މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާ ގުޅުވައި މަރު ކޮމިޝަނުން މިއަދު ކުރި ތުހުމަތުތައް ޕީޕީއެމް/ޕީއެންސީން މިރޭ ދޮގު ކޮށްފި އެވެ.
އޮގަސްޓް 8، 2014 ގައި ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގު ކުރުމަށް ފަހު މަރު ކޮމިޝަނުން މިއަދު ވަނީ އެކަމާ ގުޅޭ ރިޕޯޓެއް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އަރުވައިފަ އެވެ.
އެ ރިޕޯޓާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެންބަރުން ވިދާޅުވީ ރިލްވާންގެ ގެއްލުވާލުމުގައި ބައިވެރި ކަމަށް ތުހުމަތު ކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ، މުހައްމަދު މުނާޒް ރިލްވާން ގެއްލުވައިލި ގޮތް އޭރުގެ ރައީސް ޔާމީނަށް ކިޔައިދިން ކަމަށެވެ.
އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އެހެނިހެން ފަރާތްތައް ވެސް އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ވަރަށް ގުޅުން އޮންނަ ކަމަށް އެ ކޮމިޝަނުން ތުހުމަތު ކުރި އެވެ.
އެކަމާ ގުޅިގެން މިރޭ ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮމިޝަނުން ދެއްކި ވާހަކަ އާއި އެކުލަވައިލި ރިޕޯޓް އެ ޕާޓީން ބަލައި ނުގަންނަ ކަމަށާއި އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާ ކޮށްގެން ކުރައްވާފައިވާ މަސައްކަތެއް ނޫން ކަމަށެވެ.
މި މައްސަލަ އާއި ރައީސް ޔާމީނާ ގުޅެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް މަރު ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑީޔާރު ހުސްނުސޫދު އޭރު ވަރަށް ސާފުކޮށް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވި އެވެ.
އެހެންވެ މި ސަރުކާރު ބޭނުންވި ނަތީޖާ ނުނެރެވުމުން އަލުން މެންބަރުން އެއްކޮށްގެން މިއަދު ނެރުނު ރިޕޯޓަކީ ރިޔާސީ އިންތިހާބާ ގުޅިގެން ޔާމީނަށް ގޮންޖެހުންތައް ކުރިމަތި ކުރުމަށް ކުރި ސިޔާސީ މަސައްކަތެއް ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
"މިއީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ބާރު ލިބިގެން އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ސިޔާސީ ކޮމިޝަނެއް. މި ކޮމިޝަނުން މި ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއް،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މަރު ކޮމިޝަނުން އެފަދަ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ޔާމީންގެ އަބުރު ކަތިލުން ކަމަށާއި މި ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރާ ކަމާއި ދެވަނަ ދައުރެއް ނުލިބޭނެ ކަން ކަށަވަރު ކުރެވުމުން އަނެއްކާވެސް ޔާމީނަށް އުނދަގޫ ކުރުން ކަމަށެވެ.
މި ސަރުކާރު އައި ފަހުން ވެސް ގޮތް ނޭނގޭ އެތައް މަރެއް ހިނގާފައިވާ ކަމަށާއި އެކަންކަމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
މަރު ކޮމިޝަނުން މިއަދު ދެއްކި ވާހަކަތަކާ ގުޅިގެން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ ކޮމިޝަންގައި ހިމެނޭ މެންބަރު މިސްބާހު އައްބާސްގެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފަ އެވެ.