އުރީދޫގެ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް ހޯދައިދޭން އަގޯޑާއެކު ޕާޓްނަޝިޕެއް ހަދައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުނިޔޭގެ މަޝްހޫރު ޓްރެވަލް ކުންފުނި އަގޯޑާއާއެކު ޕާޓްނަޝިޕެއް ހަދައި، އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭނެކަން އިއުލާންކުރީ އައްޑޫގައި ހުންނަ އީކުއޭޓަ ވިލެޖްގައި ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017ގެ ބައިވެރިންނަށް މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި ކަމަށެވެ.

"މިއަދަކީ އަޅުގަނޑުމެންގެ ކްލަބް ޕްރިމިއަ މެމްބަރުންނަށް ވަރަށް ހާއްސަ ދުވަހެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކްލަބް ޕްރިމިއަ މެމްބަރުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދީ، އިތުރު ފައިދާތަކާއި މަންފާތައް ތަޖުރިބާކުރުމަށް މަގުފަހިކޮށްދިނުމަށް. މި ފުރުސަތުގައި އަޅުގަނޑުމެންގެ ޕާޓްނަރު އަގޯޑާއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަދި ކުރިމަގުގައި ވެސް އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފައިދާކުރަނިވި ހިދުމަތްތަކާއި ތަޖުރިބާތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

އެ ކުންފުނިން ބުނީ އުރީދޫ ކްލަބް ޕްރިމިއާ ޕްރޮގްރާމް ފެށުނު ފަހުން އުރީދޫއިން ދަނީ އެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި މަންފާތައް ލިބޭގޮތަށް ހިދުމަތް ބައްޓަން ކުރަމުން ކަމަށެވެ. އެ ގޮތުން ދާދިފަހުން ހުޅުވި ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ލައުންޖުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތެއްގެ އިތުރުން ކްލަބް ޕްރިމިއާ މެންބަރުންނަށް މަތީ ފެންވަރުގައި ހިދުމަތް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

"ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017" އޮންނާނީ މާދަމާ ރޭ 8:30ގައި އީކުއޭޓާ ވިލެޖްގަ އެވެ. އުރީދޫ މޯލްޑިވްސްއަކީ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2017ގެ ޕްލެޓިނަމް ޕާރޓްނަރެވެ.