އާޖެންޓީނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން އިއްޔެ ކަނޑައަޅައިފި އެވެ.

މިއީ މީގެ މަސްތަކެއް ކުރިން އާޖެންޓީނާއިން އެޅި ފިޔަވަޅަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ނިންމި ނިންމުމެކެވެ.

މިދިޔަ މާޗް މަހުގެ ފަހުކޮޅު އާޖެންޓީނާއިން ވަނީ އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ގޮފި ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އާޖެންޓީނާއިން އެ ފިޔަވަޅު އެޅީ ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ އަށް އައިއާރުޖީސީން ވާގިވެރިވާ ކަމަށް ބުނެ އެވެ.

މީގެ އިތުރުން، 1994 ވަނަ އަހަރު އާޖެންޓީނާގެ ވެރިރަށް ބުއޭނޯސް އައިރީސްގައި ހުންނަ ޔަހޫދީންގެ ކޮމިއުނިޓީ ސެންޓަރަކަށް ދިން ބޮމުގެ ހަމަލާގައި އައިއާރުޖީސީގެ ބައިވެރިވުން އޮތް ކަމަށް އާޖެންޓީނާއިން ތުހުމަތު ކުރެ އެވެ. އެ ހަމަލާގައި 85 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކަށް އަނިޔާވި އެވެ.

އީރާނުގެ އަސްކަރީ ބާރުތަކަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ކަނޑައަޅާ ކޮންމެ ގައުމަކާ މެދު، ހަމަ އެފަދަ ފިޔަވަޅެއް އެޅުމުގެ ބާރު ލިބިދޭ ގާނޫނެއް 2019 ވަނަ އަހަރު އީރާނުން ވަނީ ފާސްކޮށްފަ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ ގާނޫނުގެ ދަށުން އާޖެންޓީނާގެ ކަނޑާއި ވައިގެ ސިފައިންނަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް އެ ގައުމުން ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް، އާޖެންޓީނާ ސަރުކާރުން ވަނީ އީރާނުގެ މި ނިންމުމާ މެދު ހަރުކަށި އިބާރާތުން ދެކޮޅު ހަދައިފަ އެވެ. އާޖެންޓީނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެއީ އެއްވެސް އަސާސެއް ނެތް، ބަލައިނުގަނެވޭނެ ފިޔަވަޅެއް ކަމަށެވެ.

އީރާނުގެ މި ނިންމުމުގެ ސަބަބުން އަމަލީ ގޮތުން ނުކުންނާނެ ނަތީޖާއެއް އަދި ސާފެއް ނުވެ އެވެ.

މި މަހުގެ ކުރީކޮޅު އީރާނުން ވަނީ އިނގިރޭސިވިލާތާ ދެކޮޅަށް ވެސް މިފަދަ ފިޔަވަޅެއް އަޅައިފަ އެވެ. އެގޮތުން، އިނގިރޭސި ޖާސޫސީ އިދާރާ އެމްއައި6 އަކީ އީރާނާ ދެކޮޅުވެރި ޖަމާއަތެއް ކަމަށާއި، އެ ގައުމުގެ ރޯޔަލް ނޭވީ އާއި ރޯޔަލް އެއާ ފޯސް އަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް އީރާނުން ކަނޑައެޅި އެވެ. އީރާނުން އެ ފިޔަވަޅު އެޅީ މިދިޔަ ޖުލައި މަހު އިނގިރޭސިވިލާތުން އައިއާރުޖީސީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލިސްޓުކުރުމާ ގުޅިގެންނެވެ.