ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (އޮގަސްޓް 31) - ޓެނިސް މުބާރާތްތަކުގެ އުސޫލުތަކަށް ފުޓްބޯޅަ ކުޅުންތެރިން ބަދަލު ގެނައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އަށް މަޝްހޫރު ޓެނިސް ކުޅުންތެރިއާ ރޮޖާ ފެޑެރާ ފާޑުކިއައިފި އެވެ.
ޕީކޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮސްމޯސް އިންވެސްޓްމަންޓް ގްރޫޕުން ވަނީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް)އާ އެކު ގުޅުން ބަދަހިކޮށް، އަހަރު ފަހުކޮޅުގައި އޮންނަ ފިރިހެން ޓީމް އިވެންޓް ޓެނިސް މުބާރާތް ކަމަށްވާ މަޝްހޫރު ޑޭވިސް ކަަޕަށް ބަދަލުތަކެއް ގެންނަން މަޝްވަރާ ކޮށްފަ އެވެ. މިހާރު އެ ބަދަލުތައް ވަނީ އައިޓީއެފް އިން ފާސްވެސް ކޮށްފަ އެވެ.
ކޮސްމޯސްގެ ވިސްނުން ހުރީ ޑޭވިސް ކަޕަށް ބަދަލުތަކެއް ގެނެސް ވޯލްޑް ކަޕް ސްޓައިލަށް އެ މުބާރާތް ކުރިއަށްގެންދާށެވެ. އެކަމާ ގިނަ އަދަދެއްގެ ސްޕޮންސަރުންތަކެއް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ބަދަލުތަކާ އެކު 18 ގައުމު ވާދަކުރާ އާ ޑޭވިސް ކަޕް ކުރިއަށްދާނީ ނޮވެމްބަރު މަހުގަ އެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕީކޭ ބުނެފައިވަނީ ގިނަ ކުޅުންތެރިންތަކަކާ މަޝްވަރާ ކުރުމަށް ފަހު އެއް ހަފްތާގެ މުއްދަތަށް ކުރިއަށްދާ އެ މުބާރާތް ސެޕްޓެމްބަރު މަހަށް އަވަސްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެ މުބާރާތް އެ މުއްދަތަށް އަވަސްކޮށްފިނަމަ މިހާރު ބާއްވަމުން އަންނަ ލެވާ ކަޕަށް އަސަރުތަކެއް ކުރާނެ އެވެ. ލެވާ ކަޕަކީ ޔޫރަޕާއި އެމެރިކާގެ ގޮލްފް ކުޅުންތެރިންގެ ދެމެދުގައި ކުރިއަށްދާ މަޝްހޫރު ގޮލްފް މުބާރާތެއް ކަމަށްވާ ރައިޑާ ކަޕާ އެއް ސްޓައިލަކަށް ގެންދާ ޓެނިސް މުބާރާތެކެވެ. ލެވާ ކަޕަކީ ރޮޖާ ފެޑެރާ އާއި އޭނާގެ އޭޖެންޓް ޓޯނީ ގޮޑްސިކް ބާއްވަމުން އަންނަ މުބާރާތެކެވެ. އެ މުބާރާތް އަންނަ އަހަރު ބާއްވަން ތާވަލްކޮށްފައި އޮތީ ސެޕްޓެމްބަރު 20-22 އަށެވެ.
މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން މުބާރާތުގެ މެޗަކަށް ފަހު ފެޑެރާ ބުނީ ރަނގަޅު ބަދަލުތަކެއް ގެންނަން އަބަދުވެސް ތާއީދު ކުރާ ކަމަށެވެ.
"އަބަދުވެސް އާ ބަދަލުތަކަށް އަހަރެން މަރުހަބާ ކިޔާނަން. އާ ޑޭވިސް ކަޕްގެ ހުރިހާ ކަމަކާ އަހަރެން ދެކޮޅެއް ވެސް ނޫން. މިހާރު އަހަރެމެން ޖެހޭނީ އައިޓީއެފް އާއި އޭޓީޕީ (އެސޯސިއޭޝަން ފޯ ޓެނިސް ޕްރޮފެޝަނަލްސް)އާ މަޝްވަރާކުރަން ލެވާ ކަޕްގެ ކަންތައްތައް ހަމަޖައްސަން،" ފެޑެރާ ބުންޏެވެ.
ފެޑެރާ ބުނީ ޓެނިސް ކުޅުންތެރިންގެ ކަންތައްތަކަށް ދާއިރާއާ ނުގުޅޭ މީހުން ނުފޫޒު ފޯރުވުން ބަލައިނުގަނެވޭނެ ކަމަށެވެ.
"ޓެނިސް ކުޅުންތެރިންނަށް ވަރަށް ގަބޫލުކުރަން އުނދަގޫ ކަމަކަށްވާނީ ފުޓްބޯޅަ ކުޅުންތެރިން އައިސް އަހަރެމެންގެ ކުޅިވަރު ތެރެއަށް ވަނުމަކީ. އެ މީހަކު ޖެހޭނީ ވަރަށް ވިސްނައިގެން އެކަމެއް ކުރަން. ޑޭވިސް ކަޕް ނުޖެހޭ އާ ޕީކޭ ކަޕަށް ވާކަށް،" ޕީކޭ އަށް ފާޑުކިޔަމުން ފެޑެރާ ބުންޏެވެ.
ޕީކޭގެ ކުންފުނި ކޮސްމޯސް އިން ޑޭވިސް ކަޕް ބަދަލުކުރަން ނިންމީ ދުރު މުސްތަގުބަލަށް ބަލައި ވަރަށް ބޮޑު ޕްލޭނަކާ އެކު އެވެ. އެ ގޮތުން އެ މުބާރާތް 25 އަހަރު ވަންދެން ބޭއްވުމަށް މިހާރު ވަނީ ވާހަކަ ދެކެވިފަ އެވެ. އެ މުއްދަތުގެ ތެރޭގައި ޕީކޭގެ ކުންފުންޏަށް އެތައް ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އޭޓީޕީން ވަނީ 2020 ގައި 24 ޓީމު ވާދަކުރާ ވޯލްޑް ޓީމް ކަޕް ތައާރަފްކުރަން މަސައްކަތް ފަށައިފަ އެވެ. އަހަރުގެ ކުރީކޮޅުގައި އޮސްޓްރޭލިއާގައި ބާއްވަން މަސައްކަތްކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 11.8 މިލިއަން ޑޮލަރުގެ އިތުރުން ރޭންކިން ޕޮއިންޓް ވެސް ދޭން ވަނީ ނިންމައިފަ އެވެ.