ބަނގުރާ ފުޅިތަކެއް ހިފައިގެން ބްރިޖުން ދަނިކޮށް ހައްޔަރުކުރި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ބަނގުލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ޖާހިރު ހޮސައިން، 33، އާއި ސޮޖަން ސުލްތާން، 36، އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ 1 ގެ ކޮންޓެއިނަރު ޖެޓީން މާލެއަށް ބަނގުރާ ގެންދާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
ހުޅުމާލެ 1 ގެ ފުލުހުންނާއި ބުރިޖު އެންޑް ހައިވޭ ޕޮލިސް ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަންގައި، ސިނަމާލެ ބްރިޖު މަތިން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރި އިރު 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އެ ދެ މީހުން ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ގެންދަނީ މެދުނުކެނޑި އެންޓި ނާކޮޓިކްސް އޮޕަރޭޝަންތައް ހިންގަމުން ކަމަށް ފުލުހުން ބުންޏެވެ.