ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގ. ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ އިއްޔެ ހައްޔަރުކޮށްފި އެވެ. 

ފުލުހުން މިރޭ ބުނީ ހިޔާ ރޯދީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. 

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ ލ. މާބައިދޫ، ސަބުނަމް ހައުސް، ހުސައިން ޝަހްބާން، 29، އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނުން ފިޔަވާ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. 

ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯވުމުގެ ހައެއްކަ މިނެޓު ކުރިން މީހަކު އެ ގެއަށް ވަންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ގުދަނެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެ ގޭގައި ރޯވީ އެ ދުވަހު ހެނދުނު 11 ޖަހަން އުޅެނިކޮށެވެ.

ކާކުކަން ނޭނގޭ އެކައުންޓަކުން އެކްސްގައި އާންމުކޮށްފައިވާ އެ ވީޑިއޯ އިން ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި ދިޔަ މީހަކު ވެހިކަލް ޕާކު ކުރުމަށް ފަހު، އެ ގެއަށް ވަންނަ މަންޒަރެވެ. ކަޅު އަވި އައިނެއް އަޅައިގެން ހުރި އެ މީހާ ލައިގެން ހުރީ ހުދާއި ކަޅު ކުލައިގެ ގޮޅިޖެހި ގަމީހެކެވެ.

އެ ވީޑިއޯގައިވާ ގޮތުން އޭނާ އެ ގެއަށް ވަންނަނީ ހެނދުނު 10:33 ގަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދާތަން ފެނެ އެވެ. އެގެއިން ދުން އަރާތަން ފެނިގެން އެ ސަރަހައްދުގައި މީހުން މަޑުކޮށްގެންގެން ތިބޭތަން ވީޑިއޯ އިން ފެންނަނީ 10:43ގަ އެވެ.

ކުރިން ވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި މޯރީގަރާޖާ ޖެހިގެން ހުންނަ ހަނި ގޯޅީގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.