ސިންގަޕޫރު އެއާލައިންގެ މަތިންދާބޯޓަކުން ގެނައި ބޫޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ގާތްގަނޑަކަށް 22 ކިލޯގެ ޑްރަގް އެތެރެކުރިކަމުގެ ތުހުމަތު ކުރެވޭ ދިވެއްސަކާއި އެ ތަކެއްޗާ ހަވާލުވާން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފި އެވެ.
ބަންގްލަދޭޝް ދެ މީހުން ކަމަށްވާ އެމްޑީ ޖޯޝިމުއްދީން، 43، އާއި މަމުން ދަލި، 32، ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ފުލުހުންނަށް ދިން އަމުރުގައިވާ ގޮތުން އެ ދެމީހުން ހައްޔަރުކުރީ މިދިޔަ މެއި މަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއަށް އައި ސިންގަޕޫރު އެެއާލައިންގެ ފްލައިޓަކުން ގެނައި ޝިޕްމަންޓެއްގެ ތެރެއިން ހަތަރު ދާގީނާއެއްގައި ހުރި ކެނަބިހާއި ކެނަބިސް ބަޑްސްއާ ހަވާލުވާން އެ ދެމީހުން ދިއުމުންނެވެ.
"ޕްލޮޓް އިލެވެން އިންވެސްޓްމަންޓް" ގެ ނަމުގައި އެތެރެކުރި އެ ޝިޕްމެންޓްގެ މައްސަލާގައި ހައްޔަރުކުރި ލ. ކަލައިދޫ، ހިޔާވަހި، އަބްދުﷲ ރިފާއު، 27، އަކީ ބަންގްލަދޭޝް ދެ މީހުން ކޯޓުގައި ބުނެފައިވާ ގޮތުން އެތަކެތި އެތެރެކުރި މީހާ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އަންގާރަދުވަހު، ކްރިިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވެސް 30 ދުވަހަށް ބަންދުކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ ހަތަރު ދާގީނާގައި ހުރި ބޫޓުތަކުގެ ތެރޭގައި ރަބަރު ޕެކެޓްތަކުގައި 21.042 ކިލޯގެ ކެނަބިސް ބަޑްސް އާއި 918.76 ގްރާމްގެ ކެނަބިސް ހުރި ކަމަށް ފުލުހުން ކޯޓުގައި ބުނި ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
މި މައްސަލާގައި ހިމެނޭ ޖޯޝިމުއްދީން ބުނީ އެތަކެއްޗާ ހަވާލުވާން ދިޔައީ ޒިކުރާ މިސްކިތް ކައިރީ ހުއްޓާ، މަސައްކަތެއް ކޮށްލަން ދާން އަބްދުﷲ ރިފާއު ބުނުމުން ދިޔަ ދިއުމެއްގައި ކަމަށެވެ. އެތެރެކުރި ތަކެއްޗާ އެ މީހުންނާ ގުޅުމެއް ނެތް ކަމަށް އޭނާ ބުންޏެވެ. މަމުން ދަލި ވެސް ކޯޓުގައި ބުނީ އެތަކެއްޗާ ހަވާލުވާން ދިޔައީ ޒިކުރާ މިސްކިތް ކައިރީ ހުއްޓާ މަސައްކަތެއް ކޮށްލަންދާން ބުނުމުން ކަމަށެވެ.
ނަމަވެސް އެ މައްސަލާގައި އެ ދެ މީހުންނާ ދެކޮޅަށް ތުހުމަތުކުރެވޭ ވަރަަށް ހެކި ލިބިފައި ވާތީ ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.