ބަނގުރާ ވިއްކުމުގެ މަސައްކަތުގައި އުޅުނީ އެކަން ނުކޮށްފިނަމަ އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެ ބޮސް އިންޒާރު ދޭތީ ކަމަށް ހ. މާދޫގޭގައި ހިންގި އޮޕަރޭޝަނުން ހައްޔަރުކުރި ބިދޭސީއަކު ބުނެފި އެވެ. 

ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަތް އޮޕަރޭޝަނުގައި ތިން ބިދޭސީންނާއި އެކަމުގައި އިސްކޮށް އުޅުނު ދިވެއްސަކު ހައްޔަރުކުރި އެވެ. އެއީ: 

- އަލް އަމީން، 34

- ޕޮލިން، 43

- އެމްޑީ ރަކިބް ހޮސެން، 25

- ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް، 53

އޭގެ ތެރެއިން ތިން ބިދޭސީންގެ ބަންދަށް ކުރިން އިތުރުކުރި 15 ދުވަސް ހަމަވާތީ މިއަދު ވަނީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. 

އެމީހުންގެ ބަންދު މަޖިލީހުގައި ޕޮލިން ބުނީ ބަނގުރާ ފެނުނު އެޕާޓްމެންޓަށް ވަނުމުގެ އެކްސެސް އޮންނަނީ އޭނާ އާއި އޭނާގެ ބޮސް ރަޝްވާންއަށް ކަމަށާއި އަދި އެތަނުގައި ހުރި ބަނގުރާ ވިއްކަނީ އޭނާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. 

އެކަން ކުރަނީ ރަޝްވާން ބުނެގެން ކަމަށާއި އަދި ބަނގުރާ ނުވިއްކައިފިނަމަ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެ އިންޒާރުދޭ ކަމަށް ޕޮލިން ބުންޏެވެ. 

އޭނާ ބުނީ ބައެއް ފަހަރަށް ބަނގުރާ ވިއްކައިގެން ލިބޭ ފައިސާ ބީއެމްއެލް އަދި އެމްއައިބީގެ އެކައުންޓަކަށް ޓްރާންސާކުރާ ކަމަށާއި އަދި ކޭޝް އޮން ޑެލިވަރީ ވެސް ހަދާ ކަމަށެވެ. 

ކްރިމިނަލް ކޯޓުން ވަނީ އެ ތިން ބިދޭސީންގެ ބަންދަށް އިތުރު 30 ދުވަސް މިއަދު އިތުރުކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގަށް ރަޝްވާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މީގެކުރިން އަމުރުކޮށްފައިވާއިރު އެ މުއްދަތު އަދި ހަމައެއްނުވެ އެވެ. 

ކޯޓު އަމުރެއްގެ ދަށުން މާދޫގޭގެ ދެ ފްލޯއެއް ބަލައި ފާސްކުރިއިރު، 826 ފުޅި ބަނގުރާ ފެނިފައިވެ އެވެ. 

ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ސްމާޓް ލޮކެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓުގެ ތެރެއަށް ވަންނައިރު ލަކުޑި ރެކުތަކެއްގައި ބަނގުރާ ފުޅިތައް ހުރީ އަތުރާލައިފަ އެވެ. 

ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގަ އެވެ. އަދި އެ ތަނުގައި ޕްރިންޓަރާއި އިދާރީ ކަންކަމަށް ބޭނުންކުރާ އެހެން ސާމާނުތައް ވެސް ހުއްޓެވެ.