ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ބެންގަލޫރުން އޭއެފްސީ ކަޕްގައި ރަނގަޅު ރެކޯޑެއް އޮތް ކަމުގައި ވިޔަސް އެއީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާދަމާ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ބެންގަލޫރަކީ ފޭވަރިޓްކަމަށް ދެކޭނެ ސަބަބެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ ކާލެސް ކުއަޑްރާޓް ބުނެފި އެވެ.
ބެންގަލޫރުން އޭއެފްސީ ކަޕްގައި މިހާތަނަށް އަށް ފަހަރެއްގެ މަތިން ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ވަނީ ކުޅެފަ އެވެ. އެއީ މާޒިޔާއާ ދެކޮޅަށް ހަތަރު މެޗާއި ނިއު ރޭޑިއަންޓާ ދެކޮޅަށް ދެ މެޗާއި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ މެޗެވެ. އެ އަށް މެޗުގެ ތެރެއިން ބެންގަލޫރު ބަލިވި ހަމައެކަނި މެޗަކީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓް އަތުން މާލޭގައި 2-0 އިން ބަލިވި މެޗެވެ.
މާދަމާގެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުއަޑްރާޓް ބުނީ މިހާތަނަށް ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު މެޗުތަކުން ބެންގަލޫރު އަތުގައި ރަނގަޅު ރެކޯޑެއް އޮތީ ވަރަށް ކުޑަަކުޑަ ފަރަގަކުން މެޗުތަކުން މޮޅުވެގެން ކަމަށެވެ.
ކުއަޑްރާޓް، ބެންގަލޫރުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އެ ޓީމުގައި މަސައްކަތްކުރަން ފެށީ 2016 ވަނަ އަހަރު އެވެ. އަދި އޭގެ ދެ އަހަރު ފަހުން ހެޑް ކޯޗެއްގެ މަގާމާ ހަވާލުވި އެވެ. ބެންގަލޫރުން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި 1-0 އިން މާޒިޔާ އަތުން ދެ ފަހަރު މޮޅުވިއިރު ވެސް މެޗު ނިމުނީ ކުޑަތަފާތަކުންކަން ކުއަޑްރާޓް ފާހަގަކުރި އެވެ.
ކުއަޑްރާޓް ބުނީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އޮތް ރެކޯޑަކީ އެޑްވާންޓޭޖެއްގެ ގޮތުގައި ދެކެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެންނަކީ ފޭވަރިޓޭ ބުނަން އުނދަގޫ. ތެދެއް އަހަރެމެންގެ އެބައޮތް ރަނގަޅު ތާރީހެއް ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް. އެކަމަކު އޭގެ ގިނަ މެޗުތަކަކީ ވަރަށް ކުޑަ ތަފާތަކުން އަހަރެމެން ހޯދި މޮޅު. މި ވަގުތު ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު ކުޑަތަފާތުން ކޮންމެ ޓީމަކަށް ވެސް ނަތީޖާއެއް ނެރެވިދާނެ. އަހަރެމެން ވެސް ޖެހޭނީ ނަތީޖާ އަށް މަސައްކަތްކުރަން،" ކުއަޑްރާޓް ބުންޏެވެ.
ބެންގަލޫރުން މި ފަހަރުގެ އޭއެފްސީ ކަޕް ޕްލޭ އޮފުން ފުރުސަތު ހޯދީ ޕްރިލިމިނަރީ ބުރުގައި ބޫޓާނުގެ ޕާރޯ އެފްސީ އަތުން މޮޅުވެގެންނެވެ. ދެ ވަނަ ލެގުގައި އިންޑިއާގައި ބެންގަލޫރު ވަނީ 9-1 އިން ޕާރޯ ބަލިކޮށްފަ އެވެ. ކުއަޑްރާޓް ބުނީ އެ މެޗުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށާއި އެކަމަކު މިހާރު ކުރިމަތިލާންޖެހިފައި މި އޮތް މާޒިޔާ މެޗަކީ މުޅިން ތަފާތު ޗެލެންޖެއް ކަމަށެވެ.
ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ބެންގަލޫރަށް އެންމެ މުހިއްމު ލަނޑުތައް ޖަހައިދިން އެއް ކުޅުންތެރިޔާ ސުނިލް ޗެތުރީ އަނިޔާގެ ސަބަބުން މާޒިޔާއާ ދެކޮޅަށް މާދަމާ ނުކުޅޭނެ އެވެ.
ރާއްޖެ އާއި އިންޑިއާ ފުޓްބޯޅަ ވެސް ކުރިއަރަމުން އަންނަ ކަމަށާއި ފަހަކަށް އައިސް މި ދެ ގައުމުގެ ޓީމުތަކުގެ މެދުގައި ކުޅެވުނު މެޗުތަކުން ވެސް ވާދަވެރިކަން ފެނިގެންދިޔަކަން ކުއަޑްރާޓް ފާހަަގަކުރި އެވެ. އަދި އިންޑިއާ އަށް ފުޓްބޯޅައިގައި ކުރިއަށްދިއުމަށް ސުޕަ ލީގުގެ ދައުރު ބޮޑު ކަމަށާއި ރާއްޖެ އާއި ސަރަހައްދުގެ އެހެން ގައުުމުތަކުން ފެންވަރު ރަނގަޅު ކޯޗުން ގެނެސްގެން ފުޓްބޯޅަ އިތުރަށް ކުރިއަރުވަން މަސައްކަތްކުރާ ކަމަށް ބުންޏެވެ.
"ފުޓްބޯޅައިގެ ފީފާ ރޭންކިން އިން ބަލާއިރު ރާއްޖެ އަކީ މާ ބޮޑު ގައުމަކަށް ނުވެދާނެ. އެކަމަކު ދަނޑުމަތީގައި ރާއްޖޭގެ ޓީމުތަކުގައި ކުޅުންތެރިން ކުރާ މަސައްކަތް ބަލައިފިނަމަ ކުރާ ރަނގަޅު މަސައްކަތްތަށް ފެނިގެންދާނެ. ހާއްސަކޮށް އިންޑިއާއާ ކުޅޭ މެޗުތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ އެ ތަފާތު. ޓެކްނިކަލީ އެ ރަނގަޅު ކުޅުންތަށް ވަރަށް ރަނގަޅު،" ސްޕެއިނުގެ މަޝްހޫރު ކްލަބް ބާސެލޯނާގެ ބީ ޓީމަށް ކުރިން ކުޅުނު ކުއަޑްރާޓް ބުންޏެވެ.
ބެންގަލޫރާއި މާޒިޔާ މާދަމާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު ހަތަރެއް ޖަހާއިރު އެވެ.