ހއ. ދިއްދޫގެ މަގު ހެދުމުގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނެ އެ ރަށުން މިއަދު ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

އެމްއާރުޑީސީން ތާރު އަޅައިގެން ހަދަމުން އަންނަ މަގުގެ މަސައްކަތާ މެދު އެ ރަށުގެ ބައެއް މީހުން ތިބީ ހިތްހަމަނުޖެހިފަ އެވެ. އެގޮތުން ސްމިތު ހައްޔަރުކުރީ، އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް ދިއްދޫގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިންނެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން ދިން ލިޔުމުގައި ބުނެފައިވަނީ ސްމިތު ގެންދިޔައީ ހައްޔަރު ކުރުމަށް ނުވާ ގޮތަށެވެ. އަދި އޭނާއަށް ކުރަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުމުގެ ތުހުމަތެވެ.

ދިއްދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި، 4.5 ކިލޯ މީޓަރަށް ތާރު އަޅައިގެން ހަދާ މަސައްކަތާ މެދު ހިތްހަމަނުޖެހެނީ، 50 ފޫޓުގެ އެ މަގުގެ ދެ ފަރާތުގައި ބޮޑު ޕޭވްމަންޓެއް ހަދައި، މަގު ފަޅިކުރުމުން، ބޭނުންކުރަން އޮންނަ ބައި ކުޑަވުމުންނެވެ. އެހެންވެ އެކަން ބަދަލުކޮށްދިނުމަށް ވެސް އެދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މައްސަލާގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިއްދޫގެ މަގު ހެދުމުގެ މަޝްރޫއު ހުއްޓުވުމަށް ގެނެސް، ރައްޔިތުންގެ ތަރައްގީއަށް ހުރަސް އަޅައިގެން ތިބުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ފުލުހުންގެ އެހީތެރިކަމާ އެކު އިދިކޮޅު ފަރާތްތައް އެއްކައިރި ކޮށްފައި ނަމަވެސް ތަރައްގީ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިއްދޫ މަގު ހެދުމަށް ހުރަސް އެޅި ކަމަށް ބުނެ ސްމިތު ހައްޔަރު ކުރިއިރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި ވެސް ދާދި ފަހުން އޭނާ ހައްޔަރުކުރި އެވެ.