"މިހާ ފުރިހަމަ އަށް ތައްޔާރުވެ، އިންތިޒާމުތައް ހަމަޖައްސާފައިވާ ރިޒޯޓަކަށް އަދި ނުދެވޭ،"

މޯލްޑިވްސް ރިޒޯޓް ވޮލީބޯލް ލީގުގެ ބ. ޒޯނުގެ މެޗުތައް ހޯސްޓުކުރާ އަމިއްލަ މޯލްޑިވްސްގެ އިންތިޒާމުތަކާ ބެހޭގޮތުން އެ މުބާރާތް ރާވައި ހިންގާ ވޮލީބޯލް އެކަޑަމީ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ޝާފީ ވިދާޅުވި އެވެ

"ވަކި ކަމެއް ނޫން، ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ. ހަމަ އާދަޔާހިލާފޭ ދެންނެވޭނީ."

ރ. އަތޮޅާއި ނ. އަތޮޅުގެ ރިޒޯޓުތައް ވެސް ހިމެނޭ ބ. ޒޯނުގެ މުބާރާތް ބާއްވަން އަމިއްލަ މޯލްޑިވްސް އިން ތައްޔާރުކުރީ ކުޑަވަރެއްގެ ވޮލީ ސްޓޭޑިއަމެކެވެ. ވެލި ކޯޓެއް ނަމަވެސް، ކުޅޭ ސަރަހައްދު ލެވެލްކޮށް، ސަޕޯޓަރުންނަށް އިށީނދެގެން ތިބޭވޭ ގޮތަށް ސީޓިން ހަމަޖައްސައި، ޗޭންޖިން ރޫމް ވެސް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފަ އެވެ. މުޅި ސަރަހައްދު ރީބްރޭންޑްކޮށް، ފޯރިގަދަ މާހައުލެއް އޮންނާނެ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

އަމިއްލަ މޯލްޑިވްސް އިން މިހާ ފުރިހަމައަށް މި ތައްޔާރުވީ، ރާއްޖޭގައި ޒަމާނުއްސުރެ ވޮލީގެ ފޯރި ހިފަހައްޓައިދޭ ރިޒޯޓްތަކަށް ހާއްސަކޮށްގެން، ޝާފީ މެން މުޅިން އާ ފޯމެޓަކަށް ބާއްވާ މުބާރާތަކަށެވެ. އެންމެ ބޮޑު ބަދަލަކީ ހަމަ އެކަނި އެ ރިޒޯޓް މުވައްޒަފުންނަށް ކުޅެވުމެވެ.

ކުރިން އެސޯސިއޭޝަނުން ބާއްވާ މުބާރާތުގައި ގައުމީ ފެންވަރުގެ ކުޅުންތެރިން ބޮޑު އަގުގައި ގެނެސް އެ ކުޅުންތެރިން ލައްވައި ކުޅުވާތީ، މުބާރާތުގެ ރޫހު ގެއްލި، އެ ޝަކުވާ ރިޒޯޓްތަކުންނާއި ކުޅުންތެރިން ކުރެ އެވެ.

ޝާފީ ވިދާޅުވީ މި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ ސީދާ ރިޒޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވާދަވެރި މާހައުލެއްގައި މި ކުޅިވަރު ކުޅެލުމުގެ ފުރުސަތު ދިނުން ކަމަށެވެ.

"މީގައި ކުޅޭނީ އެ ރިޒޯޓެއްގައި މަސައްކަތްކުރާތާ ތިން މަސް ދުވަސްވެފައިވާ، އެ ތަނެއްގެ މުވައްޒަފުން. މިއީ ސީދާ މުވައްޒަފުންނަށް ހާއްސަ މުބާރާތެއް،"

ރިޒޯޓް ވޮލީބޯޅަ ލީގުގައި އަމިއްލަ މޯލްޑިވްސްގައި ބޭއްވި މެޗެއްގެ ތެރެއިން: މުބާރާތް ކުރިއަށް ދަނީ ވަރަށް ފޯރިގަދަކޮށް.
ރިޒޯޓް ވޮލީބޯޅަ ލީގުގައި އަމިއްލަ މޯލްޑިވްސްގައި ބޭއްވި މެޗެއްގެ ތެރެއިން: މުބާރާތް ކުރިއަށް ދަނީ ވަރަށް ފޯރިގަދަކޮށް.

މުބާރާތް ކުރިއަށް ގެންދަނީ ބ. ޒޯނުގެ އިތުރުން މާލެ ޒޯން ހިމެނޭހެންނެވެ. ބ. ޒޯނުގައި ވާދަކުރަނީ އަމިއްލަ މޯލްޑިވްސްގެ އިތުރުން އަނަންތަރާ ކިހާވަށް ރިޒޯޓާއި، ވައްކަރު މޯލްޑިވްސް، އާއި ޖޯލި ބީން އާއި ސިޔާމް ވޯލްޑް އެވެ.

އާދީއްތަ ދުވަހު ފެށި މި ޒޯނުގެ ޗެމްޕިއަން ޓީމާއި، ރަނަރަޕް ޓީމު ކޮލިފައިވާނީ ޗެމްޕިއަންޝިޕަށް ބުރަށެވެ. އެ ބުރުގައި ދެން ކުޅޭނީ މާލޭ ޒޯނުގެ ޗެމްޕިއަން ފޯ ސީޒަން ކުޑަހުރާ އާއި ރަނަރަޕް ކަނޑޫމާ ރިޒޯޓެވެ. ދެ ސެމީ ފައިނަލް ކުޅެ މޮޅުވާ ދެ ޓީމުގެ ފައިނަލް މެޗު އަންނަ މަހުގެ 4 ވަނަ ދުވަހު މާލޭގައި ބާއްވަން އަންނަނީ މަސައްކަތްކުރަމުންނެވެ.

ވޮލީބޯލް އެކަޑަމީ މޯލްޑިވްސް އިން 2022 ވަނަ އަހަރު ތައާރަފުކުރި މި މުބާރާތް ކުރިއަށް ގެންދަން ލިބޭ އެންމެ ބޮޑު ހިތްވަރަކީ ވެސް ރިޒޯޓްތަކުން ދޭ ސަމާލުކަމާއި، ވާ ތައްޔާރީތަކެވެ. އަމިއްލަ މޯލްޑިވްސް އިން މުބާރާތަށް މި ފަހަރު ތައްޔާރުވެފައި އޮތްލެއް ފުރިހަމަކަމުން މި މުބާރާތަށް ލިބޭ ސަމާލުކަން ވަނީ އިތުރުވެފަ އެވެ.

ޕްރައިވެޓް ލަގްޒަރީ ރިޒޯޓެއް ކަމަށްވާ އަމިއްލަ މޯލްޑިވްސް އަކީ އަބަދުވެސް ކުޅިވަރު ހަރަކާތްތައް ބާއްވާ، އަދި އެފަދަ ކަންކަމަށް ސަޕޯޓްދޭ ރިޒޯޓެކެވެ. އެގޮތުން އޮސްޓްރޭލިއާގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޓިމް ކޭހިލް ގެނެސް، ބ. އަތޮޅުގެ ރަށްރަށުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ޓްރެއިނިން ޕްރޮގްރާމެއް ވެސް ބާއްވާފައިވެ އެވެ. މީގެ އިތުރުން މަޝްހޫރު ޓެނިސް ކުޅުންތެރިން ގެންގޮސް އެގްޒިބިޝަން މެޗުތަކާއި، ކޯޗިން ކްލިނިކްތައް ބާއްވަ އެވެ. އެ ރިޒޯޓުގައި އެންމެ ޒަމާނީ ޓެނިސް ކޯޓަކާއި، ފުޓްބޯޅަ ޕިޗެއް އޮވެ އެވެ.

"ދެން އޮތީ އިރާދަކުރެއްވިއްޔާ ވޮލީބޯޅައިގެ އިންޑޯ ޕިޗެއް އެޅުން،" އަމިއްލަ މޯލްޑިވްސްގެ ވޮލީ ސްޓޭޑިއަމަށް ގެންނަން ރާވާފައިވާ އިތުރު ތަރައްގީތަކާ ބެހޭގޮތުން އެ ރިޒޯޓުގެ އޮފިޝަލަކު ބުންޏެވެ.