ނިއު ދިއްލީ (ޖުލައި 3) - ގޭންގަކުން ރޭޕްކޮށް އަދި ތަފާތު ހަތަރު ފަހަރެއްގެ މަތިން އެސިޑް ހަމަލާދީފައިވާ އިންޑިއާގެ އުއްތަމަ ޕްރަދޭޝް ސްޓޭޓުގެ އަންހެނަކަށް ފަސް ވަނަ ފަހަރަށް އެސިޑް ހަމަލާދީފި އެވެ.

ފުލުހުން ބުނީ އުމުރުން 35 އަހަރުގެ އަންހެން މީހާ އަށް އެސިޑް ހަމަލާ އެންމެ ފަހުން ދީފައި ވަނީ ލަކަނޫގެ އަންހެނުންގެ ހޮސްޓެލްއެއްގެ ބޭރުގައި އަތު ޕަމްޕެއް ބޭނުންކޮށްގެން ފެން ނަގަނިކޮށެވެ. އަންހެން މީހާ އަށް ހަމަލާދިން އިރު އޭނާ ހުރީ ފުލުހުންގެ ބެލެހެއްޓުމުގެ ދަށުގަ އެވެ. އެއީ ބަޔަކާ މެދު އުފެދުނު ދެބަސްވުމެއްގައި ތަކުރާރުކޮށް އޭނާ އަށް ހަމަލާ އަމާޒުވާތީ އެވެ. އެހެންވެ ކަމާ ބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ދެ މީހުންގެ ގޭންގަކުން އަންހެން މީހާ ރޭޕްކޮށް އެސިޑް ހަމަލާ ފުރަތަމަ ދިނީ 2008 ވަނަ އަހަރު އެވެ. އެ ދެ މީހުން އެ އަންހެން މީހާ އަށް ވަނީ 2012 އަދި 2013 ވަނަ އަހަރު ވެސް އެސިޑް ހަމަލާދީފަ އެވެ. އޭގެ ފަހުން މާޗު މަހު އަންހެން މީހާގެ ދަރިފުޅާ އެކު ރޭލެއްގައި ދަތުރު ކުރަނިކޮށް ވަނީ އެސިޑް ހަމަލާދީ އަދި އެސިޑް އަނގަޔަށް އަޅައިފަ އެވެ. މި ހަމަލާތަކާ ގުޅިގެން އެ ދެ ފިރިހެނުންނަށް ދައުވާ ކުރި ނަމަވެސް އެ މީހުން ވަނީ ކަފާލާތުގެ ދަށުން އެޕްރީލް މަހު ދޫކޮށްލައިފަ އެވެ.

އިންޑިއާގައި ކޮންމެ އަހަރަކު ވެސް އެތައް އަންހެނަކަށް އެސިޑް ހަމަލާ ދެ އެވެ. މި މައްސަލަ ބޮޑުވުމުން ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ވަނީ އެސިޑް ވިއްކުން ހަރުކަށި ކުރަން އަންގައިފަ އެވެ. އެކަމަކު އަދިވެސް ފަސޭހައިން އެސިޑް ލިބެ އެވެ.