ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ވޭޕް ކާޓްރިޖްތަކެއް އިއްޔެ ހޯދައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ހުޅުމާލޭގެ މަގުމަތިން ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށް އަދި އެ މީހުން ދުއްވި ސައިކަލާއި އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ އަމާން އުދަރެސް އެޕާޓްމަންޓެއް ބެލި ކަމަށެވެ.
އެތަން ބަލައި ފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކްގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ބުންޏެވެ. ނަމަވެސް، އެއްވެސް ބަޔަކު ހައްޔަރެއް ނުކުރެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރާއްޖެއަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.
އެ ގާނޫނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ. އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.
އެ ފަދަ ތަކެތި އެތެރެކޮށްގެން މިހާތަނަށް ކުރި ޖޫރިމަނާތަކުގެ އަދަދު ވަނީ 723 މިލިއަން ރުފިޔާއިން މައްޗަށް އަރައިފަ އެވެ.