ހާލުގައި ޖެހިފައިވާ ގައުމުތަކަށާއި ސަރަހައްދުތަކަށް އެހީތެރިވުމަށް އާބަންކޯ އިން ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އާބަންކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އައިއޭސީގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން އަހުމަދު އިގްބާލް އެވެ.
އައިއޭސީ އަކީ ދުނިޔޭގެ އެކި ހިސާބުތަކާއި ހަނގުރާމަވެރި ސަރަހައްދުތަކާ އަދި މީހުން ހާލުގައި ޖެހިފައިވާ އެހެން ތަންތަން ވެސް ފާހަގަކޮށް، އެ ތަންތަނަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ދޭ ދިވެހި ޖަމިއްޔާއެއް ކަމަށް އާބަންކޯގެ ނޫސްބަޔާނުގައި ބުންޏެވެ.
ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެނާއި ގެދޮރު ބިނާކޮށްދިނުމާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތަ ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އާބަންކޯ އިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް އައިޑެންޓިފައިކޮށް އެ ތަންތަނަށް ބޭނުންވާ އެހީ އާބަންކޯގެ ފަރާތުން ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. ލޯކަލް ލީޑަރުންނާއި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކޮށް، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓްކޮށް ދޭން ޖެހެނީ އެ ޖަމިއްޔާއިންނެވެ.
އައިއޭސީން އައިޑެންޓިފައި ކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އާބަންކޯގެ އެކްސްޕާޓީސް ޓީމުން މަސައްކަތްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"... ވިލެޖް ނުވަތަ ނެއިބަހުޑް މާސްޓަޕްލޭންގެ ކޮންސެޕްޓްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާބަންކޯގެ ދަށުންނެވެ. މީގެ އިތުރަށް އާބަންކޯގެ ޓީމުން ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒް އާއި އިންފްރާސްޓްރަކްޗާ ޕްލޭނިން އާއި އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖުމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ،" އެ ބަޔާނުގައިވެ އެވެ.
އާބަންކޯއިން ބުނީ މިއީ އައިއޭސީގެ އިސްނެގުމުގެ މަތިން ވެވުނު އެއްބަސްވުމެއް ކަމަށެވެ.