ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ އިން ދެ މީހުން ހައްޔަރުކޮށްފި އެވެ.

ހުޅުމާލެ 1 އިން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ރާނީވިލާ، މުހައްމަދު މުބާރިކް، 32، އާއި އެ ރަށު ސައިލުގެ، ހަސަން ގާސިމް، 23، އެވެ.

ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ވިއްކައި، އޭގެ ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހުޅުމާލެ 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ކަންނެލި ޖެޓީ ސަރަހައްދުގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލުހުން ފެނުމުން، އެ މީހުންގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި އެ މީހުން އެ ވަގުތު ތިބި ސަރަހައްދާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުބާރިކް އަށް 15 ދުވަހަށް އަދި ހަސަން ގާސިމް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.