އަވަށްޓެރިންނަށް ޖެއްސުންކޮށް ފުރައްސާރަކުރާތީ އާއްމު އުނދަގުލަކަށް ވެގެން ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާ އަށް ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައި ހުއްޓައި އެ ތަނުުން މިއަދު ފިލައިފި އެވެ.

ފުލުހުން ބުނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ މަރުކަޒަށް އޭނާ ބަދަލުކުރީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށާއި މިއަދު މެންދުރުފަހުގެ ވަގުތެއްގައި އޭނާ އެތަނުން ފިލާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އޭނާގެ  ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އޭނާ ބަންދުކުރަން އެ ކޯޓުން އަމުރުކުރި އެވެ. 

އޭނާ ބަންދުކުރަން ކުރި އަމުރުގެ މުއްދަތު ހަމަވާނީ އަންނަ ހޯމަދުވަހު އެވެ.

ކޯޓު އަމުރުގައި ބުނީ އޭނާ ބަންދުކުރަން ނިންމީ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ. 

ފައިރިޝްގެ ވަނީ މީހަކަށް ބިރުދައްކައި މުދަލަށް ގެއްލުންދިން މައްސަލައެއްގެ އިތުރުން އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފަ އެވެ.  އަދި މިފަހަރު ހައްޔަރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އޭނާއަށް ކުރާ ހުރިހާ ތުހުމަތަކަށް ވަނީ އިންކާރުކޮށްފަ އެވެ.

ފައިރިޝް ހައްޔަރު ކުރީ ޖެއްސުންކުރުމާއި ފުރައްސާރަކުރުން ބޮޑުވެ ހައްލެއް ނުލިބުމުން، އެ ސަރަހައްދުގައި ދިރިއުޅޭ މުހައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ އެކު އެ މައްސަލަ ސަމާލުކަމަށް އައުމުންނެވެ. ފައިރިޝްގެ މައްސަލާގައި ނުކުންނަން ޖެހުނީ، ސައީދު އޭރު ވިދާޅުވި ގޮތުގައި، ހުރިހާ މުއައްސަސާއަކަށް ވެސް އެ މައްސަލަ ހުށަހަޅައި އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ. 

އޭނާ ދިރިއުޅޭ ގެ ހުންނަ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ފައިރިޝްގެ އުނދަގޫ ކުރިމަތިވެފައިވާތާ އެތައް ދުވަހެއްވެފައިވާއިރު، އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކު ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަގުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ފުރައްސާރަކޮށް، ޖެންސުންކުރާތީ ފައިރިޝްގެ އެތައް މައްސަލައެއް މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޕޮލިހަށް ރިޕޯޓްކުރި ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.