ގ. ހިޔާ ރޯދީގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ އިތުރު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި މަހު 18 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ރޯކޮށްލި ކަމުގެ ތުހުމަތަށް މިދިޔަ ބުދަ ދުވަހު ހައްޔަރު ކޮށްފައި ވަނީ ލ. މާބައިދޫ، ސަބުނަމް ހައުސް، ހުސައިން ޝަހްބާން، 29، އެވެ.
ތަހުގީގުގެ ބޭނުމަށް އޭނާ ބަންދުގައި ބަހައްޓަން އޭރު އަމުރުކުރީ ފަސް ދުވަހަށެވެ.
ބަންދު މުއްދަތު އިތުރު ކުރުމަށް ފަހު، ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ދީފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އެ އަމުރުގައި ވަނީ ޝަހްބާން ބަންދުން ދޫކޮށްލާފައި ބަހައްޓައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.
ފުލުހުން ބުނީ، އޭނާއަކީ މީގެ ކުރިން ވެސް ކުށްކޮށް، ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.
ހިޔާ ރޯދީގައި ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެ އަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ގުދަނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެ ގޭގައި ރޯވީ މި މަހުގެ 18 ވަނަ ދުވަހު ހެނދުނު 11 ޖަހަން އުޅެނިކޮށެވެ.
ކާކުކަން ނޭނގޭ އެކައުންޓަކުން އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި ދިޔަ މީހަކު ވެހިކަލް ޕާކު ކުރުމަށް ފަހު، އެ ގެއަށް ވަންނަ މަންޒަރެވެ. ކަޅު އަވި އައިނެއް އަޅައިގެން ހުރި އެ މީހާ ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެ ގޮޅިޖެހި ގަމީހެކެވެ.
އެ ވީޑިއޯގައިވާ ގޮތުން އޭނާ އެ ގެއަށް ވަންނަނީ ހެނދުނު 10:33 ގަ އެވެ. އޭގެ އިރުކޮޅެއް ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދާތަން ފެނެ އެވެ. އެ ގެއިން ދުން އަރާތަން ފެނިގެން އެ ސަރަހައްދުގައި މީހުން މަޑުކޮށްގެންގެން ތިބޭތަން ވީޑިއޯ އިން ފެންނަނީ 10:43 ގަ އެވެ.
ކުރިން ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި މޯރީގަރާޖާ ޖެހިގެން ހުންނަ ހަނި ގޯޅީގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު އެ ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.