ސްރީލަންކާގައި ހުއްޓައި، ސޯޝަލް މީޑިއާ އެކްޓިވިސްޓް އަަހުމަދު އަޝްރަފް (ޝުމްބާ) ހައްޔަރުކޮށްގެން ރާއްޖެ ގެނައި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފި އެވެ.
ނޮވެމްބަރު، 1، 2015 ގައި ލަންކާ އިން އޭނާ ހައްޔަރުކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލި ފަހުން، އެމަނިކުފާނުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު އަދީބާ ދެމެދު ބޮޑެތި މައްސަލަތަކެއް ޖެހުނު ފަހުންނެވެ. އަދީބުގެ ގާތް މީހެއް ކަމަށްވާ ޝުމްބާ ވެސް ހޯދަން އިއުލާނު ކުރީ އެ މައްސަލައާ ގުޅިގެންނެވެ. ޝުމްބާ ލަންކާގައި ހުއްޓައި ރާއްޖޭގެ އެމްބަސީން ދިން މައުލޫމާތުތަކެއްގެ މައްޗަށް ލަންކާގެ ފުލުހުން އޭނާ ހައްޔަރުކޮށް ދިވެހި ފުލުހުންނާ ހަވާލުކުރީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ލަންކާގެ ގާނޫނުތަކާ ވެސް ހިލާފަށް ކަމަށް އޭނާ މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ.
ޝުމްބާގެ ފަރާާތުން އިންތިގާލީ އިންސާފުގެ އޮފީހަށް މިއަދު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގުމަށެވެ. އޭގެ އިތުރުން، އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު އަރީފާއި އޭރުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ނަވާޒުގެ އިތުރުން ލަންކާއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޒާހިޔާ ޒަރީރާއި އެމްބަސީގެ މުވައްޒަފުންތަކެއްގެ މައްޗަށް ވެސް ޖިނާއީ ތަހުގީގު ހިންގަން އެދިފައިވެ އެވެ.
ދައުލަތުގެ ފަރާތުން އޭނާގެ ކިބައިން މައާފަށް އެދެން ވެސް އެ މައްސަލައިގައި އެދިފައިވެ އެވެ.
ޝުމްބާ "މިހާރު"އަށް ބުނީ މި މައްސަލައިގައި އިންސާފު ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، ނަމަވެސް ޖިނާއީ ތަހުގީގެއް ހިންގައި މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތް ހަދަން ބޭނުންވާ ކަަމަށެވެ.
ޝުމްބާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ ލަންކާގައި އާއިލާއާ އެކު ދިރިއުޅެމުން ދަނިކޮށް އޭރުގެ ރައީސް ޔާމީންގެ އަމުރަށް ލަންކާގެ ހަތިޔާރު އެޅި ފުލުހުންނާއި ދިވެހި ފުލުހުން ކަމަށެވެ. އަދި އެކަމުގައި އެމްބަސީ އާއި ލަންކާގެ އިމިގްރޭޝަންގެ ފަރާތްތައް ވެސް ބައިވެރިވި ކަމަށް ބުނެފައިވެ އެވެ.
ޝުމްބާ ބަންދު ކުރީއްސުރެ ގޭބަންދަށް ބަދަލުކުރަންދެން ބަހައްޓާފައި ހުރީ އެކަހެރިކޮށް ކަރަންޓު ނެތް ގޮޅިއެއްގައި ކަމަށާއި އޭނާއަށް ދޭން ޖެހޭ އަސާާސީ ހިދުމަތްތަކާއި އިނާޔަތްތައް ވެސް ނުދޭ ކަމަށް ބުނެފައިވެ އެވެ. އަދި މާފުށީ ޖަލުގައި 15 ވަރަކަށް އޮފިސަރުން ވެގެން އޭނާ އަށް އަނިޔާ ވެސް ކުރި ކަމަށް ބުނެފައިވެ އެވެ.
އޭނާ ލިބެމުން ދިޔަ އަނިޔާތަކުގެ މައްސަލަ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގައި ޖެއްސި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ވެސް ޝުމްބާ ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައިގައި ޝުމްބާގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާ ވެސް ކުރި އެވެ. ސަރުކާރު ބަދަލުވުމުން އޭނާ ޖަލު ބަންދުން ގޭބަންދަށް ބަދަލުކޮށް، އެންމެ ފަހުން މިނިވަން ކުރި އިރު، ބަންދުގައި ހުރި މުއްދަތު އެ ދައުވާ އިން ލިބޭ އެންމެ ބޮޑު އަދަބަށް ވުރެ ވެސް އިތުރު ކަމަށް މައްސަލައިގައިވެ އެވެ.
މީގެ ކުރިން ވެސް ޝުމްބާ ވަނީ އޭނާ ހައްޔަރު ކުރި މައްސަލައާ ގުޅިގެން އޭރުގެ ސަރުކާރުގެ އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެދިފަ އެވެ.
މާޒީގައި ހިނގާފައިވާ ކަންކަމަށް އިންސާފު ހޯދައިދޭން ހެދި އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ މުއްދަތު ހަމަވަނީ މިރޭ 12 ޖަހާއިރު އެވެ.