ހދ. ކުޅުދުއްފުށީގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. 

ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ދެ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ފުވައްމުލަކު، ދޫޑިގަން، ކަރަންފޫގެ، މުހައްމަދު އުމީން، 19، އާއި ހދ. ކުމުންދޫ، ފަހިވާ، އާއިޝަތު އަލީ، 30، އެވެ. ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުން ވެސް ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، ވިއްކާ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން އެ ދެ މީހުން ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 27 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 7.59 ގުރާމް ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އުމީން 15 ދުވަހަށް އަދި އާއިޝަތު އަލީ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޅުދުއްފުށީގައި މިދިޔަ ބުދަ ދުވަހު ހިންގި އިތުރު އޮޕަރޭޝަނެއްގައި ހައްޔަރުކުރީ އެ ރަށު އުރަހަ، ހުސައިން ނައީމް، 44، އާއި އެ ރަށު ބަންޑާރަހިޔާ 002ޕީ، އަބްދުއްރަހްމާން މުހައްމަދު، 45، އެވެ.

ފުލުހުން ބުނި ގޮތުގައި، މި ދެ މީހުން ވެސް ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ، ވިއްކާ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމް ކަމަށެވެ. 

އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.