ކްރައުން ކުންފުނިން ހިންގާ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓު އެމެރިކާގެ ބްލެކްސްޓޯނަށް ވިއްކާލައިފި އެވެ.
"މިހާރު" އަށް މިކަން ވަނީ ކަށަވަރުވެފަ އެވެ. ކްރައުނުން އެ ރިސޯޓު ބްލެކްސްޓޯނަށް ވިއްކާލާފައިވަނީ ކިހާ ވަރަކަށް ކަމެއް ސާފެއް ނުވެ އެވެ.
ބޮޑު މަރާމާތަކަށް ފަހު، މިދިޔަ ޑިސެމްބަރު މަހު އެ ރިސޯޓު ވަނީ ހުޅުވައިފަ އެވެ. ގިނަ އެވޯޑްތަކެއް ލިބިފައިވާ އެ ރިސޯޓުގެ، 42 ބީޗް ވިލާ މަރާމާތުކުރީ އެ ރިސޯޓުގައި އަލަށް ހުޅުވި ކަނޑު އަޑީ ވިލާ، "ދަ މުރަކަ"އިގެ އިންޓީރިއާގެ ޑިޒައިން ހެދި ޔޫޖީ ޔަމަޒާކީ އެވެ. މި މަރާމާތަށް 8.3 މިލިއަން ޑޮލަރު (128 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ.
ދަ މުރަކަ ފަރުމާކުރެއްވީ ކްރައުންގެ އެއް ހިއްސާދާރު އަދި ރާއްޖޭގެ ފުރަތަމަ އާކިޓެކްޓް އަހުމަދު ސަލީމް (ގަދަގޭ ސަލީމް) އެވެ.
ކޮންރެޑް ރަންގަލީގައި 150 ވިލާ އާއި 12 ރެސްޓޯރަންޓް، ދެ ސްޕާ ވެސް ހިމެނެ އެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަަަށްވާ ބްލެކްސްޓޯނުން ކޮންރެޑް ގަނެފައިވާ އިރު އެ ކުންފުނިން ވަނީ 2013 ވަނަ އަހަރު އެ ކުންފުނިން ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މެޖޯރިޓީ ހިއްސާ ވެސް ގަނެފަ އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ވަނީ ޓީއެމްއޭގެ ހިއްސާ ބައިން ކެޕިޓަލް އާއި ޗައިނާގެ ޓެމްޕަސް ގްރޫޕާާ ގުޅިގެން ބަޔަކަށް ވިއްކާލާފަ އެވެ.