ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލު ހިންގާ އިމާރާތް ހުސްކުރުމަށް ދިން މުއްދަތު ހަމަވެފައިވީ ނަމަވެސް އަދިވެސް އެތަން ހުސްނުކުރާ ކަމަށް އެއާޕޯޓު ކުންފުނިން ބުނެފި އެވެ.

އެ އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރު "މިހާރު" އަށް ވިދާޅުވީ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިދިޔަ މަހު ހަމަވެފައިވާ ކަމަށެވެ. އެހެންވެ، މިހާރު އެ ތަނުގައި ފްލައިން ސްކޫލު ހިންގަނީ އެގްރިމެންޓެއް ނެތި ކަމަށް ގައިސް ވިދާޅުވި އެވެ.

"މިހާރު ވެސް މަޝްވަރާކުރަމުން ދަނީ އިމާރާތް ހުސްކުރުމަށް އޭއޭއޭއާ އެކު،" އޭނާ ވިދާޅުވި އެވެ.

އޭއޭއޭގެ ހާލަތު ބޮއްސުންލައިގެން ދިއުމުން އެ ފްލައިން ސްކޫލުގެ ހިންގުން ރަނގަޅުކުރުމަށް ވަނީ އެވިޑު ކޮލެޖާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެގްރިމެންޓުގެ ދަށުން، މީގެ ދެ ހަފުތާ ކުރިން ވަނީ ކިޔެވުން ފަށައިފަ އެވެ.

ނަމަވެސް އައްޑޫ ފްލައިން ސްކޫލާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާ އެކު ވެފައިވާ އެއްބަސްވުން ކެންސަލްކޮށް ދިނުމަށް ނުވަތަ އިތުރު އެކްސްޓެންޝަނެއް ދިނުމަށް އެދިފައިވާ ކަމަށް، އެވިޑުގެ ފްލައިން ސްކޫލު ހިންގާ ފަރާތުން ބުންޏެވެ.

އެކަމަކު ގައިސް ވިދާޅުވީ އިމާރާތާ ގުޅޭގޮތުން އެވިޑާ އެކު އެ ކުންފުނިން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.

ފްލައިން ސްކޫލު ހިންގަން އެ އިމާރާތް ދީފައި ވަނީ 2009 ވަނަ އަހަރު އޭއައިއޭއާ އެކު ވީ އެއްބަސްވުމެއްގެ ދަށުން 10 އަހަރުގެ މުއްދަތަށެވެ. އެ މުއްދަތު 2019 ވަނަ އަހަރު ހަމަވިއިރު، އެއްބަސްވުމުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައި ވެ އެވެ.