މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކުރީ ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަންގެ މަސައްކަތްތައް ރައީސް އޮފީހާ ހަވާލު ކުރުމުން އެ މައުލޫމާތުތައް ހާމަ ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ހިމެނޭ ގޮތަށް ތަހުގީގުތައް އަދިވެސް ކުރިއަށް ދާތީ، އާއިލާތަކުގެ އެދުމުގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކޮމިޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް ދަންމާލައްވައިފަ އެވެ.

އެ މައްސަލާގައި ރާއްޖޭގެ ފަސް ޖަމިއްޔާއަކާއި ބައިނަލްއަގުވާމީ ފަސް ޖަމިއްޔާއަކުން ވަނީ މަރު ކޮމިޝަންގެ ހޯދުންތައް އާންމު ކުރުމަށް ގޮވާލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި މަރު ކޮމިޝަންގެ ރިޕޯޓުތައް ލިބުމުން އެ ރިޕޯޓުގައިވާ މައުލޫމާތުތައް ސަރުކާރުން ހާމަ ކުރާނެ އެވެ.

މަރު ކޮމިޝަނުން ވެސް ބުނެފައި ވަނީ އެ ކޮމިޝަނުން ޖަވާބުދާރީ ވާން ޖެހެނީ ރައިސުލްޖުމްހޫރިއްޔާ އަށް ކަމަށްވާތީ މި މަހުގެ ނިޔަލަށް މަސައްކަތްތައް ނިންމާލުމަށް ފަހު ރައީސް އޮފީހަށް ރިޕޯޓުތައް ހަވާލު ކުރާނެ ކަމަށެވެ. އަދި އެއަށް ފަހު އެ ކޮމިޝަން އުވާނެ އެވެ.

މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަން އުފައްދާފައިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ނޮވެމްބަރު 2018 ގަ އެވެ.

އެ ކޮމިޝަން އުފެއްދުމަށް ފަހު، އޭރުގެ ސަރުކާރުން ބުނެފައި ވަނީ ކޮމިޝަންގެ ތަހުގީގުތައް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމި އޭގެ ފަހުން ހަ މަސްވިއިރު ވެސް އެ އިން އެއްވެސް މައްސަލައަކަށް އިންސާފެއް ނުލިބެ އެވެ.

އަދި އެ ކޮމިޝަނަށް 2019 އިން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 5.5 މިލިއަނާ ގާތް ކުރާ އަދަދަކަށް ފައިސާ ހަރަދު ކޮށްފައިވެ އެވެ.