އައްޑޫގައި ހުންނަ، އެއިމްސް ޑައިގްނޯސްޓިކް ކެއާ (އެއިމްސް) ކްލިނިކުން ކަށީގެ ފަރުވާއެއް ހޯދި އަންހެނަކަށް ދިން ބޭހެއް ޑޯޒް މަތިކޮށް ކާން ދިނުމުން އޭނާގެ ގުނަވަންތައް ފެއިލްވެ، މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ސ. މަރަދޫ އާއިޝަތު އަޒީޒާ ހަލީލް، 58، މަރުވީ، އާއިލާ އިން ބުނާ ގޮތުގައި އެ ކްލިނިކްގެ ކަށީގެ ޑޮކްޓަރު ދިން ބޭސް ކާތާ ގާތްގަނޑަކަށް ދެ ހަފުތާއެއް ފަހުން، މި މަހުގެ 16 ވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ހާދިސާ ފެންމަތިވުމާ އެކު މިހާރު އެ މައްސަލަ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. އާންމުކޮށް ވެސް އެފަދަ މައްސަލަތައް ދިމާވުމުން މައްސަލަ މިނިސްޓްރީން ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއިމްސް ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން ރޭ "މިހާރު" އަށް ވިދާޅުވީ އިންޓާނަލް ރިވިއުއެއް ހެދުމަށް ފަހު، ސްޕެޝަލިސްޓް އެހެން ޑޮކްޓަރުންގެ ކޮމެންޓް އެކަމުގައި ހޯދާފައިވާ ކަމަށެވެ. އަދި ޑޮކްޓަރުން ވެސް، އެ މީހާއަށް ދީފައިވާ ޑޯޒް މާ މަތި ޑޯޒެއްކަން ފާހަގަކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެހެންވެ އިންޓާނަލީ ބެލުމަށް ފަހު ޑޮކްޓަރު ސަސްޕެންޑްކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އަަދި އެކަމުގައި ހެލްތު މިނިސްޓްރީ އާއި މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ސިޓީއެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިހުސާން ވިދާޅުވެ އެވެ.
"އެ އުސޫލުތަކުގެ ތެރެއިން އޭރުން ކަންނޭނގެ މީގައި އިންޑެޕެންޑެންޓް ތަހުގީގެއް ކުރެވޭނީ. ދެން އަޅަން ފެނިވަޑައިގަންނަވާ ފިޔަވަޅެއް އެ ބޭފުޅުން އަޅާނީ،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި އަޒީޒާ ސީދާ މަރުވީ އެ ބޭހުގެ މަތީ ޑޯޒެއް ބޭނުންކޮށްގެން ކަން މުޅިން ނިންމާނީ ކަމާ ބެހޭ ފަރާތްތަކުންނެވެ. އަދި ކްލިނިކުން މައްސަލައިގެ ތަހުގީގަށް އެއްބާރުލުންދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފަސް ކުދިންގެ މަންމަ، އަޒީޒާގެ ފައިގައި ވަރަށް ގަދައަށް ރިއްސައި ނުހިނގޭ ހިސާބަށް ގޮސްގެން، މިމަހުގެ ދެވަނަ ދުވަހު، އެންމެ ފުރަތަމަ ދެއްކީ މަރަދޫ ސިއްހީ މަރުކަޒަށެވެ. އޭގެ ފަހުން ވެސް ރަނގަޅު ނުވެގެން އެއިމްސް ކްލިނިކްގައި ހުރި ކަށީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކި އެވެ.
"ޑޮކްޓަރު ބަލާފައި ބޭސް ދިން. ހަގީގަތުގައި ޑޮކްޓަރު ދިން ބޭސް ގޯސްވީއެއް ނޫން. ގޯސްވީ ބޭހުގެ ޑޯޒް ލިޔެފައި އޮތް ގޮތް. މާ މަތީ ޑޯޒެއް ދީފައި ހުރީ،" އާއިލާ އިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުންޏެވެ.
އަންހެން މީހާ އަށް ދިނީ މެތޯޓްރިއެކްސޭޓް އެވެ. އެ ބޭސް ކެއުމަށް ބޭސް ސިޓީގައި ޖަހާފައިވާ ގޮތަކީ ފަސް މިލިގްރާމުގެ ދެ ގުޅަ ދުވާލަކު އެއް ފަހަރު، ތިން ހަފްތާ ވަންދެން ބޭނުން ކުރުމަށެވެ.
"އެ ބޭހަކީ ކައްޓަށް ވާ ތަދު ނުވަތަ ކެންސަރު ޕޭޝަންޓުންނަށް ކީމޯ ދީގެން އެ މީހުންނަށް އެވާ ތަދު ކަހަލަ ތަދުތަކަށް ދޭ ބޭހެއް. މީހާގެ އިމުއިނިޓީ ލޯ ކޮށްލާ އެއްޗެއް. އަސްލު އެ ބޭސް އެންމެ ގިނަވެގެން ދޭން ޖެހެނީ 20-25 މިލިގްރާމް ހަފްތާއަކަށް. އެކަމަކު ޑޮކްޓަރު ދީފައި އިނީ ދުވާލަކަށް 10 މިލިގްރާމް ކާގޮތަށް، އެއީ ތިން ހަފުތާވަންދެން." އޭނާ ބުނި ގޮތުގައި އަޒީޒާ، އެގޮތަށް ބޭސް ކަމުންް އައިކަން އާއިލާ އަށް އެނގުނުއިރު 12 ވަރަކަށް ދުވަސް ވެއްޖެ އެވެ. އެކަމަކު އޭރު ވަރަށް ބޮޑަށް އަނގަ ތެރެ ފާރުވެ އޮތީ ފަންގަސް ހެދިފަ އެވެ.
އެހެންވެ، މަރަދޫ ސިއްހީ މަަރުކަޒަށް ދެއްކުމުން އެތަނުން ދިނީ އަނގަ ދޮންނަ ބޭހެކެވެ. އެކަމަކު އަނގައިގެ ފާރުތައް ގިނަވެ، ފެންފޮދެއް ވެސް ބޮއެ ނުލެވޭ ވަރަށް އަނގަ ފާރުވި އެވެ. އޭގެ ފަހުން އޭނާގެ ގައިގައި ފިތް ނަގަން ފެށި އެވެ.
އެހާ ހިސާބުން އަޒީޒާ އަށް ދީފައި ހުރި ބޭސްތައް ޑޮކްޓަރަކަށް ފޮނުވައި، އޭގައި އެލާޖިކެއް ވެދާނެ ކަހަލަ ބޭހެއް ހުރިތޯ ބެލުމުގެ މަަސައްކަތް އާއިލާ އިން ފެށި އެވެ. އެއާ އެކު ބޭސް ސިޓީ ފޮނުވި ޑޮކްޓަރު އެންގީ ވަގުތުން އެ ބޭސް ބޭނުންކުރުން ހުއްޓާލުމަށެވެ. އެކަމަކު އޭރު އަޒީޒާގެ ހާލު ވަރަށް ދެރަ އެވެ.
ހެދި ޓެސްޓްތަކުން، ހަށިގަނޑުގެ ގުނަވަންތަކަށް އަސަރުކޮށްފައިވާކަން އެނގުމުން މަރަދޫ ސިއްހީ މަރުކަޒުން ރިފާ ކުރީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމަށެވެ. އެންމެ ފަހުން، އެތަނަށް ގޮސް، ޓެސްޓްގެ ނަތީޖާ ޔަގީންކުރުމަށް ދެވަނަ ފަހަރަށް ވެސް ޓެސްޓްތައް ހެދި އެވެ.
ހަށިގަނޑުގެ ގުނަވަންތައް ފެއިލްވި ސަބަބަކީ ކޮބައިތޯ އިމަޖެންސީގައި ބެލި ޑޮކްޓަރުން ކައިރީގައި އާއިލާއިން އެހުމުން އެ މީހުން ވެސް ބުނެފައި ވަނީ އެ ބޭހުގެ ޑޯޒް މަތިކަމުންވީ ގޮތެއް ކަމަށް، އާއިލާ އިން ބުނެ އެވެ.
އަޒީޒާ އަކީ ކުރިން ކިޑްނީ އަދި ލިވާއެއްގެ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫނެވެ. އެކަމަކު ދެ ފަހަރަށް ސްޓްރޯކް ޖެހިފައިވާ އަޒީޒާ އައީ ހިތުގެ ބައްޔަށް ވެސް ބޭސްކަމުންނެވެ. އަދި ލޭ މަައްޗަށް ދިއުމާއި ހަކުރުގެ މައްސަލަ ވެސް އޭނާގެ ހުރެ އެވެ.
އެއިމްސް އަށް ޑޮކްޓަރަށް ދެއްކިއިރު ވެސް އޭނާ އައީ އެ ހުރިހާ ބައްޔަކަށް ބޭސް ކަމުންނެވެ. އަދި ޑޮކްޓަރު ކައިރީގައި ވެސް، އެ ބޭސްތައް ކަމުން އަންނަ ވާހަކަ އޭނާ ބުނެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.