ހުޅުމާލޭގައި އަލަށް ހިއްކާ ފޭސް 3 ސަރަހައްދުގައި ބަނގުރާ ކައްކަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ތިނެއްގައި ބިދޭސީއަކު ފޮށިގަނޑެއް ހިފައިގެން ދާތަން ފެނިގެން ފުލުހުން އޭނާގެ ހަރަކާތްތައް ބަލަމުން ދިޔަ ކަމަށެވެ. އޭނާ ފޭސް 3 ގެ ބީޗް ސަރަހައްދުގައި އެ ފޮށިގަނޑު ފޮރުވި ކަމަށާއި އެކަން ހުއްޓުވަން އުޅުމުން ފުލުހުންނާ މާރަމާރީ ހިންގައި ފިލަން އުޅުނު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ފޮރުވި ފޮށިގަނޑު ނަގައި ބެލި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ 500 އެމްއެލްގެ 30 ފުޅި ފެނިފައިވާ ކަމަށާއި އެ މީހުން ދިރިއުޅެމުން ދިޔަ ސައިޓަށް ފުލުހުން ދިޔުމުން އިތުރު ދެ މީހަކު ފިލަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެތަނުގައި ބަނގުރަލަށް ޝައްކު ކުރެވޭ 500 އެމްއެލްގެ 72 ފުޅި އާއި ބަނގުރާ ފުޅިއެއް އަދި ބަދިގެ ތެރެއިން ބަނގުރާ ކައްކަން ބޭނުން ކުރާ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުން ހައްޔަރު ކޮށްފަ އެވެ. އަދި އެ މީހުން ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.