ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އާނޯލްޑް ޝްވެޒްނެގާގެ ދަރިއަކަށްވުމަކީ ގޮންޖެހުމެއް ކަމަށާއި ގިނަ ބަޔަކު އޭނާގެ ފަރާތުން އުންމީދުކުރަނީ ބައްޕަ ކަހަލަ އެކްޓަރަކަށް ވުމަށް ކަމަށް އާނޯލްޑްގެ ދޮށީ ފިރިހެން ދަރިފުޅު ޕެޓްރިކް ޝްވެޒްނެގާ ބުނެފި އެވެ.

އުމުރުން 26 އަހަރުގެ އެކްޓަރު އިނގިރޭސިވިލާތުގެ ގްލެމާ މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ވަކި އާއިލާއަކަށް ނިސްބަތްވާތީ އެ މީހެއްގެ ފަރާތުން ބެލުންތެރިން ވަކި އުންމީދުތަކެއް، މާ މައްޗަށް ކުރުމަކީ ވަރަށް ބޮޑު އުނދަގުލެއް ކަމަށެވެ. އެކަމަކު ވަކި މީހެއްގެ ދަރިއަކަށް ނުވަތަ ވަކި އާއިލާއެއްގެ މީހަކަށް ނިސްބަތްވީތީ އެ މީހެއްގެ އަމިއްލަ އައިޑެންޑިޓީއެއް ހޯދަން އުޅުމަކީ ނެތް ކަމެއް ނޫން ކަމަށް ބުންޏެވެ.

"އަހަރެން ގަބޫލެއް ނުކުރަން އާނޯލްޑްގެ ދަރިއަކަށްވީތީ ބެލުންތެރިން ބައްޕައާ ދޭތެރޭ ކުރާ ކަހަލަ އުންމީދުތަކެއް އަހަންނާ ދޭތެރޭ ކުރަން ޖެހޭނެ ކަމަކަށް. އެކަން އެހެން ވާން ޖެހޭ ސަބަބެއް ވެސް ހަގީގަތުގައި ނެތް،" ވަރަށް ހަގު އުމުރުގައި އެކްޓިން އަށް ނުކުތް ޕެޓްރިކް ބުންޏެވެ.

އޭނާ ބުނީ ބައްޕަގެ ނަމާއި އެ ހިޔަނީގައި ކުރިއަށް ދިއުމަކީ އެއް އިރެއްގައި ވެސް ބޭނުންވި ކަމެއް ނޫން ކަމަށާއި އެއީ ހިތްވަރު ހޯދާ ކަމެއް ވެސް ނޫން ކަމަށެވެ.

"އެކަމަކު އަސްލު މިއީ ޗެލެންޖިން ކަމެއް. އަދި މިކަން ސިފަކުރާނީ ދެމިޔަލީ ކަނޑިއެއް ގޮތަށް." ޕެޓްރިކް ބުންޏެވެ. "އަހަރެން ބޭނުން ވަނީ އަމިއްލަ އައިޑެންޓިޓީއެއް. އާނޯލްޑްގެ ދަރިއެއްގެ ގޮތުގައި ލޭބަލްވުން މުހިއްމެއް ނޫން. މުހިއްމީ ބެލުންތެރިންނަށް ކަމުދާ ކަހަލަ މަސައްކަތްތަކެއްކޮށްގެން ބެލުންތެރިން ލޯބިވާ މީހަކަށްވުން."

އޭނާ ބުނީ އެންމެ މުހިއްމު ކަމަކީ ކުރާ މަސައްކަތުން ހައްގުވާ ހިސާބަށް ދިއުން ކަމަށެވެ. އަދި ކުރިއަށް ދެވުނީ އަދި ދާނެ ފުރުސަތު ލިބުނީ އާނޯލްޑްގެ ދަރިއަކަށްވެގެން ކަމަށް މީހުން ދެކުމަކީ ވެސް އިންސާފެއް ނޫން ކަމަށް ބުންޏެވެ.

"އެކަމަކު އަހަރެން ފަހުރުވެރިވަން އާއިލާއާ ދޭތެރޭ. އަހަރެން މަންމަ އާއި ބައްޕަ ދެކެނީ މެންޓޯއިންގެ ގޮތުގައި." ޕެޓްރިކް ބުންޏެވެ.

ސްޓަކް އިން ލަވް (2012) އާއި ގްރޯން އަޕްސް 2 (2013) ގެ އިތުރުން މިޑްނައިޓް ސަން (2018) ފަދަ ފިލްމުތައް ކުޅުނު ޕެޓްރިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޑެނިއަލް އިޒިންޓް ރިއަލް" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ވޯނިން" އާއި "އެކޯ ބޫމާޒް" ގެ އިތުރުން "މޮކްޒީ" ހިމެނެ އެވެ.

ޕެޓްރިކާ އެކު އާނޯލްޑް، 72، ގެ ތިބެނީ ޖުމްލަ ފަސް ކުދިންނެވެ. އެއީ ތިން ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ. އޭގެ ތެރެއިން ދޮށީ އަންހެން ދަރިފުޅު ކެތުރީން ޝްވެޒްނެގާ، 30، އަކީ މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓްގެ އަންހެނުންނެވެ.