އަވަށްޓެރިންނަށް އުނދަގޫކުރަމުން ދިޔަ އަހްމަދު ފައިރިޝްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ.
އޭނާ ބަންދުކޮށްފައި ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ކޯޓު އަމުރުގައި ބުނީ އޭނާ ބަންދުކުރަން ނިންމީ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ފައިރިޝްގެ ވަނީ މީހަކަށް ބިރުދައްކައި މުދަލަށް ގެއްލުންދިން މައްސަލައެއްގެ އިތުރުން އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފަ އެވެ. އަދި މިފަހަރު ހައްޔަރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އޭނާއަށް ކުރާ ހުރިހާ ތުހުމަތަކަށް ވަނީ އިންކާރުކޮށްފަ އެވެ.
ފައިރިޝް ހައްޔަރު ކުރީ ޖެއްސުންކުރުމާއި ފުރައްސާރަކުރުން ބޮޑުވެ، ހައްލެއް ނުލިބުމުން ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް އިއްޔެ ފެއްޓެވުމާ އެކު އެ މައްސަލަ ސަމާލުކަމަށް އައުމުންނެވެ. އެގޮތަށް ނުކުންނަވަން މަޖުބޫރުވެވަޑައިގަތީ، ސައީދު ވިދާޅުވި ގޮތުގައި، ހުރިހާ މުއައްސަސާއަކަށް ވެސް އެ މައްސަލަ ހުށަހަޅައި އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ.
އޭނާ ދިރިއުޅޭ ގެ ހުންނަ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ފައިރިޝްގެ އުނދަގޫ ކުރިމަތިވެފައިވާތާ އެތައް ދުވަހެއްވެފައިވާއިރު، އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކު ވެސް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
އެ މަގުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ފުރައްސާރަކޮށް، ޖެންސުންކުރާތީ ފައިރިޝްގެ އެތައް މައްސަލައެއް މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޕޮލިހަށް ރިޕޯޓްކުރި ކަމަށް ސައީދު ވަނީ ވިދާޅުވެފަ އެވެ.
ފައިރިޝްގެ މައްސަލައިގައި އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންވުމުން ސައީދު މިއަދު މެންދުރު ވަނީ އޭނާ ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައްވައިފި އެވެ.