ސަރަހައްދީ ވަރުގަދަ މެޗުތަކަށް ނުކުންނައިރު ރާއްޖޭގެ ޓީމުތައް ކަށިން ހިތްވަރު ނެރެ ބޮޑެތި ނަތީޖާ ނެރުމުގައި އެންމެ ބޮޑު ތަފާތެއް ދައްކާ ބަޔަކީ ސަޕޯޓަރުންނެވެ. ދިވެހި ފުޓްބޯޅައިގައި ފޯރިކުޑަވެފައި އޮތަސް ހާއްސަ ހާލަތްތަކުގައި ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ރާއްޖޭގެ ކުޅުންތެރިންނަށް ސަޕޯޓަރުންގެ އެހީ ދިނުން މުހިއްމެވެ. އެ ގޮތުން އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މިއަދު ހަވީރު އިންޑިއާގެ ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ ދެކޮޅަށް ރާއްޖޭގެ މާޒިޔާ ކުޅޭއިރު މިއީ އެ ޓީމަށް ދިވެހި ސަޕޯޓަރުންގެ އެހީތެރިކަން ނުހަނު މުހިއްމު ވަގުތެކެވެ.
ޕްލޭއޮފްގައި މިއަދު ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް މާޒިޔާ އިން ނެރެފިނަމަ މިއީ އަންނަ ހަފްތާގައި އިންޑިއާގައި ކުޅޭ ބެންގަލޫރުގެ ހޯމް މެޗަށްދާއިރު މާޒިޔާ އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިއަދުގެ މެޗުގެ ފުރުސަތުގެ ބޭނުންހިފަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ. ކުޅުންތެރިން ސަޕޯޓަރުންގެ އެހީ އަށް އެހާ ބޮޑަށް އެ އެދޭ ސަބަބަކީ ވެސް މި އެވެ.
މާޒިޔާގެ ސްކޮޑަށް ބަލާއިރު މި ވަގުތު ގައުމީ ޓީމު ސްކޮޑުގައި ތިބި 10 ކުޅުންތެރިން އެ ޓީމުގައި ހިމެނެ އެވެ. ގައުމީ ޓީމުގެ ކުޅުންތެރިން އެންމެ ގިނައިން ނެގޭނެ އެއް ޓީމަކީ ވެސް މާޒިޔާ އެވެ. އެ ވިސްނުމުގައި ބަލާއިރު ވެސް ގައުމީ ރޫހުގައި މާޒިޔާ އަށް ހިތްވަރު ދިނުމަކީ ގައުމީ ޓީމުގައި ރާއްޖޭ ތަމްސީލުކުރާ ކުޅުންތެރިންނަށް ވެސް ދެވޭނެ އެހީތެރިކަމެކެވެ.
މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ މިއަދުގެ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެންމެ ބޮޑަށް އެދުނީ ސަޕޯޓަރުންގެ އެހީތެރިކަމަށެވެ. އަދި ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ސަޕޯޓަރުން ހިތްވަރުދީފިނަމަ މާޒިޔާ އަށް ނަތިޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
"ކްލަބެއްގެ ގޮތުގައި ދެކިގެނެއް ނޫން. ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން މާޒިޔާ އަށް ހިތްވަރުދޭން ވަރަށް ބޮޑަށް އެދެން. ވަރަށް ބޮޑު ސަޕޯޓެއް ދޭން ސަޕޯޓަރުން ދަނޑަށް އައުމަކީ ސަޕޯޓަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް،" އަސަދުﷲ ބުންޏެވެ.
ބެންގަލޫރުގެ ރެކޯޑް ރަނގަޅު، މާޒިޔާ އަށް ބޮޑު އަމާޒެއް
މިއަދުގެ މެޗަށް ނުކުންނައިރު ބެންގަލޫރަށް އޮންނާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެ ޓީމުގެ ނަތީޖާތަށް ރަނގަޅުވުމެވެ. މިހާތަނަށް ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ބެންގަލޫރު ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން ވަނީ މޮޅުވެފަ އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. އެއީ 2018 ވަނަ އަހަރު ނިއު ރޭޑިއަންޓް އަތުންނެވެ. އެ މެޗުގައި ވެސް ކުޅުންތެރިންނަށް އެންމެ ބޮޑު ހިތްވަރެއް ދިނީ ސަޕޯޓަރުންނެވެ.
މާޒިޔާއާ ދެކޮޅަށް ބެންގަލޫރުގައި އޮތީ ސައްތަ އިން ސައްތަ ރެކޯޑެކެވެ. ކުޅުނު ހަތަރު މެޗުން ވެސް ބެންގަލޫރު ވަނީ މޮޅުވެފަ އެވެ. އެކަމަކު އެއިން ކޮންމެ މެޗެއްގައި ވެސް މާޒިޔާ ބަލިވީ އެއް ގޯލުގެ ތަފާތުންނެވެ. މެޗުތަކުގެ ނަތީޖާ އެނބުރިފައި ހުރީ ހެދުނު އެންމެ ގޯހެއްގެ ސަބަބުންނެވެ. އެހެންކަމުން މިއަދުގެ މެޗުގައި ނަތީޖާ ކޮންމެ ކޮޅަކަށް އެނބުރިދާނެ ކަމަށް ބެންގަލޫރުގެ ކޯޗު ކާލެސް ކުއަޑްރާޓް ދައްކާ ވާހަކަ އަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ވެސް ތާއީދުކުރެ އެވެ.
ބެންގަލޫރު އަތުން މި ފަހަރުގެ ޕްލޭއޮފުން މާޒިޔާ މޮޅުވުމަށް އެހީތެރިކަން ފޯރުކޮށްދޭން ދިވެހި ސަޕޯޓަރުން އެދެން ޖެހޭ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ މި މާޒިޔާ ޕްލޭއޮފުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެ ޓީމަށް އެއް ގްރޫޕެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެތީ އެވެ. މިއީ ގައިމުވެސް މިދިޔަ އަހަރު އޭއެފްސީ ކްލަބް ލައިސަންސް ނުލިބިގެން ރާއްޖެ އަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލިގެންދިއުމުން ލިބުނު މާޔޫސްކަމުން އަރައިގަނެ ދިވެހި ފުޓްބޯޅަ ކުރިއަށްގެންދަން ވެސް ލިބޭނެ ފުރުސަތެކެވެ.
މި ވަގުތު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގައުމުތަކަށް ހާއްސަ ގްރޫޕުގައި އޮތީ 2018 ވަނަ އަހަރުގެ ރާއްޖޭގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ޗެއްނާއީ ސިޓީ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕުން ދެން ފުރުސަތު ލިބޭނީ މާޒިޔާ ނޫނީ ބެންގަލޫރަށެވެ.
"އޭއެފްސީ ކަޕްގައި (ހަތަރު ޓީމުގެ ގްރޫޕެއްގައި) ގްރޫޕެއްގައި ރާއްޖޭގެ ދެ ޓީމު ކުޅުން ވެގެންދާނީ ސަރަހައްދުގެ ފުޓްބޯޅައިގައި އަނެއްކާ ވެސް ރާއްޖެ ވަރުގަދަ ބާރަކަށްވުން،" އަސަދުﷲ ބުންޏެވެ.
އޭނާ ބުނީ ސަރަހައްދުގެ އެހެން ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް ވަރުގަދަ ރޫހެއްގައި ކުޅެން ކުޅުންތެރިން ބޭނުންވާ ކަމަށާއި އަދި ބެންގަލޫރާ ދެކޮޅަށް ކުޅޭއިރު ހާއްސަ ކަމަށެވެ.
"މި ރީޖަންގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް މި ކުޅެނީ. ހުރިހާ އެފަޓެއް ލައިގެން ވަރުގަދަ ރޫހެއްގައި ކުޅެން ކުޅުންތެރިން ބޭނުންވަނީ. ކޮންމެ ކުޅުންތެރިޔެއްގެ ކިބައިގައި ވެސް ހުންނާނީ ގައުމީ ރޫހު،" އަސަދުﷲ ބުންޏެވެ.
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މިދިޔަ ހަފްތާގައި މާލޭގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ މާޒިޔާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ކޮންމެވެސް ވަރަކަށް މާޒިޔާ އަށް ސަޕޯޓް ލިބުނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސަޕޯޓެއް ލިބުނީ މި ވަގުތު މާޒިޔާއާ ވާދަކުރަމުން އަންނަ ރާޢްޖޭގެ ކްލަބްތަކުގެ ފަރާތުންނެވެ. އެ ޓީމުތަކުން މާޒިޔާ އަށް ހިތްވަރުދިނީ ދިވެހި ފުޓްބޯޅަ ކުރިއަށްގެންދަން ކަމަށް ބުނެ އެވެ.
ސަރުކާރުގެ އިސްވެރިންގެ އިތުރުން ވާދަވެރި ބައެއް ޓީމުތަކުގެ ކުޅުންތެރިން ވެސް މާޒިޔާ ޖޯޒީގައި ތިބީ ހަގީގަތުގައި މާޒިޔާ އަށް މި މުބާރާތުގައި ކާމިޔާބު ލިބިއްޖެނަމަ އޭގެން ލިބޭ ރީތި ނަމުގައި ދިވެހިރާއްޖެ އަށް ވެސް އޮތް ހިއްސާ ބޮޑުކަމުންނެވެ. އެހެންކަމުން މިއަދު ހަތަރެއް ޖަހާއިރު މި އޮތް މެޗުގައި މާޒިޔާ ފަހަތުގައި ދިވެހި ސަޕޯޓަރުން ތިބުމަކީ ގައިމުވެސް ގައުމުގެ ފުޓްބޯޅަ ކުރިއަށްގެންދަން ތިބި ކުޅުންތެރިންނަށް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ. މި ފުރުސަތުގެ ބޭނުންހިފައި އެ ކުޅުންތެރިންނަށް ހިތްވަރުދިނުން މުހިއްމެވެ.