ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ރޮޑްރީ ހާސިލުކޮށްފި އެވެ.
މި އެވޯޑް ލިބޭނެ ކަމަށް ކުރިން ބެލެވިފައި އޮތީ ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާ އަށެވެ. ނަމަވެސް، އޭނާ އަށް އެވޯޑް ނުލިބޭނެކަން އިއްޔެ ވަގުތެއްގައި ރެއާލަށް ކަށަވަރުވުމުން އެ ކްލަބުން ވަނީ ޕެރިހުގައި އޮތް އެވޯޑް ހަފުލާ ބޮއިކޮޓްކޮށްފަ އެވެ.
ރެއާލުން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކުރިއިރު މުހިއްމު ހިއްސާއެއްވި، އަދި އިންޑިވިޖިއަލް ހުނަރަށް ބަލާއިރު މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ވިނީ ދިޔައީ ދެ ވަނަ އަށެވެ.
ތިން ވަނަ އަށް ދިޔައީ ރެއާލުގެ އެ ކާމިޔާބީތަކުގައި ހަމަ އެހާމެ ބޮޑު ހިއްސާއެއްވި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ.
ފްރާންސްގެ 'ފްރާންސް ފުޓްބޯލް' މަޖައްލާ އިން ދޭ މި އެވޯޑް ވިނީ އަށް ލިބޭނެ ކަމަށް ރެއާލުގެ އިތުރުން ގިނަ ފުޓްބޯޅަ ސަޕޯޓަރުން ވެސް ތިބީ ޔަގީންކޮށްގެންނެވެ. އެކަމަކު އިއްޔެގެ މެންދުރުފަހުން ފެށިގެން މީޑިއާތަކުން ވަނީ އެވޯޑް ލިބެނީ ރޮޑްރީ އަށް ކަމަށް ބުނަން ފަށައިފަ އެވެ.
ރެއާލަށް ވެސް އެކަން ކަށަވަރުވުމާ އެކު، އެ ކްލަބުން ވަނީ އެވޯޑް ހަފުލާ ބޮއިކޮޓްކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. ރެއާލުން ދެކޭ ގޮތުގައި ވިނީ އަށް ނުލިބި ރޮޑްރީ އަށް އެވޯޑް ލިބޭ ހަމައިން ބަލާ ނަމަ އެވޯޑް ދެން އެންމެ ހައްގީ އެ ޓީމުގެ ކެޕްޓަން ޑެނީ ކަރްވަހާލް އަށެވެ. އޭނާ ދިޔައީ ހަތަރު ވަނަ އަށެވެ.
ރެއާލުން ބުނީ ވިނީ ނުވަތަ ކަރްވަހާލް އަށް ނުލިބޭ ހަމައަކުން އެވޯޑް ދޭ ނަމަ އޭގެ މާނައަކީ ބެލޮންޑިއޯ އާއި ޔުއެފާ އިން އެ ކްލަބަށް އިހުތިރާމުނުކުރުން ކަމަށެވެ.
"ރެއާލް މެޑްރިޑުން ނުދާނެ އެ ކްލަބަށް އިހުތިރާމު ނުލިބޭ ތަނަކަށް،"
ރެއާލުގެ ކުޅުންތެރިޔަކަށް ބެލޮންޑިއޯ ނުލިބުނު ނަމަވެސް، އެވޯޑުގައި ހޮވި އަހަރުގެ އެންމެ މޮޅު ކްލަބުގެ ޝަރަފް ލިބުނީ އެ ކްލަބަށެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެސް އެ ކްލަބުގެ ކާލޯ އަންޗެލޮޓީ އެވެ.
އެންމެ މޮޅު ކްލަބުގެ މަގާމަށް ރެއާލުގެ ފަހަތުން ވާދަކުރީ ދެ ވަނަ ހޯދި ޖަރުމަނުގެ ބެޔާ ލެވަކޫސަން އާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް އަތުން ބަލިވި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ އެންމެ މޮޅު ކްލަބުގެ އެވޯޑް ލިބޭނީ މުޅި ސީޒަނުގައި އެންމެ މެޗަކުން ބަލިވި ލެވަކޫސަން އަށް ކަމަށެވެ.
ކޯޗުގެ މަގާމަށް އަންޗެލޮޓީއާ ވާދަކުރީ ލެވަކޫސަންގެ ޒަބީ އޮލޮންސޯ އެވެ. ތިން ވަނަ އަކީ ސްޕެއިނުގެ ލުއިސް ޑެ ލާ ފުއެންޓޭ އެވެ.
އެންމެ ޝަރަފްވެރި ބެލޮންޑިއޯ ހާސިލްކުރި ރޮޑްރީ ވަނީ މިދިޔަ ސީޒަނުގައި އާސެނަލް ފަހަތަށް ޖައްސާލައި ސިޓީން ވިދިވިދިގެން ހަތަރު ވަނަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު އެ ޓީމުގެ މެދުތެރޭގައި ތަފާތު ބޮޑު ކުޅުމެއް ދައްކައިފަ އެވެ. އަދި ސްޕެއިނުން ޔޫރޯ ކާމިޔާބުކުރިއިރު އެ ކާމިޔާބީގައި ވެސް އެންމެ ބޮޑު ހިއްސާއެއްވި އެއް ކުޅުންތެރިޔަކީ ރޮޑްރީ އެވެ. ފައިނަލް މެޗުގެ ވަކި ހިސާބަކުން އަނިޔާވެގެން ފައިބަން ޖެހުނު ނަމަވެސް، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އޭނާ އަށެވެ.
ރޮޑްރީއާ އެވޯޑް ހަވާލުކޮށްދިނީ މި އެވޯޑް މީގެ ކުރިން ހޯދާފައިވާ އޭސީ މިލާނުގެ ކުރީގެ ފޯވާޑް އަދި ލައިބީރިއާގެ ކުރީގެ ރައީސް ޖޯޖް ވިޔާ އެވެ.
އެވޯޑް ހޯދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރި އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލަޓައުރޯ މާޓިނޭޒް ދިޔައީ ހަތް ވަނަ އަށެވެ. އޭނާ ވަނީ މި އަހަރު އިންޓައާ އެކު އިޓާލިއަން ލީގު، އަދި އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފަ އެވެ. ދެ މުބާރާތުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭނާ އެވެ.
އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ލިބުނީ ލައުޓާރޯއާ އެކު އާޖެންޓީނާގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި އެމިލިއާނޯ މާޓިނޭޒް އެވެ. ދެ ވަނަ އަށް ދިޔައީ ސްޕެއިނުގެ ޔޫރޯ ކާމިޔާބީގެ ހިއްސާދާރު އުނައި ސިމޯން އެވެ. އަދި ތިން ވަނަ އަކީ ރެއާލް ޔޫކްރޭން ކީޕަރު އެންޑްރީ ލުނިން އެވެ.