ކޮންރެޑުން ވަކިކުރި 22 މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ: ހައި ކޯޓް

ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓުން 2011 ގައި ވަކިކުރި 22 މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެންގި އެންގުމަށް ހައި ކޯޓުން ވެސް އިއްޔެ ތާއީދުކޮށްފި އެވެ.


ކްރައުން ކޮމްޕެނީން ހިންގާ ރަންގަލި ރިސޯޓުން 22 މުވައްޒަފަކު ވަކިކުރީ އެ ރިސޯޓުގެ ބައެއް ތަންތަން މަރާމާތަށް ބަންދު ކުރުމާ ގުޅިގެން، އެ މުއްދަތުގައި ރިސޯޓްގެ އޮކިއުޕެންސީ ދަށްވާނެތީ، އެ މުވައްޒަފުން ތިބި މަގާމުތައް އުވާލުމުން ނުވަތަ ރިޑަންޑަންޓް ވީ ކަމަށް ބުނެ އެވެ. އެކަމަކު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ފެބްރުއަރީ، 2012 ގައި އަންގާފައި އޮތީ އެ މީހުން ތިބި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި ލިބެންޖެހޭ އިނާޔަތްތައް ވެސް ދިނުމަށެވެ.

އެ މައްސަލަ ކްރައުން ކޮމްޕެނީން އިސްތިއުނާފް ކުރުމުން އެ ބެލުމަށް ފަހު ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ހިނގަމުންދާ ވިޔަފާރިއެއްގައި ދޭ ޚިދުމަތެއް ވަގުތީ ގޮތުން ހުއްޓާލާ ކޮންމެ ހާލަތަކީ މުވައްޒަފުން ރިޑަންޓަންޓް ކުރަން ޖެހޭނެ ހާލަތެއް ނޫން ކަމަށެވެ. އަދި ރިސޯޓް ފަދަ ތަންތަނުގައި މަރާމާތަށް ބައެއް ތަންތަން ބަންދު ކުރުމަކީ އާންމު ހާލަތްތަކެއް ކަމަށާއި އެފަދަ ކޮންމެ ހާލަތަކީ ރިޑަންޑަންސީ އިއުލާން ކުރެވޭނެ ހާލަތެއް ނޫން ކަމަށް އެ ހުކުމުގައި ވެ އެވެ.

ކޮންރަޑް ރިސޯޓުން 22 މުވައްޒަފަކު ވަކިކުރީ އެ ރިސޯޓްގެ 32 ވޯޓަ ވިލާއަކާއި އަށް ޑިލެކްސް މަރާމާތަށްޓަކައި ފަސް މަހާއި 15 ދުވަހަށް ބަންދު ކުރަން ނިންމުމުން ކަމަށާއި އެކަމަކު އެ ހާލަތުގައި އެ މީހުން ވަކި ކުރުމުގެ ބަދަލުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން އެހެން ގޮތްތަކަކަށް އަމަލު ކުރެވެން އޮތް ކަމަށް އެ ހުކުމުގައިވެ އެވެ. އެގޮތުން މުސާރަ ނުހިނގާ ގޮތަށް ނުވަތަ މުސާރައިގެ ވަކި ބައެއް ލިބޭ ގޮތަށް އެ މުއްދަތަށް ޗުއްޓީއެއް ދެވެން އޮތް ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

"މި މައްސަލާގައި ވަޒީފާއިން ވަކިކުރި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އެ މުވައްޒަފުން ވަކި ކުރުމުގެ ކުރިން، ވަޒީފާދޭ ފަރާތުން ގާއިމް ކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން ގާއިމް ކުރުމަށް ފަހުގައި ކަމަށް ބެލެވެން ނެތް.." ހުކުމުގައި ވެ އެވެ.

މީގެ އިތުރުން ރިޑަންޑަންސީ ހާލަތު އިއުލާން ކުރާ ނަމަ އެކަން ދުރާލާ މުވައްޒަފުންނަށް އަންގަން ޖެހޭއިރު، އެކަން އެގޮތަށް ކޮށްފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ހުކުމުގައި ވެ އެވެ. ކޮންރަޑް ރިސޯޓުން ރިޑަންޑަންސީ ނޯޓިސް ނެރެފައިވާ ވަކި ދުވަހެއް އެނގެން ނެތްއިރު އެ ނޯޓިސް ނެރެފައިވަނީ 22 މުވައްޒަފުން ވަކިކުރުމުގެ އެއް ދުވަސް ކުރިން ކަމަށް އެ މީހުންގެ ފަރާތުން ބުނެފައިވާ ކަމަށާއި އެކަމަށް ކްރައުން ކޮމްޕެނީން ވެސް އިންކާރު ނުކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މުވައްޒަފުން ވަކި ކުރުމުގެ ކުރިން، ވަޒީފާއާ ބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސް ބަދަލުގައި ފައިސާ އާއި ރިޑަންޑަންސީ ފައިސާގެ ގޮތުގައި އިތުރު ދެ މަހުގެ މުސާރަ ދީފައި ވިޔަސް ރިޑަންޑަންސީގެ ފައިސާ ދެވޭނެ އުސޫލު މުވައްޒަފުންނަށް ދުރާލާ އަންގާފައިކަން އެނގެން ނެތް ކަމަށް ވެސް ހުކުމުގައި ވެ އެވެ. އެހެންވެ، އެ މުވައްޒަފުން ވަކި ކުރުމުގެ ކުރިން ގާއިމް ކުރަންޖެހޭ އިޖްރާއީ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާ ކަމަށް ތިން ފަނޑިޔާރުން އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ހައި ކޯޓުން 2013 ގައި ފުރަތަމަ ނިންމީ އެ މީހުންގެ ވަޒީފާ އަނބުރާ ދޭން އަންގާނެ ތަނެއް ނެތް ކަމަށާއި އެކަމަކު މީހުންނަށް ލިބެންޖެހޭ މާލީ ބަދަލެއް އޮތްތޯ ބަލައި، އެކަމާ މެދު ޓްރައިބިއުނަލުން އަލުން ގޮތެއް ނިންމުމަށެވެ. އެ މައްސަލަ 22 މީހުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ހައި ކޯޓުގެ އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ.