ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލާނީ އަވަށްޓެރިންނަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ އެތައް އުނދަގުލެއް ކޮށްފައިވާ އަހްމަދު ފައިރިޝްގެ އުނދަގޫ ނުޖެހި، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތައް އަލުން ބަލައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ލިބުމުން ކަމަށް މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ފައިރިޝްގެ ފަރާތުން އޭނާގެ އާއިލާއަށް ޖެއްސުންކުރުމާއި ފުރައްސާރަކުރުން ބޮޑުވެ، ހައްލެއް ނުލިބުމުން ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފެއްޓެވީ އިއްޔެ އެވެ. އެގޮތަށް ނުކުންނަވަން މަޖުބޫރުވެވަޑައިގަތީ، ސައީދު ވިދާޅުވި ގޮތުގައި، ހުރިހާ މުއައްސަސާއަކަށް ވެސް އެ މައްސަލަ ހުށަހަޅައި އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ. 

ސައީދު "މިހާރު"އަށް މިއަދު ވިދާޅުވީ އޭނާ ދިރިއުޅޭ ގެ ހުންނަ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ފައިރިޝްގެ އުނދަގޫ ކުރިމަތިވެފައިވާތާ އެތައް ދުވަހެއްވެފައިވާއިރު، އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކު ވެސް ދަނީ ކުރަމުން ކަމަށެވެ. އެ މަގުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ފުރައްސާރަކޮށް، ޖެންސުންކޮށް ހަދާ ފައިރިޝްގެ އެތައް މައްސަލައެއް މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ޕޮލިހަށް ރިޕޯޓްކުރި ކަމަށް ސައީދު ވިދާޅުވި އެވެ.

ނަމަވެސް، ވަރަށް ފަހުން އެ މައްސަލަތަކުގެ އަޕްޑޭޓް ބެލިއިރު، ފުލުހުން އެ ހުރިހާ މައްސަލައެއް ފައިލްކޮށްފައި ހުރިކަން އެނގުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޮޅު އަހަރު ވަންދެން މައްސަލައެއް ލައިގެން ތިބެނީ، ތިބެފައި ޕޮލިހަށް އައިސް މައްސަލަ ބަލާލާއިރުގައި މި އޮންނަނީ ކޭސް ފައިލްކޮށްފައި. އަޅުގަނޑުމެންނަށް ކޭސް ފައިލްކުރި ކަމެއް ނޭނގޭ،" ސައީދު ވިދާޅުވި އެވެ.

"މައްސަލަ ބަލާ އޮފިސަރަށް ގުޅީމަ ފޯނެއް ނުނަންގަވާ، މެސެޖަކަށް ޖަވާބެއް ނުދެއްވާ."

 

މީހެއްގެ އުނދަގޫ ބޮޑުވުމުން ފުލުހުންގެ އިދާރާ ކައިރީގައި ހަޅުތާލު ކުރަމުން އަންނަ މުހައްމަދު ސައީދު: އޭނާ ހަޅުތާލު ހުއްޓާލާނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ލިބުމުން ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މީހެއްގެ އުނދަގޫ ބޮޑުވުމުން ފުލުހުންގެ އިދާރާ ކައިރީގައި ހަޅުތާލު ކުރަމުން އަންނަ މުހައްމަދު ސައީދު: އޭނާ ހަޅުތާލު ހުއްޓާލާނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ލިބުމުން ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސައީދު ވިދާޅުވީ މި ހަޅުތާލު ފަށަން ޖެހުނީ ވެސް ފުލުހުންގެ އެއްބާރުލުން ނުލިބި، މިކަމަށް ހައްލެއް ހޯދަން މި ނޫން އިތުރު ގޮތެއް ނެތިގެން ކަމަށެވެ.

އޭނާ އަންނަނީ ރެއިން ފެށިގެން ހެންވޭރު ޕޮލިސް ސްޓޭޝަން، އާދަމް ހަލީމް ބިލްޑިން ކައިރީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރައްވަމުންނެވެ.

"ރޭ ނޫން ކުރީ ރޭ [ހުކުރުދުވަހުގެ ރޭ] ރޭގަނޑު ކެއި ގޮތަށް މި ހުރީ. 36 ގަޑިއިރު ވެއްޖެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ހަޅުތާލު ކުރަން ފެށުމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރޭ އޭނާއާ ބައްދަލުކުރައްވައިފަ އެވެ. 

"މިނިސްޓަރު ވިދާޅުވީ މިހާރު އޭނާ [ފައިރިޝް]ގެ ހާލަތު ހުރި ގޮތުން އޭނާއަކީ [ނަފުސާނީ މައްސަލަ] ހުންނަ މީހެއް ނޫނޭ. އޭނާގެ ޓެސްޓުތަކުން ހަމަ އޭނާ މެންޓަލީ ފިޓް މީހެކޭ. އެހެންވީމަ ޕްރޮސިކިއުޝަންއާ ދިމާލަށޭ ދާން ޖެހޭނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގެ އެޅޭ ފިޔަވަޅެއް އަދި ކުރިއަށް ދެވޭނެ ގޮތެއް ޕޮރިސިކިއުޓާ ޖެނެރަލްއާ މިއަދު މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި ކަމަށެވެ. އަދި މިއަދު ހެނދުނު ވެސް އެކި ފަހަރު މަތިން މިނިސްޓަރު އަޕްޑޭޓްތައް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ފެމެލީއަށާއި ޕަބްލިކަށް ވެސް މީގެ ގަޑިއެއްހާއިރު ތެރޭގައި ޖަވާބެއް ލިބޭނެ،" ސައީދު ވިދާޅުވި އެވެ. 

"މިއީ އަޅުގަނޑުމެންގެ ފެމެލީއަށް ކޮށްދޭ ކަމެއް ނޫން، މުޅި ޕަބްލިކަށް ކޮށްދޭ ކަމެއް."

މީހެއްގެ އުނދަގޫ ބޮޑުވުމުން ފުލުހުންގެ އިދާރާ ކައިރީގައި ހަޅުތާލު ކުރަމުން އަންނަ މުހައްމަދު ސައީދު ހަދާފައިވާ ޕޯސްޓަރުތަކެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މީހެއްގެ އުނދަގޫ ބޮޑުވުމުން ފުލުހުންގެ އިދާރާ ކައިރީގައި ހަޅުތާލު ކުރަމުން އަންނަ މުހައްމަދު ސައީދު ހަދާފައިވާ ޕޯސްޓަރުތަކެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސައީދު ވިދާޅުވީ މި ހަޅުތާލު ފަށަމުން އޭނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓަށް ލިބުނު ކޮމެންޓުތަކުން އެނގޭ ގޮތުގައި ފައިރިޝްގެ އުނދަގޫ އެތައް ބަޔަކަށް ކުރިމަތިވެފައިވާ ކަން ސާފުކޮށް އެނގޭ ކަމަށެވެ. އޭނާ ދުވަހަކު ނުވެސް ދަންނަ މީހުން ވެސް، ފައިރިޝްގެ ފަރާތުން އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ބުނެފައި އެބަހުރި ކަމަށް ސައީދު ވިދާޅުވި އެވެ.

ފައިރިޝް އެކި މީހުންނާ ދިމާއަށް ހަޅޭއްލަވައި އެއްޗެއް އުކައި ވީޑިއޯތައް ވެސް މީގެ ކުރިން އާންމުވެފައިވެ އެވެ. އަދި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅައިގެން ނުކުމެ ވެސް ހުރެ އެވެ. 

އޭނާއާ ގުޅޭ ގިނަ ރިޕޯޓްތަކެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، ފުލުހުން އިއްޔެ ބުނި ގޮތުގައި އޭނާއަށް އެކި ފަހަރު މަތިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ގާތްގަނޑަކަށް 30 ފަހަރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ. 

ސައީދު ހަޅުތާލު ފެށި ޚަބަރު މީޑިއާތަކުގެ ސުރުޚީތަކަށް އެރި ފަހުން ފުލުހުން ވަނީ ފައިރިޝް ރޭ ހައްޔަރުކޮށްފަ އެވެ.

ފައިރިޝް ހައްޔަރުކުރުމަށް ފަހު، ފުލުހުން ވަނީ ސައީދުގެ ކިބައިން ހަޅުތާލު ނިންމާލަން އެދިފަ އެވެ. ނަމަވެސް، ސައީދު ރޭ ވިދާޅުވީ ސިސްޓަމަށް އިތުބާރު ނެތް ކަމަށާއި އޭނާގެ ހަޅުތާލު ނުހުއްޓާ ނުލައްވާނެ ކަމަށެވެ.