ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ގިނަ ބަޔަކު ރީރަޖިސްޓްރީވަމުން ދިއުމަކީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ބުނެ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއަށް އެމްޑީޕީން މިއަދު ރައްދުދީފި އެވެ.
މި މަހުގެ ފަހު ކޮޅު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން އެތައް ހާސް ބަޔަކު ރީ-ރަޖިސްޓްރީ ކުރާތީ އިދިކޮޅު ޕީޕިއެމާއި ޕީއެންސީން ދަނީ ތުހުމަތުތަކެއް ކުރަމުންނެވެ.
ދެ ވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މިދިޔަ ހުކުރު ދުވަހު ހުޅުވައިލުމުން، މިއަދާ ހަމައަށް 25،400 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ބުނެފަ އެވެ.
އެހާ ގިނަ އަދަދެއްގެ ބަޔަކު ރީ-ރަޖިސްޓްރީ ކުރާތީ އެކަމާ މެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިސްވެ ވަނީ ސުވާލު އުފައްދަވައިފަ އެވެ. އެހެންވެ، ސިޔާސީ ޕާޓީތަކުންނާއި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނިޓަރުން އެކަން ރަނގަޅަށް ބަލަން މުއިއްޒު ވަނީ ގޮވާލައްވައިފަ އެވެ.
އެ ތުހުމަތުތަކާ ގުޅުވައި އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުއްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީހާ ވެސް ގިނަ ރައްޔިތުން ވޯޓުލުމުގެ ހައްގު ބޭނުން ހިފަން އުޅުމަކީ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
"އެއީ ހިތްވަރުދީ، އެ ހައްގުގެ ބޭނުންހިފާތީ އުފާކުރަންވީ ވަރުގެ ކަމެއް،" ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަނަސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގާ ޕާޓީއެކެވެ.
"ނަހަމަ ގޮތުގައި ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ހިފައި ޕާޓީ ކުރިއެރުވުމަށް މިހާތަނަށް މަސައްކަތް ކޮށްފައި ވަނީ ޕީޕީއެމް އިން ރައީސް ޔާމީންގެ ވެރިކަމުގައި،" އަނަސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނުނިކުމެ އެވެ. އެ އަދަދު 50،000 އަށް ވުރެން ގިނަ ކަަމަށާއި މި އިންތިހާބަކީ މިހާތަނަށް އެންމެ މަދުން މީހުން ވޯޓުލާން ނުކުތް އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ވޯޓުލާން މީހުން މަދުން ނުކުތުމަކީ، އެމްޑީޕީއަށް ވޯޓުތަކެއް މަދުވި ސަބަބެއް ކަމަށް ބުނެ އެ ޕާޓީން އަންނަނީ ޖަގަހަތަކުގައި އޮންލައިންކޮށް ފޯމު ފުރައިދީ ރީރަޖިސްޓްރީކޮށްދެމުންނެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ.