މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކުރުމަށް ފަހު، ސަސްޕެންޝަން އުވާލިކަން ނާންގާތީ ޑިއުޓީއަށް ނުނިކުތުމުން 2009 ވަނަ އަހަަރު ސިފައިންގެ ވަޒީފާއިން ވަކިކުރި މީހެއްގެ މަގާމް އިއާދަކުރުމަށާއި މުސާރަ އާއި މި ހިނގި މުއްދަތުގައި ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މިއީ 2016 ވަނަ އަހަރު ސިވިލް ކޯޓުން ސިފައިންގެ މީހާއާ ދެކޮޅަށް ހުކުމްކުރި މައްސަލައެއް އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުން ސިވިލް ކޯޓުން އަލުން ބަލަން ފޮނުވި މައްސަލައެކެވެ.
ހައި ކޯޓުގެ އެންގުމަށް ސިވިލް ކޯޓުން އަލުން ބަލައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވާ ގޮތުން ރ. ކަނދޮޅުދޫ، ކޮތަރިވިލާ މުހައްމަދު އިސްމާއީލް ސިފައިންގެ ލާންސް ކޯޕްރަލްގެ ވަޒީފާއިން ވަކިކުރީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ސައްހަ ނޫން ފައިސާ ގެންގުޅޭ ކަމަށް ކުރި ތުހުމަތަކާ އެކު 2007 ވަަނަ އަހަރު ފުލުހުން އޭނާ ހައްޔަރުކުރި ފަހުންނެވެ. އެ ތުހުމަތަކާ ގުޅިގެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު ވަޒީފާއިން ވަކިކުރީ 2009 ވަނަ އަހަރު އެވެ.
ސަބަބެއް ކަމަށް ޑިފެންސް މިނިސްޓްރީން ކޯޓުގައި ބުނެފައިވަނީ މުހައްމަދު އިސްމާއިލް ފުލުހުންގެ ބަންދުން ދޫކޮށްލުމުން ވެސް ސަބަބެއް ނާންގައި އަދި ވެރިއެއްގެ ހުއްދަ ހޯދުމެއް ނެތި ދެ މަހާއި 20 ދުވަސް ވަންދެން ސިފައިންގެ ވަޒީފާއަށް ނުނިކުމެ ހުރުމެވެ. ނަމަވެސް މުހައްމަދު އިސްމާއިލް ބުނެފައިވަނީ ބަންދުން ދޫކޮށްލުމުން އޭނާ އަލުން ޑިއުޓީއަށް ނުކުރަންނަން އެތައް ފަހަރަކު މަސައްކަތްކުރި ކަމަށާއި އޭނާ މަޑުކޮށްގެން ހުރީ ވެރިންގެ އެންގުމަށް ކަމަށެވެ.
ސިފައިންގެ މީހަކަށްވެ ހުރެ، ގަވައިދުން ޗުއްޓީ އަދި ސަލާމް ނުހައްދައި ނުވަތަ ވެރިއެއްގެ ހުއްދަނެތި ޑިއުޓީއަށް ހާޒިރު ނުވެ ހުރުމަކީ ކުށެއް ކަމަށާއި އެފަދަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ސިފައިން ކުރާ ކުށްތަކަށް އަދަބު ދިނުމާ ބެހޭ ގަވާއިދުގައި އޮންނަކަން ޑިފެންސުން ކޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭނާއަށް ކުރި ތުހުމަތު ސާބިތު ނުވުމުން ސިފައިންގޭގެ ވަޒީފާއަށް އަލުން ނުކުތުމާއި މެދު ޑިފެންސް މިނިސްޓްރީގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އެކަން ނުވެ 2016 ވަނަ އަހަރާ ހަަމައަށް އެކަން ދެމިގެން ދިޔަ ކަމަށާއި 2009 ވަނަ އަހަރު ވަޒީފާއިން ވަކިކުރިކަން އެންގީ ވެސް 2016 ވަނަ އަހަރު ކަމަށް އެ ހުުކުމުގައި ވެ އެވެ.
މުހިންމު ބައެއް ކަންކަން:
- މުހައްމަދު އިސްމާއީލް ވަޒީފާއިން ވަކިކުރަން ނިންމި ނަމަވެސް، އެކަން އޭނާއަށް އަންގައި ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު ދީފައިވަނީ 7 އަހަރު ފަހުން، ސެޕްޓެމްބަރު 9، 2016 ގައި.
- ވަޒީފާއިން ވަކިކުރުމުގައި "ޕްރޮސީޖަރަލް ފެއާނަސް" ނުވަތަ އިޖުރާއީ އަދުލުވެރިކަން ގެންގުޅެފައި ނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި. ވަޒީފާ ދޭ ފަރާތުން ނިންމާ ނިންމުމެއް އެކަށީގެންވާ އަވަސްމިނެއްގައި މުވައްޒަފަށް އަންގަންވާނެ ކަމަށް ހުކުމުގައި ބަޔާންކޮށްފައިވޭ.
- މުހައްމަދު އިސްމާއިލް ވަޒީފާއިން ވަކިކުރިކަން ނާންގައި ހޭދަވި މުއްދަތުގައި ގެއްލުނު ޕްރޮމޯޝަންގެ ފުރުސަތު ދިނުމަށް ވެސް އަމުރުކުރި.
- ވަޒީފާއިން ވަކިކުރި ތާރީހު ކަމަށްވާ މާޗް 10، 2009 އިން ފެށިގެން އޭނާ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ލިބުނު ސެޕްޓެމްބަރު 9، 2016 އާ ހަމައަށް ހިނގި މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުން.
ގާޒީ އާދަމް ޒާލިފު ކުރެއްވި ހުކުމުގައިވާ ގޮތުން، އެ މައްސަލަ އެގޮތަށް ނިންމެވީ ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކޮށްފައިވާކަން ދައުލަތަށް ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާތީ އެވެ.