އައިސްލޭންޑް (ސެޕްޓެމްބަރު 2) - ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި އެންޓިބޮޑީ ލެވެލް އިތުރުވާ ކަމަށާއި ގާތްގަނޑަކަށް 90 ޕަސެންޓް މީހުންގެ ހަށިގަނޑުގައި ހަތަރު މަސް ދުވަސް ވަންދެން އެންޓިބޮޑީސް ހުންނަ ކަމަށް އައިސްލޭންޑުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ދިރާސާ ހެދި ޑިކޯޑް ޖެނެޓިކްސްގެ ޗީފް އެގްޒެކެޓިވް ކަރި ސްޓެފަންސަން ވިދާޅުވީ އެންޓިބޮޑީސް ގިނަ ދުވަހަށް ހަށިގަނޑުގައި ހުރުމަކީ ދެ ވަނަ ފަހަރަށް ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ.
ދިރާސާގައި ވަނީ އައިސްލޭންޑުގެ 30،000 މީހުންގެ އެންޓިބޮޑީ ލެވެލް ބަލައިފަ އެވެ. ސާމްޕަލް ނަގާފައި ވަނީ ތިން ގްރޫޕެއްގެ މީހުންގެ އެވެ. އެއީ ކޮވިޑް-19 ޖެހިފައިވާކަން ޔަގީންވެފައިވާ މީހުންނާއި ވައިރަހަށް އެކްސްޕޯޒްވެ އެކަމަކު ބަލި ޖެހިފައިނުވާ މީހުން އަދި ބަލި ޖެހިފައިނުވާ ގްރޫޕެވެ. އެ ގައުމުން ބަލިޖެހިފައި ވަނީ 2،100 މީހުންނަށެވެ.
އެންޓިބޮޑީސް ޓެސްޓްގެ ދިރާސާގެ އަލީގައި ރިސާޗަރުން ލަފާ ކުރަނީ ގައުމުތަކުގެ އިގްތިސާދު ހުޅުވާލާ އިރު އެއީ ކުރުން މުހިންމު ކަމެއް ކަމަށެވެ. އެއީ ގައުމުގެ އާބާދީގެ ތެރޭން ބަލި ޖެހިފައިވާ މީހުންގެ އަދަދު ލަފާކުރެވޭނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.