މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކުރުމަކީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.

އެމްޑީއެން އިން ނެރުނު ރިިޕޯޓެއްގައި އިސްލާމްދީނާ ޚިލާފް ވާހަކަތަކެއް ހިމަނާފައި ހުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، އެ ޖަމްއިއްޔާ އިއްޔެއިން ފެށިގެން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެ ރިޕޯޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްޑީއެން ސަސްޕެންޑް ކުރުމަކުން ނުފުދޭނެ ކަމަށާއި އެ ޖަމްއިއްޔާ ޖެހޭނީ އުވާލަން ކަމަށެވެ. އެކަށީގެންވާ ފިޔަވަޅެއް އެކަމުގައި ސަރުކާރުން އެޅި ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެކަން ކުރި ބަޔަކު ހައްޔަރު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ސޯލިހް އެ އުޅުއްވީ ހަމަ ޑްރާމާއެއް ކުޅުއްވަން. އެމަނިކުފާނަށް މަޖުބޫރު ހާލަތެއް އައިސްގެން ދެން އެޅުއްވި ފިޔަވަޅެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ، ވަގުތީ ގޮތުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޚާއްސަ ބާރުތަކެއް ލިބިދޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު އިއްޔެ ތަސްދީގު ކުރެއްވުމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު އިސްލާހުކުރީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް އަމާޒު ކޮށްގެން ކަމަށެވެ. އެހެން ނޫން ނަމަ، އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ އެމްޑީއެންއާ މެދު ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެރަރިޒަމްގެ އަމަލެއް މި ރާއްޖޭގައި މި ފަހުގެ ތާރީޚެއްގައި ހިންގި އެންމެ ބޮޑު އަމަލު މި ހިންގީ އެމްޑީއެންގެ ފަރާތުން. އެ ރިޕޯޓް ނެރުން އެއީ އިއްޔެ ވެސް އަޅުގަނޑު ދަންނަވާލިން އިސްލާމްދީނަށް ދިން ޓެރަރިޒަމްގެ އަމަލެކޭ. ކީރިތި ރަސޫލާއަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ އަމަލެކޭ. އެހެންވީމަ އެ މީހުންނާ މެދު ފިޔަވަޅު ނާޅާ ކަމަށް ވަންޏާ ދެން ކޮން ބަޔަކާ ދޭތެރޭގައިތޯ ފިޔަވަޅު އަޅާނީ. އެހެންވީމަ މިއަދުގެ ސަރުކާރުން ބޭނުންވާ ބަޔަކު ހިފައި، ހައްޔަރު ކުރަން ހަދައިގެން އުޅޭ ގާނޫނެއް މިއީ." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެހެން ދީންތައް ރާއްޖެ ގެނައުމަށް ކަމަށާއި އެ ހުުރިހާ ކަމެއް ކުރަނީ ވެސް ސަރުކާރުން ރާވައިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މަގާމުގެ ދަހިވެތިކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށާއި އޭނާއަކީ އިސްލާމްދީނަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.