މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދީ، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރަޝްވާން އައްބާސް އިތުރު 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ހ. މާދޫގޭގައި ހިންގާ އޮފީހެއްގައި ބަނގުރާ ރައްކާކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހ. ކަރޯގެ، ރަޝްވާން، 53، ހައްޔަރުކުރީ މިދިޔަ މަހު އެވެ.

އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ދެ ވަނަ ފަހަރަށް ދިން މުއްދަތު ހަމަވުމުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަނެއްކާ 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.

ކޯޓުން ބުނީ ރަޝްވާން ބަންދުކުރީ، އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ.

ދައުލަތުގެ ވަކީލުން ވަނީ އިންތިޒާމުވެގެން ބިދޭސީން ނިވާފަތްގަނޑަކަށް ލައިގެން ފުޅާދާއިރާއެއްގައި ބަނގުރާ ވިއްކުމުގައި އިސް މީހަކީ ރަޝްވާން ކަމަށް ކޯޓުގައި ބުނެފަ އެވެ. ނަމަވެސް، އެއީ ޖިނާއީ ކުޑަ މައްސަލައެއް ކަމަށް ބުނެ، އެކަށީގެންވާ މުއްދަތަކަށް މިހާތަނަށް ބަންދު ކޮށްފައި ހުރުމުން އޭނާ ދޫކޮށްލަން ދިފާއީ ވަކީލުން އެދުނެވެ. 

ބަނގުރާ ފެނުނު އޮފީސް ތެރޭގައި ވަކި ބަޔަކަށް އެކްސެސް ވެވޭ ގޮތަށް ހުންނަ ތަނުގެ ތެރޭގައި ބަނގުރާ ބެހެއްޓުމަށް ޝެލްފް ރެކް ހަރުކޮށްފައިވާ ކަމަށާއި އެ ތަނަށް ވަނުމުގެ އެކްސެސް ރަޝްވާނަށް އޮންނަ ކަމަށް، މީގެ ކުރިން ނެރުނު އަމުރުގައިވެ އެވެ. 

އެ މައްސަލާގައި ފުލުހުން މީގެ ކުރިން ވަނީ ބަންގްލަދޭޝްގެ ތިން މީހުން ހައްޔަރުކޮށްފަ އެވެ. އެއީ؛

- އަލް އަމީން، 34

- ޕޮލިން، 43

- އެމްޑީ ރަކިބް ހޮސެން، 25

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ މަހު ކޯޓަށް ހާޒިރުކުރުމުން ބުނީ ބަނގުރާ ވިއްކަމުން ދިޔައީ ރަޝްވާން އިންޒާރުދޭތީ ކަމަށް ބުނެފަ އެވެ.

ނަމަވެސް ބަންދު އަމުރުގައިވާ ގޮތުން ރަޝްވާންގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރެ އެވެ. 

ކޯޓު އަމުރެއްގެ ދަށުން މާދޫގޭގެ ދެ ފްލޯ ބަލައި ފާސްކުރިއިރު 826 ފުޅި ބަނގުރާ ފެނިފައިވެ އެވެ.