މެޑްރިޑް (ޖެނުއަރީ 15) – ޗެލްސީގެ ސްޕެނިޝް ފޯވާޑް އަލްވާރޯ މޮރާޓާ ބަދަލުވުމުގެ ފުރުސަތު އެންމެ ބޮޑު ކްލަބަކީ އެތުލެޓިކޯ މެޑްރިޑް ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރެއާލް މެޑްރިޑުގެ ޔޫތު ޓީމުން ތަމްރީންވެ ސީނިއާ ޓީމަށް ވެސް ކުޅުމަށް ފަހު މޮރާޓާ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ބަދަލުވީ 65 މިލިއަން ޔޫރޯ އަށެވެ. އެކަމަކު އޭނާ އަށް ޗެލްސީގައި އެކަށީގެންވާ ކުޅުމެއް ނުދެއްކެ އެވެ.

އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރި ސެވިއްޔާ އިން މިހާރު ވަނީ މަސައްކަތް ހުއްޓާލައިފަ އެވެ.

"މޮރާޓާ ބޭނުންވި މިތަނަށް އަންނަން. އެކަމަކު ވާހަކަތައް، ފައިސާއާ ހަމަޔަށް ދިއުމުން އަހަރެމެންނަށް އެނގުނު އެއީ ވާނެ ގޮތެއް ނޫންކަން،" ސެވިއްޔާގެ ޑިރެކްޓާ އޮފް ފުޓްބޯލް ޔޯކީމް ކަޕަރޮސް ބުންޏެވެ.

އެހެންވެ ސެވިއްޔާ އިން ވަނީ ބަދަލުގައި ބާސެލޯނާގެ ޒުވާން ފޯވާޑް މުނީރް އެލް ހައްދާދީ ގެނެސްފަ އެވެ. އޭނާގެ ބަދަލުގައި ބާސެލޯނާ އިން މޮރާޓާ ގެންނަން ބޭނުންވި އެވެ. އެކަމަކު ޗެލްސީން ކިޔާ އަގު ބޮޑުވާތީ ބާސެލޯނާ އިން ވެސް ޝައުގުވެރިކަމެއް ނެތް ކަމަށްވެ އެވެ.

އެހެންވެ މިހާރު ދެން މޮރާޓާ ދިއުމުގެ ފުރުސަތު ބޮޑީ އެތުލެޓިކޯ އަށެވެ. އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ނިކޮލާ ކަލިނިޗާއި ޖެލްސަން މާޓިންސް ވިއްކާލާފައި މޮރާޓާ ގެނެސްފާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ލަފާކުރެވެނީ ގެންނާނީ ލޯން އުސޫލުންނެވެ.

މޮރާޓާ އަށް ރަނގަޅު ކުޅުމެއް ނުދެއްކޭތީ ޗެލްސީން މަސައްކަތްކުރަނީ އޭސީ މިލާނުގެ ފޯވާޑް ގޮންޒާލޯ ހިގައިން ގެންނާށެވެ. އެކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ. ދެން އޮތީ ޗެލްސީ އާއި މިލާން އަދި އޭނާގެ ބެލެނެވެރި ކްލަބް ޔުވެންޓަސް އިން އެއްބަސްވުމަކަށް އައުމެވެ. އެހިސާބުން އެކަމަށް ފަންޑް ހޯދުމަށްޓަކައި މޮރާޓާ ދޫކޮށްލަން ޗެލްސީ އަށް މަޖުބޫރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.