ހުރީ ކަލޭ ދަރީގެ ކަރުގައި ވަޅި ޖައްސާފައޭ، 1،000ރ. ދޭށޭ،" މި ވާހަކަތައް ކިޔައިދިން މީހާ ބުންޏެވެ.
ހަސަން ޖަލަށް ފޮނުވިތާ ބަރާބަރު ތިންވަނައަށް ވީ ދުވަހު، މޫމިނާއަށް ޖަލުން އަންނަނީ ކޯލެއް. އެ ވަގުތު ފާޑެއްގެ ފިރިހެނަކު ދިޔައީ އެ ގެއަށް. ގޮސްފައި މޫމިނާ ގާތުގައި މި ބުނަނީ މި ހުރީ ކަލޭ ދަރީގެ ކަރުގައި ވަޅި ޖައްސާފައޭ، 1،000ރ. ދޭށޭ،"
އެވެސް ހަސަން ބަޔަކާ ގުޅިގެން، ރާވައިގެން ކުރި ކަމެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ޖަލުގައި ހަސަން ހުންނަނީ ބަރާބަރަށް ބޮއެގެން ކަމަށެވެ. ޖަލުގައި ހުންނައިރު ވެސް އެކި ނަންބަރުތަކުން އާއިލާގެ މީހުންނަށް ގުޅައި، ޖެއްސުން ކުރެ އެވެ. އަދި ނަންބަރު ބްލޮކްކުރާ އިރަށް، އަނެއްކާވެސް އާ ނަންބަރަކުން ގުޅާ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިއީ ޖަލުގައި ހުރި މީހާގެ ހާލަތު. އަދި ޖަލަށް ދިޔައީމަ މާ ބިރުބޮޑު. މޫމިނާއަށް ގުޅާފައި މި ބުނަނީ، 20،000ރ. ފޮނުވާށޭ އެހެން ނޫނީ މީހުން ފޮނުވައިގެން ރޯކޮށްލާނަމޭ ގޭގައި،" އޭނާ ބުންޏެވެ.
"އެ ދެމަފިރިންނަށް ރޭގަނޑު ނުނިދޭ ހަސަނާއި އޭނާ ގެއަށް ވައްދައިގެން ގެންގުޅޭ ބޯ މީހުންގެ އުނދަގުލާ ހެދި."
އޭނާ ބުނިގޮތުގައި، އެކި ފަހަރު މަތިން މޫމިނާގެ ކުދިން އެ މައްސަލަ ޕޮލިހަށް ހުށަހެޅިޔަސް، މޫމިނާއަށް ބިރުން އެ ވާހަކަތައް ކިޔައިދޭން ނުކެރުމުން މައްސަލަ ކުރިއަކަށް ނުދެ އެވެ. ނަފުސާނީ ގޮތުން މޫމިނާއަށް ކޮށްފައިވާ އަސަރު ބޮޑުވުމުންނާއި ބިރުދައްކާފައި ހުރުމުން އޭނާ ފަސްޖެހެނީ އެވެ.
ބިރުން ގޮސް މޫމިނާއަށް އަބަދު ފާހަނާއަށް ދެވެ އެވެ. ކަންކަން ހަނދާން ނެތެވެ. އޭނާ މިހާރު ނަފުސާނީ ބައްޔަށް ބޭސް ވެސް ކަ އެވެ. އޭނާއަކީ ހަކުރު ބަލިވެސް ހުރި މީހެކެވެ.
"ދަންވަރަށް ހަސަން މީހުން ގެއަށް ވައްދައިގެން އުޅޭތީ ފާހާނާއަށް ދާން ކޮޓަރިން ނުކުންނަން ވެސް ދެމަފިރިން ބިރުން އޮވޭ. ބައެއް ރޭރޭ ގަޔަށް ހީސްލެވޭއިރު ވެސް ކޮޓަރިން ނުކުންނަން އެ މީހުންނަށް ނުކެރޭ،" އޭނާ ބުންޏެވެ.
މަންމަ މަރާލާނަމޭ ވެސް ބުނި
ހަސަން ބޮއެގެން ހަމައިން ނެއްޓިފައި ހުންނަ ވަގުތުތަކުގައި، ގޭގައި ހިފައިގެންގުޅޭ އެއްޗެހި ހަލާކުކޮށް، އުކައި ހަދަ އެވެ. ހަޅޭއްލަވައި، ހަޑި އެއްޗެހި ކިޔަ އެވެ. އެތައް ދުވަހަކު، ކައްކާފައި ހުންނަ އެއްޗެއްސަށް ވެލި އަޅައިފި އެވެ. އެކަމުގެ ބިރަށް މޫމިނާ ވަޅި ވެސް ގެންގުޅެނީ ޖެހިގެން ހުންނަ އަވައްޓެރިޔާގެ ގޭގަ އެވެ. ވަޅި ބޭނުންކުރަން ޖެހުމުން އޭނާ ދަނީ އެ ގެއަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން މޫމިނާ މަރާލާނަމޭ ވެސް އޭނާ ބުނި ކަމަށްވެ އެވެ. އެހެން ބުނީ އޭނާ ކަންތައްކުރާ ގޮތުގެ ވާހަކަ މީހުންނަށް ކިޔައިދޭތީ އެވެ. ކޮންމެ މީހަކަށް ކިޔަދިނަސް، "މަށަކާ ނުކުޅެވޭނެ"އޭ ބުނާ ކަމަށެވެ. އެހެންވެ، އާންމުތަނެއްގައި މި ވާހަކަތައް ދައްކަން އާއިލާގެ މީހުން ވެސް ތިބީ ބިރުންނެވެ. މަންމައަށް އަނިޔާއެއް ކޮށްފާނެތީ ބިރުންނެވެ.
"ކުދިން ޖެންޑާ އަށް ގުޅީމަ ބުނީ ކީކޭކަން އިނގޭތޯ؟ ތިކަމަށް ކުރެވޭނެ ކަމެއް ނޯންނާނެއޭ،" އޭނާ ބުންޏެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ގުޅުމުން ވެސް ހަސަން އަކީ ނަފުސާނީ ބަލި މީހެއް ކަމަށް ބުނެ އަޅާނުލި ކަމަށް، އެ އާއިލާއާ ގާތް މީހާ ބުންޏެވެ. އެ ކޮމިޝަނުން ބުނީ "އޭނާއަށް ލޯބިދޭށޭ" ކަމަށެވެ.
"އެ ދެމަފިރިން ބޭނުންވަނީ އެމީހުންގެ އަމިއްލަ ގެދޮރުގައި އުޅެން. ދިވެހި ދިދަ ދަށުގައި އެއީ އެ މީހުންނަށް ލިބޭ ހައްގެއް. އެ ހައްގު ހޯދައިދޭން ތިބި އިދާރާތަކުން އަތްފޮޅާލީމަ ކޮބައިތޯ އެ މީހުންގެ ހައްގު ހޯދައިދެވިފައި،" އޭނާ ބުންޏެވެ.
"ހެނދުނަށް 100ރ.، މެންދުރަށް 100ރ.، ރޭގަނޑަށް 100ރ. ހަސަނަށް ނުދީފިއްޔާ އެ ދެމަފިރިން އެ ރޭ ތިބެންޖެހޭނީ ނުނިދާ. ގޭތެރޭގައި ބޮކި ދިއްލެނީ އޭނާ ހޭލީމަ. އޭނާ ހޭލާނީ ހަވީރު ފަހެއް ޖެހީމަ."
"އެ ދެމަފިރިން ބޭނުންވަނީ އެމީހުންގެ އަމިއްލަ ގެދޮރުގައި އުޅެން. ދިވެހި ދިދަ ދަށުގައި އެއީ އެ މީހުންނަށް ލިބޭ ހައްގެއް. އެ ހައްގު ހޯދައިދޭން ތިބި އިދާރާތަކުން އަތްފޮޅާލީމަ ކޮބައިތޯ އެ މީހުންގެ ހައްގު ހޯދައިދެވިފައި،"
މި ކަހަލަ އެތައް ކަމެއް އެ ގޭތެރޭގައި އެބަ ހިނގަ އެވެ. އެހީއަކަށް އާއިލާ އާދޭސްކުރަނީ އެވެ.
އިދާރާތަކަށް މި އާއިލާށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނެތީ ހެއްޔެވެ؟ މި މީހާ ވެސް މަރުވަންދެން މަޑުކުރަނީ ހެއްޔެވެ؟