ސޯސަން މަގު، ސަރަހައްދުގައި މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ އުނދަގޫ އިންތިހާއަށް ދިޔުމުން އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ފުލުހުންގެ އިދާރާގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.
އެ ސަރަހައްދުގައި، އަހުމަދު ފާރިސް ނަމަކަށް ކިޔާ މީހެއްގެ އުނދަގޫ ކުރިމަތިވެފައިވާތާ އެތައް ދުވަހެއްވެފައިވާއިރު، އެކަމުގެ ޝަކުވާ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ކުރަމުންނެވެ.
ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ފާރިސް ދަނީ އެ މަގުން ހިނގާ މީހުންނާއި ދުއްވާ މީހުންނަށް ފުރައްސާރަކޮށް، ޖެންސުންކޮށް ހަދަމުންނެވެ. ބައެއް މީހުންނާ ދިމާއަށް ހަޅޭއްލަވައި އެއްޗެއް އުކައި ވީޑިއޯތައް ވެސް މީގެކުރިން އާންމުވެފައިވެ އެވެ. އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ހެދުން އަޅައިގެން ނުކުމެ ވެސް ހުރެ އެވެ.
އޭނާއާ ގުޅޭ ގިނަ ރިޕޯޓްތަކެއް ފުލުހުންނަށް ލިބިފައިވާއިރު ފުލުހުން ބުނާ ގޮތުގައި އޭނާއަށް އެކި ފަހަރު މަތިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ގާތްގަނޑަކަށް 30 ފަހަރު އޭނާ ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ.
ފުލުހުންގެ އިދާރާގައި ހަޅުތާލު ފަށާފައިވާ މުހައްމަދު ސައީދު ބުނި ގޮތުގައި ފާރިސްގެ އުނދަގޫ ޖެހޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަން ފުލުހަށް ރިޕޯޓްކޮށް އެތައް ދުވަހަކު ކެތްކުރެވިއްޖެ ކަމަށެވެ. ނަމަވެސް، އެ އުނދަގުލުން ސަލާމަތްވެފައިނުވާ ކަމަށެވެ.
އެކަށީގެންވާ ހެކި ހޯދުމަށް ފަހު، އެ ތަކެތި ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް ސައީދު ބުންޏެވެ.
ސައީދު ވަނީ ހެންވޭރުގައި ހުންނަ އާދަމް ހަލީމް ބިލްޑިންގައި މިއަދު ހެނދުނުން ފެށިގެން ހަޅުތާލު ފަށައިފަ އެވެ. އެކަން މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވަނިކޮށް އާންމު އުނދަގުލަކަށްވެފައިވާ ފާރިސް ވަނީ ހައްޔަރުކޮށްފަ އެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު، ފުލުހުން ވަނީ ސައީދުގެ ކިބައިން ހަޅުތާޅު ނިންމާލަން އެދިފަ އެވެ. ނަމަވެސް، ސައީދު ބުނަނީ ސިސްޓަމަށް އިތުބާރު ނެތް ކަމަށާއި އޭނާގެ ހަޅުތާލު ނުހުއްޓާނެ ކަމަށެވެ.