ވިލިމާލޭގައި މިދިޔަ މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ކަމަށްވާ އަހުމަދު އަޒްމީލް (އަޒޭ) އާއި މުހައްމަދު ވިޝާލް (ރޯމަން) އަދި އިސްމާއިލް ޖުމައިހް ކުށަށް މިއަދު އިއުތިރާފްވެއްޖެ އެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ އަޒްމީލާއި ވިޝާލް ކުށަށް އިއުތިރާފްވީ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ. އޭގެ ތެރެއިން އަޒްމީލްގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ އެވެ. ވިޝާލްގެ މައްޗަށް އުފުލީ ކެނަބިސް ބޭނުންކުރުމުގެ ދައުވާ އެވެ.

އެ ދެ މީހުން ވެސް ޝަރީއަތުގައި ކުށަށް އިއުތިރާފްވެފައިވާތީ، އެ މައްސަލަތައް ޑްރަގް ކޯޓަށް ބަދަލުކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން މިއަދު ވަނީ އެދިފަ އެވެ.

މި މައްސަލާގައި ދެން ހިމެނޭ ޖުމައިހް ވެސް ވަނީ ތަހުގީގުގައި ކުށަށް އިއުތިރާފްވެފަ އެވެ. އޭނާގެ މައްޗަށް މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރުމުގެ އެއްވެސް މައްސަލައެއް ހުށަހެޅިފައި ނުވާތީ، އޭނާއާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.

ފުލުހުން މިދިޔަ މަހުގެ އަށްވަނަ ދުވަހު ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަޒްމީލާއި ވިޝާލް އަދި ޖުމައިހްގެ އިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދު ވެސް ހައްޔަރުކުރި އެވެ. އެ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ އެންމެން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އެ މީހުން ތިބި ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ޓްރެފިކިންގެ މިންގަނޑަށް އަރާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވިޔަސް، އެ މީހުންގެ މައްޗަށް މިހާތަނަށް ޓްރެފިކް ކުރުމުގެ ދައުވާއެއް އުފުލާފައެއް ނުވެ އެވެ.