ހ. މާދޫގޭގައި ހިންގާ އޮފީހެއްގައި ރައްކާކޮށް، މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކްގެ އިސް ދިވެހި މީހާ ކަމަށް ބެލެވޭ ފަރާތް ވެސް އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މައްސަލާގައި ހައްޔަރުކުރީ ކޯޓު އަމުރުން އެނގޭ ގޮތުން ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް އެވެ.
އެ މައްސަލާގައި ފުރަތަމަ ވެސް ތިން މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ކޯޓުން ދީފައި ވަނިކޮށް، ނޫސްވެރިން މިރޭ ސުވާލު ކުރުމުން ފުލުހުން ބުނީ އެ ނެޓްވޯކްގައި ހިމެނޭ ދިވެހި މީހާ ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އުމުރުން 53 އަހަރުގެ ރަޝްވާނަކީ މާދޫގޭގައި ބަނގުރާ ސްޓޮކް ރައްކާކޮށްފައި ހުރި އޮފީހުގެ މެނޭޖިން ޑިރެކްޓަރެވެ.
މައްސަލައިގެ ތަހުގީގަށް ރަޝްވާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާއިރު، އަމުރުގައިވާ ގޮތުން އެ މައްސަލާގައި "ހުއްޓުވުނު" ދެ މީހަކީ ރަޝްވާންގެ މުވައްޒަފުންނެވެ.
ބަނގުރާ ވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ތިން ބިދޭސީންގެ ތެރެއިން ރަޝްވާންގެ ދެ މުވައްޒަފުން އިންވެސްޓިގޭޝަން އޮފިސަރަށް ކިޔައިދީފައިވާ ގޮތުގައި އެ މީހުން އެ ޖަރީމާ ހިންގަމުންދިޔައީ ރަޝްނާ އަންގައިގެންނެވެ.
ނަމަވެސް ބަންދު އަމުރުގައިވާ ގޮތުން ރަޝްވާންގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރެ އެވެ.
ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ރަޝްވާންގެ ފަރާތުން އެދުނަސް ބަންދު މަޖިލިހުގެ ގާޒީ ނިންމެވީ އެ ފުރުސަތު ނުދޭށެވެ.
މާދޫގޭގެ ދެ ފްލޯއެއްގައި ބަނގުރާ ސަޕްލައިކުރާ މައްސަލާގައި މީގެ ކުރިން ހައްޔަރުކުރީ ބަންގްލަދޭޝްގެ ތިން ފިރިހެނެކެވެ. އެ ތިން މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަދި ދެ މީހަކު ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެ މީހުންނަކީ:
- އަލް އަމީން، 34
- ޕޮލިން، 43
- އެމްޑީ ރަކިބް ހޮސެން، 25
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރީ އަމީން އާއި ޕޮލިން އެވެ. ރަކިބް ބަންދުގައި ބަހައްޓަން އަމުރުކުރީ 15 ދުވަހަށެވެ.
ކޯޓު އަމުރެއްގެ ދަށުން މާދޫގޭގެ ދެ ފްލޯ ބަލައި ފާސްކުރިއިރު 826 ފުޅި ބަނގުރާ އަތުލައިގެންފައިވެ އެވެ.
ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ސްމާޓް ލޮކެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓުގެ ތެރެއަށް ވަންނައިރު ލަކުޑި ރެކުތަކެއްގައި ބަނގުރާ ފުޅިތައް ހުރީ އަތުރާލައިފަ އެވެ.
ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށް ބެލެވޭ ތަނެއްގަ އެވެ. އެ ތަނުގައި ޕްރިންޓަރާއި އިދާރީ ކަންކަމަށް ބޭނުންކުރާ އެހެން ސާމާނުތައް ވެސް ހުއްޓެވެ.